ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތަށް އޮނުގަސް އިންދާ، އާލާ ކުރަނީ

ނެޓް ޒީރޯގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ރާއްޖޭގައި އޮނުގަސް އިންދާ، އާލާ ކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައި--- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ރަށްފެހި ޕްރޮގްރާމްގެ ދަށުން، ނެޓް ޒީރޯގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ރާއްޖޭގައި އޮނުގަސް އިންދާ، އާލާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރާއްޖެއިން ވަނީ ޕެރިސް އެގްރީމަންޓުގެ ދަށުން ތައްޔާރުކުރެވޭ ނޭޝަނަލީ ޑިޓާމައިނިން ކޮންޓްރިބިއުޝަން (އެންޑީސީ)ގައި ރާއްޖެ ނެޓް ޒީރޯ ގައުމަކަށް 2030 ވަނަ އަހަރުގެ ކުރިން ހެދުމަށް އަމާޒުކޮށްފައިވައެވެ. އަދި 2021 ވަނަ އަހަރު ރައީސް ތަސްދީގުކުރެއްވި ކްލައިމެޓް އިމަޖެންސީ ގާނޫނުގައި ވެސް އެ އަމާޒު ގެނެސްފައިވެއެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށާ، މި ގެއްލުންތަކަށް ހޭނުން އަދި ގެއްލުންތައް ކުޑަކުރުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުގެ މަތިން، ނެޓް ޒީރޯގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ރާއްޖޭގައި އޮނުގަސް އިންދާ، އާލާ ކުރުމަށް ހަމަޖެހިފައިވާ ކަން މިނިސްޓްރިން ފާހަގަކުރެއެވެ.

އޮނު ގަސް އިންދުމުގެ ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

އޮނު ގަހަކީ، ވަރަށް އަވަހަށް ހެދޭ، އަދި އަމިއްލައަށް ވެސް އާލާވާ ޒާތުގެ ގަހެކެވެ. އަދި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާގެއްސަށް ވުރެ، ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހަށްޓާކަން ފާހަގަކުރެވިފައިވާ ބާވަތެެއްގެ ގަހެކެވެ.

އޮނުގަސް ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި ކަމަށް ވުމުން އެ ގޭސް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހަށްޓައެވެ. އޭގެ އިތުރުން، މި ބާވަތުގެ ގަސް، އެހެން ގަސްތަކަށްވުރެ 35 އިންސައްތަ އޮކްސިޖަން ރޭގަނޑު އުފައްދައެވެ.

އޮނު ގަހަކީ، ވަރަށް އަވަހަށް ހެދޭ، އަދި އަމިއްލައަށް ވެސް އާލާވާ ޒާތުގެ ގަހެއް--- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

އެހެން ކަމުން، މި ޕްރޮޖެކްޓްގެ ދަށުން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވާސިލްވުމަށް ފަށާފައިވާ މި ދަތުރުގެ މަންޒިލަށް ވާސިލުވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަށްފެހި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރަށްތައް ހަނަފަސްވިޔަ ނުދީ، ފެހިކަން އިތުރުކޮށް، ރުއްގަސް ދިރުވާ އާލާކުރުމުގެ މަގްސަދުގައި ރައީސްގެ ވައުދުތަކުގައި ހިމެނިގެން، 2018 ވަނަ އަހަރުގެ ފަހުކޮޅު އިފްތިތާހު ކުރެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްތަކުގައި ކޮންމެ އަހަރު ވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ އާބާދީގެ ނިސްބަތް އިތުރުވުމާ، އަދިވެސް އެހެނިގެން ސަބަބުތަކާހުރެ، ރާއްޖޭގެ ރަށްތަކުގައި ފެހިކަން، ދުވަހެއް ދުވަހަކަށް ނެތެމުން ދާ ކަމަށެވެ. އަދި ރަށްރަށުގެ ބިމުގެ ޖާގައަށް ޑިމާންްޑް ބޮޑުވެ، ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދެވިފައިވާއިރު، ހިއްކި ގިނަ ސަރަހައްދުތައް ހަނަފަސް ސަހަރާތަކެއްގެ ގޮތުގައި ދޫކޮށްލެވިފައިވާ ކަން ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެހިކަން ހުރި މިންވަރު ހޯދުމަށް އެ މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބިމުގެ ނިސްބަތަށް ބަލައި، 30 އިންސައްތައަށް ވުރެ މަދުން ފެހިކަން ހުރި 36 ރަށް އެބަހުއްޓެވެ.

comment ކޮމެންޓް