ގެނބިގެން މަރުވާ ފަތުރުވެރިން އިތުރުވާތީ ސަމާލުވާން އެދިއްޖެ

ޖޫން 2، 2021: ޖެޓްސްކީއެއް ދުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫދު ހަރަކާތްތަކުގެ ތެރެއިން ފަތުރުވެރިން މަރުވާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން، މޫދު ކުޅިވަރުތައް އިންތިޒާމުކުރާ ތަންތަނަށާއި ގެސްޓު ހައުސްތަކާއި ރިސޯޓުތަކަށް އަންގައިފިއެވެ.

ޓޫރިޒަމްް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިން މަރުވުމުގެ ގިނަ ހާދިސާތަކެއް ހިނގައިފައިވާތީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދީފައެވެ.

އެގޮތުން ފަތަން ދިއުމާއި، ސްނޯކްލިން އާއި ޑައިވިން ފަދަ މޫދު ހަރަކާތްތައް ކުރިއަށް ގެންދާއިރު ސަމާލުވުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މޫދު ހަރަކާތެއް ފެށުމުގެ ކުރިން ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ބްރީފިންއެއް ދިނުމާއި ގެސްޓުން ޗެކްއިންވާ އިރު ވެސް ރައްކާތެރިކަމާއި ސަލާމަތާ ގުޅުންހުރި އިރުޝާދު ދިނުމަށް އެދިފައެވެ. ހަމައެއާއެކު ދިމާވެދާނެ ކުއްލި ހާލަތެއްގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ފަތުރުވެރިންނާއެކު މަސައްކަތްކުރާ ސްޓާފުންނަށް ތަމްރީނު ދީ، ހޭލުންތެރިކުރުވަން ވެސް އަންގާފައިވެއެވެ.

އޭގެ އިތުރުން މަސައްކަތު މާހައުލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެ ކަން ޔަގީންކުރުމަށް ސްޓާފުންނަށް ބާރު އެޅުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއަކީ މޫދު ކުޅިވަރުތަކުގައި ފަތުރުވެރިންނަށް ލިބޭ ގެއްލުންތައް ނިސްބަތުން އެންމެ މަދު ގައުމު ކަމަށެވެ. ނަމަވެސް ހާދިސާއެއް ހިނގުމަކީ ނުވާނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

"ޓޫރިސްޓެއް ޒަޚަމްވުން ނުވަތަ ޓޫރިސްޓެއްގެ ފުރާނަ ގެއްލުން މުވައްޒަފެއް ޒަޚަމް ވިޔަސް މުވައްޒަފެއްގެ ފުރާނަ ގެއްލުން އެއީ އަޅުގަނޑުމެން އެންމެ ބޭނުންނުވާ ކަންތައް. މިކަހަަލަ ހުރިހާ ކަމެއްްގައި ވެސް މި އޮންނަނީ އިތުރަށް ސަމާލުވުން. ތަމްރީނުތައް ހަދައިފައި އެ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ވެސް އއ. އަތޮޅު ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު އިއްޔެ ވެސް ވަނީ ހަމަ އއ. އަތޮޅުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެފައެވެ. އިއްޔެ މަރުވެފައިވަނީ އއ. ރަސްދޫ މަޑިވަރު ޕޮއިންޓަށް ފޭބި އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރިހެނެކެވެ.

comment ކޮމެންޓް