ޔާމީން 3.4 މިލިއަން ޑޮލަރު ދައްކަން ކުރި އަމުރު އިސްތިއުނާފަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އާރަށު މައްސަލައިގައި ދައުލަތުން އެ މަނިކުފާނުގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ޔާމިނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

އެހެންވެ، އެ މަނިކުފާނުގެ ފަރާތުން ވަނީ ޖޫރިމަނާގެ މައްސަލަ ވެސް އިއްޔެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މިހާތަނަށް އެ ކޯޓުން ގޮތެއް ނިންމައިފައެއް ނުވެއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އިތުރު ފައިސާއާ އެކު ޔާމީންގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި، އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް އެ މަނިކުފާނުގެ އެކައުންޓަކަށް 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ޖުމްލަ ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެއަށްފަހު ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް 2021ވަނަ އަހަރުގެ މާޗް މަހުގެ 14ވަނަ ދުވަހު އިތުރު ފައިސާއާ އެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރުނީ ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ. ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ މައްސަލަ އިސްލާހު ކުރުމަށް އަލުން ފޮނުވާފައެވެ.

comment ކޮމެންޓް