ޤާރީ ސުދައިސް މައްކާގެ ޙަރަމްފުޅުގެ އިމާމެއްގެ ގޮތުގައި ޚިދުމަތްކުރައްވާތާ 40 އަހަރު

ޤާރީ ޢަބްދުއްރަޙްމާން އައް ސުދައިސް

މައްކާގެ ޙަރަމްފުޅުގެ އިމާމް އަދި މަޝްހޫރު ޤާރީ ޢަބްދުއްރަޙްމާން އައް ސުދައިސް މައްކާގެ ޙަރަމްފުޅުގެ އިމާމެއްގެ ގޮތުގައި ހުންނަވާތާ 40 އަހަރު ފުރިއްޖެއެވެ.

އޭނާ އަކީ ދިވެހީންގެ މެދުގައާއި މުޅި އިސްލާމީ އުންމަތުގައިވެސް މަގްބޫލު ޤާރީއެކެވެ.

މައްކާގެ ޙަރަމްފުޅުގައި ޤާރީ ސުދައިސް އިމާމްވެ ފުރަތަމަ ކުރެއްވީ 1404 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 22 ވަނަ ދުވަހުގެ ޢަޞްރު ނަމާދެވެ. އެހެންކަމުން މިއަހަރުގެ ޝަޢުބާންމަހަށް މައްކާގެ ޙަރަމްފުޅުގެ އިމާމެއްގެ ގޮތުގައި އޭނާ ހުންނަވާތާ ވަނީ 40 އަހަރު ފުރިފައެވެ.

މީގެ އިތުރުން ޙަރަމްފުޅުގައި ހުކުރު ޚުތުބާ ދެއްވާތާވެސް 40 އަހަރު އަންނަ ރަމަޟާން މަހަށް ފުރިހަމަވާނެއެވެ. މައްކާގެ ޙަރަމްފުޅުގައި ޤާރީ ސުދައިސް ފުރަތަމަ ހުކުރު ޚުޠުބާއެއް ދެއްވީ 1404 ވަނަ އަހަރުގެ ރަމަޟާން މަހުއެވެ. އެއީ އޭނާގެ އުމުރުން 22 އަހަރުގައެވެ.

ޤާރީ ސުދައިސް އުފަންވެވަޑައިގަތީ 1960 ވަނަ އަހަރުގެ ފެބްރުއަރީ މަހު 10 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމް ޕްރޮވިންސްއަށެވެ. އޭނާގެ ފުރިހަމަ ނަންފުޅަކީ، ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން މުޙައްމަދު އައްސުދައިސްއެވެ. އެހެން ނަމަވެސް މީހުންގެ މެދުގައި އޭނާ މަޝްހޫރުވެވަޑައިގަތީ ޢަބްދުއްރަޙްމާން އައްސުދައިސްގެ ނަންފުޅުންނެވެ.

ސުދައިސް ވަނީ އޭނާގެ އުމުރުން 12 އަހަރު ފުރިހަމަ ނުވަނީސް ކީރިތި ޤުރުއާން ހިތުން ދަސްކުރައްވާފައެވެ. އޭރު ކިޔެވުމަށްޓަކައި އޭނާ ހުންނެވީ އާއިލާއާއެކު ސައޫދީ އަރަބިއްޔާގެ ވެރި ރަށް ރިޔާދުގައެވެ. އޭނާ ވަނީ ރިޔާދުގައި އޭރު ތިބި އެންމެ މަޝްހޫރު ޤާރީންގެ އަރިހުން ކިޔަވާ ވިދާޅުވެފައެވެ.

ޤާރީ ސުދައިސްގެ ޤުރުއާން ކިޔެވުން ރީތިކަމުން ފުރާވަރު އުމުރުގައި އޭނާއަށް ވަނީ ރިޔާދުގެ އެކި މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފައެވެ.

އެންމެ ފަހުން އުމުރުން 22 އަހަރުގައި މައްކާގެ ޙަރަމްފުޅުގެ އިމާމެއްގެ މަޤާމް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޤާރީ ސުދައިސްއަކީ މިހާތަނަށް އެންމެ ޒުވާން އުމުރެއްގައި މި ފަޚުރުވެރި މަޤާމް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅެވެ.

ޤާރީ ސުދައިސްގެ ތައުލީމަށް ބަލާއިރު އޭނާއަކީ ޝަރީއާގެ ރޮނގުން ފުރަތަމަ ދަރަޖަ ޙާޞިލްކުރެއްވުމަށްފަހު، އުޞޫލުލްފިޤްހުގެ ރޮނގުން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ 1995 ވަނަ އަހަރު އުޞޫލުލްފިޤްހުގެ ރޮނގުން ޑޮކްޓަރޭޓްގެ ދަރަޖަވެސް ހާސިލްކޮށްފައެވެ.

މިހާރު އޭނާ އަކީ މައްކާގެ ޙަރަމްފުޅުގައި ދީނީ ދަރުސްތައް ދެއްވާ ޢިލްމުވެރިއެކެވެ.

މައްކާގެ ޙަރަމްފުޅުގެ އިމާމެއްގެ ގޮތުގައި 40 އަހަރުގެ އަގުހުރި ޚިދުމަތް ޤާރީ ސުދައިސް ފުރިހަމަކުރެއްވިއިރު، މަސްޖިދުލްޙަރާމް އާއި މަސްޖިދުއްނަބަވީގެ ކަންކަން ބަލަހައްޓާ އިދާރާގެ އެންމެ އިސްވެރިޔާގެ މަޤާމުގައި މިހާރު ހުންނެވީވެސް ޤާރީ ސުދައިސްއެވެ.

މި މަގާމަށް ޤާރީ ސުދައިސް އައްޔަނުކުރެއްވީ، 2012 ވަނަ އަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން ޢަބްދުލްޢަޒީޒްއެވެ.

ޤާރީ ސުދައިސް ކުރައްވާފައިވަނީ އެންމެ ކައިވެންޏެކެވެ. އޭނާގެ އަނބިކަނބަލުން ފާޠިމާއާ ދެމީހުންގެ ކައިވެންޏަށް 9 ބޭފުޅުން ލިބިފައިވާއިރު އޭގެތެރޭގައި 4 ދަރިކަލުންނާ 5 ދަރިކަނބަލުން ހިމެނެއެވެ.

ޤާރީ ސުދައިސްގެ ޤުރުއާން ކިޔަވާ ވިދާޅުވުމަކީ އިސްލާމީ ހުރިހާ ޤައުމެއްގައިވެސް މަޝްހޫރު ކިޔެވުމެކެވެ. ސުދައިސްގެ ކިޔެވުން ނަމޫނާއަކަށް ބަލައި އެގޮތަށް ކިޔެވޭތޯ މަސައްކަތްކުރާ ޤާރީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނައެވެ.

އިސްލާމީ ދަޢުވަތު ފެތުރުއްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޤާރީ ސުދައިސް ވަނީ ދަތުރުކުރައްވާފައެވެ. ސުދައިސް އަންނަނީ އިސްލާމީ ތަޢުލީމާ ކީރިތި ޤުރުއާނުގެ އެކި މަޝްރޫޢުތައް ކުރިއެރުވުމަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް