ހިންމަފުއްޓާއި މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ހިންމަފުށި އަދި މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ކ. ހިންމަފުއްޓާއި އއ. މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއު ތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި ދެ މަޝްރޫއުގެ ތެރެއިން މަތިވެރި ގޮނޑުދޮށް ހިމާޔަތްކުރުން 240 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 23.4 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން 54 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 483 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 111 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 17800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ހިންމަފުށީ ގޮނޑުދޮށް ހިމާޔަތްކުރުން 180 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 10.93 މިލިއަން މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 53 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 127 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު އުފެއްދި އެމްޓީސީސީން ވަނީ ވޭތުވެދިޔަ 42 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.

comment ކޮމެންޓް