ޑްރާމާއާ ނުލައި ވެސް ތާރީޚީ އޮސްކާއެއް

އިވެންޓު ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގުމެއް ނެތި، އޮސްކާގެ ތާރީޚީ ހަފުލާއެއް ބާއްވައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ 95 ވަނަ އޮސްކާ އެވޯޑުގައި، އިވެންޓުގެ ބޭރުން އެއްވެސް ކަހަލަ މައްސަލައެއް ފެންމަތިވެފައެއް ނުވެއެވެ. މިއީ މިދިޔަ އަހަރުގެ އޮސްކާ އާ އަޅާ ބަލާއިރު ތަފާތު މަންޒަރެކެވެ. މިިދިޔަ އަހަރު އެ ހަފުލާގެ އެވޯޑުތަކަށް ވުރެ ބޮޑަށް ގިނަ ބަޔަކު ވާހަކަ ދެއްކީ އިވެންޓު ތެރެއިން ހިނގައިދިޔަ ހަމަނުޖެހުމާ ބެހޭ ގޮތުންނެވެ. އެއީ މަޝްހޫރު އެކްޓަރު ވިލް ސުމިތު އެހެން އެކްޓަރެއްގެ މޫނުމަތީގައި ޖެހި މައްސަލައެވެ.

މިފަހަރުގެ އެވޯޑުގައި ޑްރާމާއެއް ހިނގާފައި ނުވި ނަމަވެސް މިފަހަރުގެ ހަފުލާވީ ވަރަށް ފާހަގަކޮށްލެވޭ ހަފުލާއަކަށެވެ. އެއީ އޮސްކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޭޝިއާ ނަސްލުގެ ފަންނާނަކަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުމެވެ. މިދިޔަ އަހަރު ނެރުނު ސައިފައި ފިލްމު "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް"އިން ދެއްކި ހުނަރުން މިޝެލް ޔޯ އަށް ވަނީ އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ލިބިފައެވެ.

އޮސްކާގެ 95 އަހަރުގެ ތާރީޚުގައި މިއީ އޭޝިއާ ނަސްލުގެ ފަންނާނަކަށް އެ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އަދި އެއީ ދޮން ނަސްލުގެ އަންހެން އެކްޓަރުން ނޫން އެހެން ނަސްލެއްގެ އަންހެނަކަށް އެ އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. އެ އެވޯޑު ފުރަތަމަ ކާމިޔާބު ކޮށްފައިވަނީ ކަޅު ނަސްލުގެ އެކްޓަރެއް ކަމަށްވާ ހެލީ ބެރީ މީގެ 21 އަހަރު ކުރިންނެވެ.

އެންމެ މޮޅު ފިރިހެން އެކްޓަރުގެ މަގާމު ލިބިފައިވަނީ ބްރެންޑަން ފްރޭޒާ އަށެވެ. މިއީ އޭނާ އެތައް އަހަރެއް ވަންދެން އެކްޓިންއާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ ފިލްމު ކަމަށްވާ "ވޭލް" އިން ދައްކާލި ހުނަރަށް ލިބުނު އެވޯޑެކެވެ.

ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެންމެ މޮޅު ފިލްމު"ގެ އެވޯޑު ލިބިފައިވަނީ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް" އަށެވެ. މި ފިލްމަކީ އޮސްކާއަށް އެންމެ ގިނަ ނޮމިނޭޝަން އާއެކު އެންމެ ގިނަ އެވޯޑު ތައް ވެސް ހޯދި ފިލްމެވެ. އެގޮތުން 11 އެވޯޑަކަށް މި ފިލްމު ނޯމިނޭޓްވި އިރު ހަތް އެވޯޑެއް ވަނީ ހޯދާފައެވެ.

އެ ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރު (ދަ ޑޭނިއެލްސް) އާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުން (ކޭ ހުވައި ކްވާން، ޖޭމީ ލީ ކާޓިސް)ގެ އެވޯޑާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑު ވެސް ހިމެނެއެވެ.

comment ކޮމެންޓް