މޫސުން ގޯސްވުމާ ގުޅިގެން ސްޕޯޓްސް އެވޯޑް ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި

ސްޕޯޓްސް އެވޯޑްސް 2022 ވަަނަތައް ހާސިލް ކުރި އެޓްރީޓުންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓި--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ފަސްކޮށްފިއެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީން ނިންމާފައިވަނީ މާދަމާ ރޭ އެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވާށެވެ. ނަމަވެސް މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ރޭ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެ ހަފުލާ ފަސްކޮށްފައިވާ ކަމަށެވެ.

ދެން މި އެވޯޑު ހަފުލާ އޮންނާނީ ހުކުރު ދުވަހުގެ ރޭގައެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު ބޭއްވުމަށް ކުރީން ތާވަލަށް ލާފައި އޮތް ކުޑަކުދީންގެ ހަވީރާއި މިއުޒިިކު ޝޯ އޮންނާނީ ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.

ކުޅިވަރުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ވަނީ މިދިޔަ އަހަރު ވެސް ބާއްވާފައެވެ. ޔޫތު މިނިސްޓްރީން ބުނެފައިވަނީ މި އަހަރުގެ ސްޕޯޓްސް އެވޯޑު ކުރީ އަހަރުތަކަށް ވުރެ މާ ފުރިހަމަވާނެ ކަމަށެވެ.

ސްޕޯޓްސް އެވޯޑުގެ ގާލާ ނައިޓުގައި ބައިވެރިވުމަށް ބައިނަލްްއަގްވާމީ ކުޅިވަރު ޝަހުސިއްޔަތުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. މި ހަފުލާގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު ޑޭވިޑް ޖޭމްސް އާއި ޕެރަލިމްޕިކް ރަން މެޑަލް އެތުލީޓު މާލޯ ވެން ރީންގެ އިތުރުން ކުރީގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ ބްރަޔަން ލާރާ އާއި ފުޓުބޯޅައިގެ ތާރީހުގައި ބެލެންޑޯ ހޯދި ހަމައެކަނި ޑިފެންޑަރު ފަބިއޯ ކަނަވާރޯ ބައިވެރިވާނެއެވެ.

މި އެވޯޑުގައި އެކި ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވާނެއެވެ. އަދި އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި ހުރިހާ ކުޅިވަރެއް އެއްކޮށް އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ވެސް ހޮވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު