ތިން އެއާޕޯޓެއްގެ މަސައްކަތް ނިމި މި އަހަރު ތެރޭ ޚިދުމަތް ދޭން ފެށޭނެ: ރައީސް

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް --- ފޮޓޯ/ރައީސް އޮފީސް

މި ސަރުކާރުން މ. މުލި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި ގާއިމްކުރާ އެއާޕޯޓުގެ މަސައްކަތް ނިމި މި އަހަރުތެރޭ ޚިދުމަތްދޭން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.

މި ތިން އެއާޕޯޓަކީ ވެސް މި ސަރުކާރުން ރާވައިގެން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކެވެ. އެގޮތުން އަލިފުށީ ފަޅު ހިއްކައިގެން ތަރައްގީކުރާ 451 މިލިއަން ރުފިޔާގެ އަލިފުށީ އެއާޕޯޓާއި، 231 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ މަގޫދޫ އެއާޕޯޓާއި 221 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ މުލީ އެއާޕޯޓުގެ މަސައްކަތްތައް ވަނީ ސަރުކާރު ހިއްސާވާ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި އެއާޕޯޓުތަކުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފެށޭނަ ކަމުގެ ހަބަރު ރައީސް ހިއްސާކުރެއްވީ ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި 20 މިނިޓުން ދަތުރުކުރެވޭ އެއާޕޯޓެއް އޮތުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓާއެކު ގދ. އަތޮޅު އެ މިންގަނޑަށް ފެތިފައިވާކަމަށް ރައީސް އުފަލާއެކު ފާހަގަކުރެއްވިއެވެ.

"ވާދޫ ރައްޔިތުން މީގެ ކުރިން ކުރަމުން އައި އެއްގަޑިއިރުގެ ދަތުރު އެންމެ 15 މިނިޓަށް ކުރުވީ. ފިޔޯރީ މީހުންގެ 50 މިނިޓުގެ ދަތުރު 10 މިނިޓަށް އަދި ރަތަފަންދޫ މީހުންގެ 45 މިނިޓުން ކުރި ދަތުރު 20 މިނިޓަށް ކުރުވެއްޖެ. އަދި މި ރަށުގެ ރައްޔިތުން އެއް ގަޑިއިރުން ކުރި ދަތުރު ނިސްބަތުން ބަލާނަމަ އެ ކުރެވުނީ ގާތްގަނޑަކަށް ގެއާ ބަދިގެއާ ދޭތެރޭގެ ދުރުމިނަކަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ނ. މާފަރު އެއާޕޯޓު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަންނަ އަހަރުގެ ކުރީކޮޅު ނިންމާ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރާކަމަށެވެ. އަދި ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫ، ތ. ވިލުފުށީގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކައިގައި، ފަރެސްމާތޮޑާގައި ގާއިމްކުރެވުނު އެއާޕޯޓާއެކު، އިގްތިސޯދީ އެތައް މަންފާއެއް ލިބި، އެ އަތޮޅުގެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"ވައިގެ ބަނދަރާއެކު ދެން ތަރައްގީކުރި ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެ ދިޔައީ ކުރިން ނެތް އެތައް ވަޒީފާއެއް. މި އުންމީދު ހާސިލްވުމާއެކު ކުރިއަށް އޮތީ އަދި މާ ފަހި ފުރުސަތުތަކެއް. މި ރަށާ ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެން ދާނެ. މި ރަށުގައި އެންމެ އަވަހަށް ދެން ފުޅާވާނެކަމަށް ދެން އަޅުގަނޑަށް ފެންނަނީ ޓެކްސީގެ ޚިދުމަތް،" ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ފަރެސްމާތޮޑާ އެއާޕޯޓާއެކު، ހޮޓާ ރެސްޓޯރެންޓް ގެ ވިޔަފާރިއާއި އެހެން ވިޔަފާރިތަކަށް ތަނަވަސް ދޮރެއް ހުޅުވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ގެސްޓް ހައުސްގެ ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި ތިބި ރައްޔިތުންނަށް ހުޅުވުނު ތަނަވަސް ދޮރެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަރެސްމާތޮޑާގައި މިއަދު ހުޅުވުނު އެއާޕޯޓަކީ ހުވަދު އަތޮޅުގެ ހަތަރު ވަނަ އެއާޕޯޓެވެ. ހުވަދު އަތޮޅުގައި ދެން އޮންނަ އެއާޕޯޓުތަކަކީ އެ އަތޮޅުގައި އެންމެ ފުރަތަމަ ތަރައްގީކުރި ގދ. ކާޑެއްދޫ އެއާޕޯޓާއި، ރިސޯޓަކާ އެކީ ތަރައްގީކުރެވިފައިވާ ގއ. ކޫއްޑޫ އެއާޕޯޓާއި، ގދ. މާވަރުލު އެއާޕޯޓެވެ.

comment ކޮމެންޓް