އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުން ދަށް ވެފައިވާ ފީނާ ދޫނީ ނުވަތަ ޕެންގުއިންތަކަކަށް ޚާއްސަ ލެންސުތަކެއް ތައްޔާރުކޮށް ލައްވައިފިއެވެ.
ސިންގަޕޫރުގެ ޒުލެއްގައި ތިބި އެ ޕެންގުއިންތަކުގެ ފެނުން ރަނގަޅު ކުރުމަށްޓަކައި ކެޓަރެކްޓްސް ސާޖަރީ ހެދުމަށްފަހު އެ ހުރިހާ ޕެންގުއިންތަކުގެ ހާލު ރަނގަޅު ކަމަށް އެ ތަނުން ބުނެއެވެ.
މަންޑައި ވައިލްޑް ލައިފް ގްރޫޕުން ބަލަހައްޓާ އެތަނާއި ޖަނަވާރުންގެ ޑޮކްޓަރުން ގުޅިގެން ވަނީ މީގެ ދެ މަސް ކުރީން ސާޖަރީ ހަދާފައެވެ. މިއީ މިފަދަ ސާޖަރީއެއް ފީނާ ދޫނިތަކަށް ހެދި ފުރަތަމަ ފަހަރެވެ.
ކެޓަރެކްޓްސްއަކީ އުމުރުން ދުވަސްވުމާއެކު އިންސާނުންނާއި ޖަނަވާރުންގެ ލޮލަށް ދިމާވާ މައްސަލައެކެވެ. ކެޓަަރެކްޓްސް ހުންނަ ނަމަ، ލޮލުުގެ ކަޅީގެ ވަށައިގެން ފުސްކަމެއް އުފެދޭނެއެވެ. ނަތީޖާއެއްގެ ގޮތުން ފެނުމަށް ދަތިތަކާ ކުރިމަތިވާނެއެވެ.
މިކަމާ ގުޅިގެން ޒޫ، "ޖުރޮންގް ބާޑް ޕާކް"ގައި އުޅޭ ތިން "ކިންގް ޕެންގުއިން"ގެ ސާޖަރީ ވަނީ ހަދާފައެވެ. މި ތިން ފީނާ ދޫންޏަކީވެސް 20 އަހަރަށް ވުރެ ދުވަސްވީ ޕެންގުއިންތަކެކެވެ.
ސާޖަރީ ހެދުމުގައި މަސައްކަތް ކުރި ޑޮކްޓަރެއް ކަމަށްވާ އެލެން ރަސީދީ ބުނިގޮތުގައި އެމީހުންނަށް ފާހަގަވީ މި ފީނާ ދޫނިތަކުގެ ފެނުން ދަށްވެ އަމިއްލައަށް އުޅެން ދަތިވެފައިވާ ކަމެވެ. އެއާއެކު އޭގެ ފެނުން ރަނގަޅު ކުރުމަށް ސާޖަރީ ހަދަން ނިންމީ ކަމަށް އޭނާ ބުންޏެވެ.
މި ތިން ފީނާ ދޫންޏަށް ވެސް ވަނީ ކަސްޓަމް އިންޓްރޮކިއުލާ ލެންސް އިމްޕްލާންޓް ލައްވާފައެވެ. މި މަސައްކަތަކީ ވެޓެނަރީ ބޭސްވެރިކަމަށް ބޮޑު ކުރިއެރުމެއް ކަމަށް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ.
ލެންސް ލައްވައި އެއަށް ބޭނުންވާ ފަރުވާތައް ދިިނުމަށްފަހު އެ ފީނާ ދޫނިތަކުގެ ހާލު ރަނގަޅުވުމުން އެ ދޫނިތައް އުޅޭ ގޮތް އެކްޓިވް ކަމަށް ވެޓުން ފާހަގަކޮށްފައިވެއެވެ.