"އަމްރު ބިން ގައިސް ރަހިމަހުﷲ ވިދާޅުވިއެވެ. ރަމަޟާން މަހުގެ ކުރިން ނަފުސް އިސްލާހުކޮށްފި މީހަކަށް އުފާވެރިކަން ހުއްޓެވެ."

***

ތިންވަނަ ދުވަހު ޚަބަރުލިބުނީ މަންމަ ކޮޓަރިތެރެއަށް ވެއްޓިގެން އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. ކައިނާތުގެ މެޔަށް ނުބައިގޮތެއްވިއެވެ. ނަސީބަކުން އެރޭ ސައިރަސް ކާއިނާތު ގޮވައިގެން ފުރަން ހަމަޖެހިފައިވާތީ މަންމައާއި ހަމަޔަށް ފޯރަން މާގިނަ ދުވަހެއްނެތްކަން އެނގުނެވެ.

ޕްރައިވެޓްޖެޓްގައި ރާއްޖެއަށް އާދެވުމާއެކު ކާއިނާތު ހީކުރިގޮތާއި ޚިލާފަށް ސައިރަސް ކާރު މަޑުކުރުވީ އޭނަގެ ގެއަށެވެ. ކާއިނާތު ބޭނުންވީ އެންމެ ކުރިންވެސް ހޮސްޕިޓަލަށް މަޑުކޮށްލާފައި މަންމަގެ ހާލު އޮޅުން ފިލުވުމަށެވެ. ފަހުންވެސް އަރާމުކޮށްލެވިދާނެއެވެ.

"ލަގެޖް އެއްޗެހިވެސް ގެއަށް ބާލާފައިތާ ދެވޭނީ. އަހަރެންވެސް ބޭނުން ރެސްޓެއް ނަގައިލަން..." ސައިރަސްގެ އަމަލުހުރިގޮތުން ކާއިނާތު ކަންބޮޑުވިއެވެ.

"މިގޭގައި މަޑުކުރަނީ؟ އައި ތޯޓް ހޮޓަލެއްގައި ކަމަށް..."

"ހާދަ ދުރުކޮށްލަނީ ދެން..."ސައިރަސް ދެރަވިކަމަށް ހެދުނެވެ. "އެހެންނޫނަސް ކާއީ ހުންނަ ތަނެއްގައި މަށަށް އުޅެވޭނީ. މިއީ އެންމެ ލޯބި ޕްލޭސް ހަމަ..."

"އެންމެ ރަގަޅު..."

އެތެރެއަށް ވަދެފައި ސައިރަސް އެދުނީ ކޮފީތަށްޓަކަށެވެ. ކާއިނާތު އަވަސްވެލާފައި ކޮފީއެއް ގެނެސްދިނުމުން އަތުލިއެވެ. "ތެންކިއު ލަވް..ދެން އަވަހަށް މަންމަ ގާތަށް ގޮސްލާފައި އާދޭ. އެހާ ދެރަނުވައްޗޭ މަންމަ ރަގަޅުވާނެ. ޝީއިޒް އެ ފައިޓާރ...އަހަރެން ކުޑަކޮށް ނިދައިލާނަން އިނގޭ..."

ސައިރަސް ކާއިނާތުގެ ނިތަށް ބޮސްދިނުމަށްފަހު އެނދުގައި ހަށިގަނޑު ދަމައިލުމުން ކާއިނާތު ބޮކި ނިވާލިއެވެ. އެއަށްފަހު ޓެކްސީއެއްގައި ހޮސްޕިޓަލަށް ފޯރުމާއެކު މޭރީއަށް ގުޅިއެވެ. މޭރީ ބުނީ މަންމަގެ ހާލު ސީރިޔަސްކަމުގައެވެ. ސީޓީ ސްކޭނުން ދައްކަނީ ސިކުނޑިއަށް ލޭ އެޅިފައިވާކަމުގައެވެ. ކާއިނާތުގެ ހިތުގައި ބިރުވެރިކަން ހިނގައިލިއެވެ. މަންމައަށް އެހާ ބޮޑުވަރުވީއިރު އޭނަ އުޅުނީ ދުނިޔޭގެ އުފަލާއި މަޖަލާއި އަމިއްލަ އެދުމުން ފުރިގެންނެވެ. ކާއިނާތުއަށް އޭނަގެ މަންމަ އައިސީޔޫގައި އޮތް ހާލު ފެނި ހުއްޓުން އެރިއެވެ. ވެންޓިލޭޓާރއަށް ލާފައި އޮތްއިރު އެ މޫނުގައި އެއްވެސް ދިރުމެއްނެތެވެ. އަލުން ދުނިޔެއަށް ލޯ ހުޅުވައިލާނެކަމުގެ އެއްވެސް އަލާމާތެއް ނުފެނުނެވެ. މެޝިންތަކުގެ އަޑުވެސް ކަންފަތުގައި ގުގުމަމުން ދިޔައީ ހޮނުގުގުރިއެއްހާ ބާރަށެވެ.

"މަންމާ. އަޅުގަނޑަށް މާފުކުރޭ....ލަސްވެވުނީ...މަންމަ ބަލިކަން ކުރިން އެނގުނުނަމަ. މަންމަ ނުވެސް ބުނަމެއްނު...މަންމަ ގޭގައި މަޑުނުކޮށް ބޭރަށް ދާތީ އަޅުގަނޑަށް އޮޅުނީ. މަންމަ ފިޓްކަމަށް ގަބޫލުކުރެވުނީ..."ކާއިނާތު އޭނަގެ މަންމަގެ ގަނޑުފެންކޮޅެއްހާ ފިނި އަތުގައި މަޑުމަޑުން ހިފެހެއްޓިއެވެ. މޫނާއިއެކު އަތުގެ އިނގިލިތައްވެސް ދުޅަވެފައެވެ.

"މަންމާ. ލޯ ހުޅުވަބަލަ. އިރާދަކުރެއްވިއްޔާ ރަގަޅުވާނެ..."

"ޔާﷲ ގްރާންޓް ހާރ އެ ސްޕީޑީ ރިކަވަރީ...." ކާއިނާތުއަށް ލޯ މަރައިލެވުނެވެ.

***

"ކާއީ. އައިމް ސޯ ސޮރީ. މަންމަ ބަލިކަން އެނގުމާއެކު އަހަރެމެން މިތަނަށް އައިން...ކާއީގެ ޚަބަރެއް ނުވާތީ ވަރަށް ދެރަވެފައި ތިބީ....ނަމްބަރުވެސް ޗޭންޖުކުރީތަ؟" އާޔާ ކާއިނާތުގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"އެއީ....އާނ އަދި އާ ނަމްބަރެއް ނަގައިގެން ނުބުނެވުނީ. ކިހިނެއް އާޔާއާއި ލައި؟" ކާއިނާތު ހިނިތުންވާން މަސައްކަތްކުރިއެވެ.

"ގުޑް އަލްހަމްދުލިﷲ. އެކަމަކު ކާއީ ހާދަ ޕޭލްއޭ. ވަރަށް ވީކްވެފައިހެން ހީވޭ. އެއްޗެއް ކާލަން ހިނގާބަލަ..." ލައިކާ ކާއިނާތުގެ އަތުގައި ހިފެހެއްޓިއެވެ.

"ކާހިތެއްނެތް...." ކާއިނާތުގެ ހިތާއި ސިކުނޑި ފުރިފައިވަނީ ކުށްވެރި އިހުސާސްތަކުންނެވެ. މަންމަގެ މާފު ލިބުމެއްނެތި ދުނިޔެއާއި ވަކިވެގެން ހިގައްޖެނަމަ އޭނަގެ ދިރިއުޅުން ނަރަކައަކަށް ވެގެން ހިނގައިދާނެއެވެ. މަންމަ ގުޅިޔަސް ސައިރަސްއާއެކު ވަގުތުހޭދަކުރުމުގެ ސަބަބުން ފޯނު ނުނެގުނު ވަގުތުތަކާއިމެދުވެސް އޭނަ ހިތާމަކުރިއެވެ.

"ނޫން. ކާއީ. ހިތާމަވެސް ކުރެވޭނީ ގައިގާ ވަރެއް ހުރެގެން. ކާއީ މަންމަ ބޭނުމެއްނުވާނެ އަމިއްލަ ދަރި ނުކައިނުބޮއި ހުންނަން...ދެރައީ އަހަރެމެން ހީކުރީވެސް މަންމަވީ ކާއީ ގާތު އެމެރިކާގައި ކަމަށޭ. އެނގުނުނަމަ ހާލު ބަލައިލަން ދާނަން...ކާއީ ނުވެސް ބުނަމެއްނު..."ކާއިނާތުގެ ހިތުގެ ހާލަތު ނޭގި އެ ހިތުގެ އިހުސާސްތަކުގެ އަލިފާނަށް ލައިކާ ދަރުއެޅިއެވެ.

ކާއިނާތު ސޫޕްއެއް ބޯލުމަށްފަހު ހެދިބިލެތްގަނޑުން އެތިކޮޅެއް އަނގަޔަށް ލިއެވެ.

"ކޮބާ އާޔާގެ ހަޒްބެންޑް ؟ އަދިވެސް ނޫހުގައި ދޯ ވޯކްކުރަނީ؟"

"އާނ. އަލްހަމްދުލިﷲ ރަގަޅު...."

"ކޮބާ ސައިރަސް؟"ލައިކާ އެހިއެވެ.

"ލޯންގް ޓްރިޕެއްވީމަ ސައިރަސް ވަރަށް ވަރުބަލިވެފައި ނިދާލަން ޖައްސައިލީ...."

"އަހަރެމެންނާއި ބައްދަލުކުރުވައްޗޭ. އަހަންނަކީވެސް ސައިރަސްގެ ބިގް ފޭނެކޭ.....ކުރިން މިވާހަކަ ނުބުނެވޭ ދޯ......" ލައިކާ ކާއިނާތުގެ އަތުގައި ހިފަހައްޓާލަމުން އެހެން ބުނެލުމުން އާޔާ ކުޑަކޮށް ކަޅިއަޅައިލާފައި ލޮލުން އިޝާރާތްކޮށްލުމުން ލައިކާ ދެނެގަތެވެ. ކާއިނާތުގެ ހިތާމައިގާ ބައިވެރިވާން އައިސް މިފަދަ ސަމާސާތައްކުރުމުން ކާއިނާތުގެ ހިތަށް އުދަގޫވެދާނެއެވެ. އޭނަ ބޭނުންވާނީ ސަޕޯޓެވެ. މަޖާކުރުމަށް ނޫނެވެ.

"އިންޝާﷲ..."

ކައިގެން ނިމިގެން އައިއިރު މޭރީ ފެންނަން ނެތުމުން ގުޅިއިރު ފޯނުއޮތީ ނިވާލާފައެވެ. ހިތުގައި ނުބައި ޝައްކުތަކެއް ހިނގާލައިފިއެވެ. ސައިރަސް އެކަނި ގޭގައި ނިދާފައި އޮތްވާ މޭރީ އެގެއަށް ދިޔުމަކީ ރަގަޅުގޮތެއް ނޫނެވެ. ފޯނުވެސް ނިވާލީއެވެ. ޗެކްކުރަން ގެއަށް ދާހިތުން ހިތް ބޭގަރާރުވެފައިވެސް އެކަންތައްތަކުގެ މައްޗަށް ގަދަވެގަތީ މަންމައޮތް ހާލަތެވެ. ޑޮކްޓަރާއި ބައްދަލުކޮށް ވެގެން އުޅޭގޮތް ރަގަޅަށް އޮޅުން ފިލުވަން އޭނަ އެދުނެވެ. ޑޮކްޓަރުގެ ވާހަކަތަކުން މާޔޫސްކަމާއި ހިތްދަތިކަން ސާލެއްފަދައިން އޮޅާ ބާރުކޮށްލާ ނޭވާވެސް ހިނގުން ހުއްޓުވިއެވެ. މަންމަގެ ހަޔާތުގެ ފަހު ނޭވާތައް ގުނަމުންދަނީކަން އެނގި ހުރިހާ ވަގުތެއް ގާތުގައި އިންނަން ބޭނުންވިޔަސް ވަގުތު ފާއިތުވިކަން ރޭކާލިއެވެ. ވަގުތަކީ މީހަކަށް މަޑުޖަހާނެ އެއްޗެއް ނޫންކަމާއި މައިންބަފައިންނަށް ތިމާގެ އަވަދިނެތް ތާވަލުން ވަގުތުކޮޅެއް ދިނުމުގެ މުހިއްމުކަން މިއަދު ކާއިނާތުއަށް އިހުސާސްވެއްޖެއެވެ. ކިތަންމެ ވަރަށް ކަރުނަ އޮއްސިޔަސް މާޒީ އަނބުރާ ގެނެވޭނެ ގޮތެއްނެތެވެ.

"ޓައިމް ޓްރެވެލް ކުރެވޭނެނަމަ..ފިލްމުތަކުންވާހެން. އަހަރެން މީ ހާދަ ނުބައި މީހެކޭ.މަންމަ ކިހާދެރަވާނެ. މިހާ ބަލިވިއިރުވެސް ނޭގުނު...މަންމާ މާފު...."ކާއިނާތުގެ ހިތް ހަލާކުވަމުން ދިޔައެވެ. ނަމަވެސް އެދެލޮލުގައި ވި ހުސްކަމުގެ ތެރެއިން އެންމެ ކަރުނަތިއްކެއްވެސް ވިދާތަނެއް ނުފެނުނެވެ.

***

"ސައިރަސް. ފޯނު ނަގާބަލަ. މަންމަގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ޑޮކްޓަރ ބުނީ...."ކާއިނާތު ސއިރަސްގެ ފޯނަށް ގުޅާގުޅާ ފޯނު ނަގާނެގޮތެއް ނުވިއެވެ. މޭރީގެ ޚަބަރެއްވެސް ވީއެއް ނޫނެވެ. އެންމެފަހުން އަވަށްޓެރިކުއްޖަކަށް ގުޅުމުން އޭނަ ބުނީ ގޭގެ މައިދޮރު ހުރީ ހުޅުވާފައިކަމަށާއި ގޭގައި މީހަކު ނޫޅޭކަމަށެވެ. ކާއިނާތުގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. މަންމަ އެ ހާލުގައި އޮތްވާވެސް އޭނަ ޓެކްސީއެއް ނަގައިގެން ގެއަށް ދިޔައީ އެކަން ޔަގީންކޮށްލުމަށެވެ. އެބުނާހެން ދޮރުހުރީ އަޑާއަށް ހުޅުވާފައެވެ. ކާއިނާތުގެ ކޮޓަރީގައި ސައިރަސްއެއް ނެތެވެ. ސައިރަސް ބޭނުންކުރާ އެއްވެސް ސާމާނެއްނެތެވެ. އޭނަ ނުނިދިގެން ހޮސްޕިޓަލަށް ދިޔަނަމަވެސް ބެކްޕެކްވެސް ހުރީހެވެ.

ދާންވީތަނެއް ނޭގި ބޮލުގައި އަތް އަޅައިގެން ގާ ބުދެއްހެން ހުއްޓާ ފޯނު ދިއްލުމުން ބަލައިލިއިރު މޭރީގެ މެސެޖެކެވެ.

"ސޮރީ ކާއީ..ފުރަންވެގެން ޖެޓަށް އަރާ މިއިނީ...ސައިރަސްގެ ފޯނު މައްސަލައެއް ޖެހިގެން ނުގުޅުނީއޯ..."މޭރީ ގެ މެސެޖާއެކު އައި ފޮޓޯއިންވެސް ކާއިނާތުގެ ހިތުގައި އިތުރު ކޫރުންތަކެއް އަޅުވައިފިއެވެ. މޫނާއި މޫނު ކިރިޔާ ނުޖެހޭކަމެވެ. އެހާ ގާތުގައި ހިނިތުންވެފައި ސައިރަސްއާއި މޭރީ ތިބިއިރު ކާއިނާތުއަށް އެދެމީހުން ފެނުނީ ސާހިބާއާއި ޚާދިމާއަކާއި އޮތް ގުޅުމެއް ނޫނެވެ. އެ ފޮޓޯ ކިޔައިދިނީ އެހެން ވާހަކައެކެވެ. ކާއިނާތުގެ ހިތް ފަޅައިގެންދާވަރުވިއެވެ. އެފޮޓޯ ވަގުތުން ފޮހެލެވުނަސް އެދެމީހުންގެ ގުޅުމެއް އޮތިއްޔާ ހުއްޓުވިދާނެހެއްޔެވެ؟ ސައިރަސްގެ ކެހިވެރިކަމާއި ބޭވަފާތެރިކަން ގަބޫލުކުރަން ހިތް ދެކޮޅުހެދިނަމަވެސް ލޯމައްޗަށް ސިފަވަނީ ސައިރަސްއާއި މޭރީއެވެ.

***

ހާޖަރު ނިޔާވުމުން ކަށުކަމާކެމީގެ ކަންތަކުގައި އުޅުނުއިރު ކާއިނާތުގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އޮހޮރުވާނުލައެވެ. އޭނަގެ ގާތުގައި އާޔާއާއި ލައިކާގެ އިތުރުން އަސަލްއާއި ކައުނު ނޫހުގެ އެންމެންހެން ބައިވެރިވިއެވެ. އެންމެ ހައިރާންވި މަންޒަރަކީ އާޔާގެ ބައްޕަ އަދި ޖީލަންގެ ބައްޕަވެސް އެތަނުން ފެނުމުންނެވެ. ދެމީހުންވެސް ތިބީ އަވިއައިނު އަޅާފައެވެ. ހާޖަރުގެ ޖަނާޒާގައި އެދެމީހުން ބައިވެރިވީތީވެސް ކާއިނާތުގެ ހިތް ޝުކުރުން ފުރުނެވެ. ގިނަ އިންސާނުންނަކީ ޝުކުރުވެރިވާންވެސް ނުދަންނަ ބަޔަކީއެވެ.

ކާއިނާތު ކޮޓަރީގައި އިންއިރު އެކަނިވެރިކަން އިހުސާސްވިއެވެ. ނިދާލަން ބޭނުންވާކަމަށް ބުނެ އާޔާއާއި ލައިކް ފޮނުވީ ކޮންމެހެން ނިންޖަށް ހަށިގަނޑު ބޭނުންވެގެނެއް ނޫނެވެ. އޭނަ ބޭނުންވީ އެކަނިވެރިކަމެވެ.

"ކާއިނާތު.......ނަމާދަށް ތެދުވޭ.."މަންމަގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވެ ޖަވާބެއް ނުދެވުނީވެސް ކިރިޔާއެވެ.

"ކާއިނާތު....."މިފަހަރު އެހެން މީހަކު ގޮވާހެން ހީވެގެން ތެދުވެގެންގޮސް ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ހިބާއެވެ. އޭނަގެ އަތުގައި ކޮތަޅެއް އޮތެވެ. "މަންމަ ބުނީ ކާއިނާތުއަށް މި ބަތް ޕާރުސަލް ގެންގޮސްދޭށޭ..."

"ތެންކިއު..." ކާއިނާތު އެ ޕާރުސަލުގައި ހިފިއެވެ.މޭޒުމަތީގައި އެކި މީހުން ގެނެސްދީފައިވާ އެއްޗެހި ހުރިނަމަވެސް ކެވޭނީ ކިހިނެއްހެއްޔެވެ؟އެންމެ ބޭނުންވީ ވަގުތު އޭނަ އެކަނިވެރިކަމުގެ އަނދިރި ދުނިޔެއަށް ދޫކޮށްލާފައި ސައިރަސްވެސް ދިޔައީއެވެ. އޭނަ އެހާވަރުން ވީ ލޯބީގެ އެއްވެސް އަގެއްނެތެވެ.

"ކާއިނާތު. ގިނައިން ކާންވާނެ. އަދި ތި ހާލުގައި އިނީމަ ދެމީހުންނަށް ވާވާރަށް ކާންޖެހޭނެއެއްނު...."

"ވަޓް؟"ކާއިނާތު ސިހުނުވަރުން ފިޔަވަޅުތައް ހުރިތަނަށް ގަނޑުވިއެވެ. ނުބައިގޮތަކަށް ހިތް ތެޅިގަތެވެ."ތިބުނީ...............ދެމީހުންނަށޭ..."

"ކާއިނާތު ބަލިވެއިންކަން އެނގޭ.."ހިބާ ކުޑަކޮށް ހީލިއެވެ.

ކާއިނާތުގެ ދެފައިން ހަކަތަ ހުސްވެ ސޯފާގައި އިށީދެވުނެވެ.

"ތިއ....ީ ކާކު ދެއްކި ވާހަކައެއްތަ ހިބާ...."ކާއިނާތު އަޅައަޅައިގެންފާ ސުވާލުކުރިއެވެ. އޭނަގެ ދުނިޔެ ފުޑުފުޑުވެގެން ބޯމައްޗަށް ފައިބަމުން ދަނީއެވެ.

"މޭރީ....އެނގޭތަ؟ ކާއިނާތުގެ މަންމަ ސްޓްރޯކެއް ޖެހުނީ މޭރީ އެވާހަކަދެއްކީމަހެން ހީވަނީ. ކާއީގެ މަންމައަށް ޓްރާންސްލޭޓްކޮށްދޭން މޭރީ އެދުނީމަ އަހަރެން ބުނެދިނީ. ކާއިނާތު ބަނޑުބޮޑޭ ބުނިހާއިރަށް އުފާވާނެކަމަށް އަހަރެން ހީކުރީ. އެކަމަކު ލޯބޮޑުކޮށްގެން މޭގައި އަތް އަޅާލައިގެން އިނދެ އަސްތަޣުފިރުﷲއޭ ބުނީ. ދެން މޭރީ ބުނީ އަދި އެވެސް ކައިވެނިން ބޭރުގައޭ. މޭރީ ހާޖަރުދައްތަ ދެރަކުރަން ގަސްތުގައި އެވާހަކަ ބުނިހެން މަށަށް ހީވަނީ. އަހަރެން ނުކުމެގެންގޮސް ދޮރާށްޓާއި އަރާ ހަމަވިތަނާ މޭރީ ހަޅޭޭއްލަވައިގަތް އަޑަށް ވަންއިރު ހާޖަރު ދައްތަ ބިންމަތީގައި ޚަބަރު ހުސްވެފައި އޮތީ..އެހެން ވާނެކަން އެނގޭނެނަމަ އެވާހަކަ ނުވެސް ބުނާނަން. ވަރަށް ދެރަވެއްޖެ. ކާއިނާތުވެސް މާފުކޮށްދޭތި. މޭރީ ހާޖަރު ދައްތަ ހައްޔަރުކޮށްގެން މިގެއަށް އެހެން މީހަކު ވަނުން މަނާކޮށްފައި އޮންނަނީ. ކާއިނާތު ބޭނުމެއްނުވެއޭ ކިޔައިގެން އަހަރެމެން އަޔަސް ހުއްދައެއް ނުދޭ. ދޭތެރެއަކުން ވަދެލިޔަސް ހާޖަރު ދައްތަ އެއްވެސް ޝަކުވާއެއްނެތި މަޑުން އިންނަނީ. ހިކިކަމުންގޮސް ކަށިކޮޅަކަށްވެ ވަރަށް ނިކަމެތިކޮށް އިނީ....ކީކޭ ބުނާނީ؟ އަހަންނަށް ހީވަނީ މޭރީ ގަސްތުގައި ކާއިނާތު މަންމަ މަރައިލީހެން....." ހިބާގެ ވާހަކަތަކުން ކާއިނާތުގެ ހިތުގައިވާ ޒަޚަމްތަކަށް އިތުރަށް ކަށިތައް ހަރާހެން ހީވިއެވެ.

"ހިބާ އިހަށް ދޭބަލަ. ހެޔޮނުވާނެ. ބޯ ހަލާކުވޭ....."

އޭރު ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށް ތޫފާނެއްގެ ސިފަ ޚިޔާރުކޮށްފިއެވެ.

ހިބާ ނުކުތުމާއެކު ކާއިނާތު ދޮރު ލައްޕާލުމަށްފަހު ހިނގައިގަތީ ދެފައި ދަމަމުންނެވެ. ކޮޓަރިއަށް ވަދެފައި އޭނަ ކަރުފަޅައިގެންދާހާ ބާރަށް އެތައް ފަހަރަކު ހަޅޭއްލެވިއެވެ. ތަކުރާރުކޮށް ހަޅޭއްލެވުމުން ކަރުން ހަންގޮސް ކަރުގައި ލޭރަހަވެސް ލިއެވެ. ހުރިތަނަށް ތިރިވެ ކާއިނާތު ބިންމަތީގައި ދެއަތުން ތަޅަމުން ދިޔައީ އަމިއްލަ ނަފުސަށް އަނިޔާދޭން އެވަގުތު ބޭނުންވެހުރެއެވެ. އޭނަގެ ކަންފަތަށް އިވުނު ޚަބަރުތައް ނަގައިގަތުން އެބަލިކަށި ނަފުސަށް ކުޅަދާނައެއްނުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު