އޭންޓް މޭންގެ ޕްލޮޓް ލީކުކޮށްލި މީހުން ހޯދަނީ

މާވެލް ސިނެމޭޓިކް ޔުނިވާސްގެ ސުޕަހީރޯތަކުގެ މިއަހަރުގެ ފުރަތަމަ ފިލްމު "އޭންޓް މޭން"ގެ އާ ފިލްމު "ކުއަންޓަމޭނިއާ" ރިލީޒްކުރުމުގެ ކުރީން ޕްލޮޓް ލީކުކޮށްލި މައްސަލަ ބަލަން ފަށައިފިއެވެ.

ޑިޒްނީގެ ދަށުން ހިންގާ މާވެލްއިން މިދިޔަ މަހުގެ 17ގައި ވަނީ އޭންޓް މޭންގެ ތިންވަނަ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާފައެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ ޕްލޮޓު ވަނީ ބަޔަކު އިންޓަނެޓަށް ލީކު ކޮށްލާފައެވެ.

އެކަމާ ގުޅިގެން ޑިޒްނީގެ ވަކީލެއް ބުނެފައިވަނީ މިހާރު އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ވުމާ ވަރަށް ގާތް ވެފައިވާ ކަމަށް ވެސް ވަކީލުން ވަނީ ހާމަކޮށްފައެވެ. އެ ފިލްމު ލީކު ކުރި ބަޔަކާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރުން އެކަށީގެންވެއެވެ.

ކާމިޔާބު ދެ ބަޔަށް ފަހު މިފަހަރު ނެރުނު އޭންޓް މޭން ފިލްމު، އޭންޓް މޭން އެންޑް ވޯސްޕް: ކުއަންޓަމޭނިއާ ވަނީ ބޮޑު ފްލޮޕަކަށް ވެފައެވެ. ފިލްމަށް މިހާތަނަށް ލިބިފައިވަނީ 447 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އެއާއެކު، އެ ފިލްމު ވަނީ މާވެލްގެ އެންމެ ދަށް އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނިފައެވެ.

ފިލްމު ރިލީޒް ކުރުމާ ގާތްކޮށް ރިވިއުތައް ރަނގަޅު ނަމަވެސް މިހާރު ރިވިއުތައް ވެސް ބުނަނީ ފިލްމު ރަނގަޅު ނޫން ކަމަށެވެ.

އޭންޓް މޭންގެ އާ ފިލްމާއެކު މާވެލްގެ އާ ފޭސް ނުވަތަ ފޭސް ފަހެއް ފެށިގެންދާނެއެވެ. އެއާއެކު އާ ވިލަންއެއް ތައާރަފުވެ ބޮޑު ތަޅާލުންގަނޑަކަށް ދާނެއެވެ.

މިފަހަރު އޭންޓް މޭންގެ ކެރެކްޓަރު ސްކޮޓް ލޭންގް ވާދަކުރި ވިލަން އަކީ ކޭންގް އާއި މޯޑޯއެވެ. ކޭންގް އަކީ 2021 ވަނަ އަހަރު ނެރުނު "ލޯކީ" ސީރީޒްގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ވިލަންއެވެ. މިއީ އެވެންޖާސްއަށް ދާން ވާއިރު އެންމެ ބޮޑު ވިލަންގެ ގޮތުގައި ހިމެނޭ އެއް ވިލަންއެވެ. މި ފިލްމުގައި މުހިއްމު ރޯލުތަކުން ޕޯލް ރަޑް އާއި އެވާންޖެލީން ލިލީގެ އިތުރުން ޖޮނަތަން މޭޖާސް އަދި ކެތުރީން ނިއުޓަން ފެންނާނެއެވެ.

comment ކޮމެންޓް