އެޗްޑީސީން ހުޅުމާލޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވައިފި

އެޗްޑީސީން ހުޅުމާލޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވުން --

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭނެ ކޮންޓެއިނާ ސެންޓަރެއް ހުޅުވައިފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ. މިއީ ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް އެ ކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެޗްޑީސީން ހުޅުވި ކޮންޓެއިނާ ސެންޓަރެކެވެ.

ހުޅުމާލޭ ދެވަނަ ފޭހުގައި ހުޅުވި އެ ސެންޓަރާ ބެހޭގޮތުން އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފު ވިދާޅުވީ މި ޑޭޓާ ސެންޓަރުގެ ސަބަބުން މީގެ ކުރިން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޖީކޮމް ޖީޕޮން އެކްސެސް ނެޓްވޯކްގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސެންޓަރުން ލިބޭ ޚިދުމަތް އިތުރުކޮށް ފުޅާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާނެ ކަމަށެވެ.

އެޗްޑީސީގެ މި ޑޭޓާ ސެންޓަރުން އަހަރެއްގެ މައްޗަށް 99 ޕަސެންޓް އަޕްޓައިމް ނުވަތަ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނަ ވަގުތުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

އެންމެ މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއްގެ ހުންނަ މި ޑޭޓާ ސެންޓަރުގައި ކަރަންޓް ކެނޑޭ ވަގުތުތަކުގައި ބޭނުންކުރުމަށް 80 ކިލޯވޮޓުގެ ބެކަޕް ޖެނެރޭޓަރެއް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ސެންޓަރަކީ ތިމާވެއްޓާއި ރައްޓެހި އަދި އަލިފާން ނިޒާމެއް ވެސް ޤާއިމްކޮށްފައި ހުރި ޑޭޓާ ސިސްޓަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް