ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހް މިއަދު "ސަން"އަށް ވިދާޅުވީ ޕާޓީގައި އަސާސީ ގަވާއިދުގައި ވާގޮތުގެ މަތިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަސާސީ ގަވާއިދު ބުނާގޮތުން ޕްރައިމަރީއަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓް ލެވޭނީ އެ ޕާޓީގެ ކައުންސިލް މެމްބަރުންނަށް ކަމަށެވެ. ޕްރައިމަރީގައި އާންމު މެންބަރެއް ވޯޓެއް ނުލާނެއެވެ.
"ޕްރައިމަރީއަށް ހުޅުވައިލާނެ، ހުޅުވާލީމައި ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް ވޯޓުލާނީ ކައުންސިލުން." އަލީ ވިދާޅުވިއެވެ.
ޖޭޕީގައި ކައުންސިލްގައި 100 އެއްހާ މެންބަރުން ތިއްބަވާއިރު އެ ޕާޓީގައި ކައުންސިލަށް ބޮޑެތި ބާރުތަކެއް އޮވެއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އިސްވެ އޮވެ ވާދަކުރަން ނިންމީ ވެސް އިއްޔެ ބޭއްވި އެ ޕާޓީގެ 151ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާ ގާނޫނު އަސާސީ އެކުލަވައިލި ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް ޖޭޕީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވައެވެ. އޭނާއަށް ވާދަނުކުރެއްވުނީ ނިމިދިޔަ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކަންޏެވެ. އެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ. އެހެންވެ، އެ އިންތިޚާބުގައި އެ ޕާޓީން ނިންމީ އިދިކޮޅު އިއްތިހާދުގައި ބައިވެރިވެ، އިއްތިހާދުގެ ކެންޑިޑޭޓެއް ނެރޭށެވެ.
އެކަމަކު، 2008ވަނަ އަހަރާއި 2013ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ދެވަނަ ބުރަކަށް ދާން ބޭނުންވާ ވަރަށް ވޯޓު ހަމަ ކުރެވިފައެއް ނުވެއެވެ.
ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ދެއްވާފައިވަނިކޮށެވެ. އެ މަނިކުފާނު ވަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ ތަކުރާރުކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.
އެކަމަކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގާސިމް ވަކިން ވާދަކުރައްވަން ލޮބީ ކުރައްވަމުންނެވެ. އެ މަނިކުފާނަށް ތާއީދުކުރައްވައި މަޖިލީސް މެންބަރުން ރޭ ވަނީ ޖޭޕީއާ ގުޅިގެން ޖޮއިންޓް ޕީޖީ ގުރޫޕެއް އެކުވަލައިލުމުގެ މަޝްވަރާތައް ވެސް ފަށައިފައެވެ.