ފަޅު ރޭލު ސްޓޭޝަނެއް ޒަމާނީ ހޮޓަލަކަށް

އެ ހޮޓެލްގައި 104 ކޮޓަރި ހުރޭ --

ހަތްދިހައިގެ އަހަރުތަކުން ފެށިގެން ބަންދުކޮށްފައި ހުރި ސްޕެއިންގެ ރޭލު ސްޓޭޝަނެއް މަރާމާތުކޮށް، ލަގްޒަރީ ހޮޓަލަކަށް ހަދައިފިއެވެ.

ސްޕެއިންގެ ޕައިރަނީސް ފަރުބަދަތައް ހިމެނޭ ސަރަހައްދުގައި ހުރި ރޭލު ސްޓޭޝަން ވަނީ މިހާރު ޒަމާނީ ވަރުގަދަ ހޮޓަލަކަށް ހަދާފައެވެ.

ކެފްރާންކް ރެއިލްވޭ ސްޓޭޝަން މިހާރު ހޮޓަލެއްގެ ގޮތުގައި ބޭނުންކުރާއިރު އެތަން އެންމެ ފުރަތަމަ ހުޅުވީ 1928 ވަނަ އަހަރުގައެވެ. އެ ދުވަސްވަރުގެ ފެންވަރުން އެ ސްޓޭޝަންވީ ވަރަށް ބޮޑު ތަނަކަށެވެ. އެގޮތުން އޭރުގެ ސްޕެއިން އަދި ފްރެންޗް ރިޕަބްލިކްގެ ރައީސް ވަނީ އެތަން ހުޅުވައިދެއްވުމަށް ވަޑައިންނަވާފައެވެ.

ކެފްރާންކް ރެއިލްވޭ ސްޓޭޝަން ފުރަތަމަ ހުޅުވީ 1928ގައި --

ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެތަނަށް ގެއްލުންތަކެއް ވެ 1970ގައި އެތަން ވަނީ ބަންދުކޮށްފައެވެ. އެތަން ބަންދުކުރި ފަހުން ވެސް އެ ސަރަހައްދު ބަލާލުމަށް ކޮންމެ އަހަރަކު ގިނަ އަދަދަކަށް މީހުން ކެންފްރެންކްއަށް ޒިޔާރަތް ކުރަމުން ދިޔައެވެ.

އެތައް އަހަރެއް ވަންދެން ފަޅުކޮށް އޮތް އެ ރެއިލްވޭ ސްޓޭޝަން ހޮޓަލަކަށް ހެދުމަށްޓަކައި މަސައްކަތް ފަށާފައިވަނީ ގާތްގަނޑަކަށް ދެ އަހަރު ކުރީންނެވެ. މި މަސައްކަތް ކުރަން ފަށާފައިވަނީ ބާސެލޯސް ހޮޓެލް ގްރޫޕް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އެކުންފުނިން ބުނީ ހޮޓެލް ޑިޒައިން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރެއިލްވޭގެ އޮރިޖިނަލް ޑިޒައިންތައް ނުގެއްލޭނެ ގޮތަށް ހޮޓެލް ފަރުމާ ކުރުމަށް ކަމަށެވެ.

އެ ރެއިލްވޭ ސްޓޭޝަން ހޮޓަލަކަށް ހެދުމަށްޓަކައި މަސައްކަތް ފަށާފައިވަނީ ގާތްގަނޑަކަށް ދެ އަހަރު ކުރީން ---

އެހެންވުމާއެކު އަލަށް ގެނައި ބަދަލުތަކާއެކު ވެސް ރެއިލްވޭގެ އޮރިޖިނަލް ޑިޒައިންތަކަށް ބަދަލުތަކެއް ގެނެސްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަލަށް ގެނައި ބަދަލުތަކާއެކު ހޮޓެލްގައި 104 ކޮޓަރި ހުންނާނެއެވެ. އޭގެތެރޭގައި ހަތަރު ސުއީޓްސްގެ އިތުރުން ވެލްނެސް ސްޕާއަކާއި ތިން ރެސްޓޯރެންޓާއި ޕަބްލިކް ޕޫލެއް ވެސް ހިމެނެއެވެ.

އެ ހޮޓެލް މިދިޔަ ޖެނުއަރީ މަހު ހުޅުވާފައިވާއިރު މިހާރުވެސް އެތަނަށް ގިނަ އަދަދެއްގެ މީހުން ދަނީ ޒިޔާރަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު