ސާރާ އަލީ ޚާންގެ ފިލްމު ''ގޭސްލައިޓް''ގައި ސިއްރުން ފުރިގެންވާ ހާދިސާތަކެއް

މިމަހުގެ 31ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާކުރަން ނިންމާފައިވާ, ބަތަލާ ސާރާ އަލީ ޚާންގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފިއެވެ.

ސާރާގެ އިތުރުން ބަތަލާ ޗިތްރަންގްދާ ސިންގް އާއި އެކްޓަރު ވިކްރާންތު މަސީ މިފިލްމުގެ ވަރަށް މުހިންމު ރޯލްތަކުން ފެންނާނެއެވެ. ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ މަރުގެ މައްސަލައަކާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގައި ސާރާ އަލީ ޚާން ފެންނާނީ ސިއްރު މަރެއްގެ ހަގީގަތް ތިލަކޮށް ކަމާބެހޭ ފަރާތްތަކާއެކު އޭގެ ހަގީގަތް ހޯދަން މަސައްކަތްކުރާ މީހެއްގެ ރޯލުންނެވެ. ސާރާގެ މި މަސައްކަތުގެ ތެރޭގައި ދިމާވާ ތަފާތު އެކި ހާދިސާތައް ފިލްމުން ފެންނާނެއެވެ.

ބައެއް ފަހަރު ނޭވާ ހިފަހައްޓާލަންޖެހޭ ދަނޑިވަޅުތައްވެސް ފިލްމުން ފެންނާނެކަމަށް، ފިލްމުގެ ޓްރެއިލާ ޕޯސްޓްކުރުމަށްފަހު ބަތަލާވަނީ ބުނެފައެވެ. ފިލްމުގެ ބޮޑު ބައިން ސާރާ ފެންނާނީ ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެން ދިމާވާ ހާދިސާތަކުން ރެކެން މަސައްކަތްކުރާ މަންޒަރެވެ. އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވީކަމަށް ސާރާވަނީ ބުނެފައެވެ.

ފިލްމުގައި ސާރާއާއެކު ދެން ފެންނަ ބަތަލާ ޗިތުރަންގްދާއެކު މިއީ ސާރާ ކުޅޭ ފުރަތަމަ ފިލްމުވެސްމެއެވެ. މީގެކުރިންވެސް ޗިތުރަންދްގާވަނީ ބައެއް ފިލްމުތަކުން ފެނިފައެވެ. ސާރާ ބުނެފައިވަނީ މިއީ ތަޖުރިބާކާރު ތަރިންތަކަކާއެކު ކުރެވުނު ވަރަށް ތަފާތު އާ މަސައްކަތެއް ކަމަށެވެ.

ފިލްމު "ގޭސް ލައިޓް"އަކީ ސާރާ ސޮއިކޮށްފައިވާ ހަތަރު ފިލްމުގެތެރެއިން މިއަހަރު ރިލީޒްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ. މިފިލްމުގެ އިތުރުން މަރާޓީ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރުގެ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމެއްގެ މަސައްކަތް އޭނާ ވަނީ ނިންމާލާފައެވެ.

"އޭ ވަތަން މޭރޭ ވަތަން"ގެ ނަމުގައި އުފައްދާ ފިލްމެއްގެ މަސައްކަތްވެސް އޭނާ ވަނީ ނިންމާލާފައެވެ. މި ދެ ފިލްމުވެސް މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާއިރު އެއީ ކޮން ތާރީޚެއްކަން އަދި އިއުލާނުނުކުރެއެވެ. މިފިލްމުތަކުގެ އިތުރުންވެސް ސާރާ އަންނަނީ އިތުރު ދެ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް