ދިރާގު ކަލަންޑަރުގެ މާޗް މަސް: ސަގާފީ ފަންނުވެރިކަން އާލާކުރާ އައިންތުގެ ވާހަކަ

އައިންތު ދިރާގުގެ ކަލެންޑަރުގައި ފީޗާ ކޮށްފައި --- ފޮޓޯ/ ދިރާގު

ދިރާގުގެ 2023ގެ ކަލަންޑަރުގެ ޒަރިއްޔާއިން އެކުންފުނިން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. ތިމާވެށި، ބަސް، އަތްތެރި މަސައްކަތް އަދި މިއުޒިކްގެ ހަތަރު މައުޟޫއަށް ބަހާލާ އޭ.އާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށް މި ކަލެންޑަރުން ގެނެސްދެނީ 12 މީހެއްގެ ވާހަކައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާ މި މަހުގައި ދިރާގު ކަލެންޑަރުން ދައްކުވައިދެނީ ރާއްޖޭގެ ސަގާފީ އަތްތެރި މަސައްކަތްކޮށް އެކަން ދިރުވާ އާލާކުރާ ފިސާރި އަންހެން ކަނބަލެއްގެ ވާހަކައެވެ. މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވްސް ސޮސައިޓީ ނުވަތަ މެކްސްގެ ފައުންޑިންގ މެމްބަރެއް ކަމުގައިވާ އައިމިނަތު އަބްދުﷲ (އައިންތު)ގެ ވާހަކައެވެ.

އައިންތު އާއި ސަޤާފީ އަތްތެރި މަސައްކަތްތަކުގެ ވާހަކަ ފެށެނީ ސްކޫލު ދައުރުންނެވެ. އޭރުގެ ކިޔަވައިދިނުމުގެ މަންހަޖުގެ ތެރޭގައި ހިމެނުނު މި މަސައްކަތްތަކަށް އައިންތު އޭރުވެސް މޮޅެވެ. އެކަމަށް އޮތް ޝައުގުވެރިކަން ބޮޑެވެ. އާއިލާގެ ތެރޭގައި އެކަމަށް އޮތް ލޯތްބަކީ އޭގެ އެންމެ ބޮޑު ސަބަބަށް ވެދާނެއެވެ.

"އަޅުގަނޑުގެ އާއިލާގައި އުފެއްދުންތެރިކަން އޮވޭ. މާމަގެ ދުވަސްވަރު މާމައަކީ މޮޅަށް ކަސަބުގަތައި ލިބާސްފަހާ މީހެއް. އެހެންވެ ކަންނޭނގެ އަޅުގަނޑުވެސް އަތްތެރިމަސައްކަތަށް އެހާ ޝައުގުވެރިކަން ހުންނަނީ،" އައިންތު ބުންޏެވެ.

އައިންތުގެ ޝައުގުވެރިކަން އެކަމަށް ހުރި ނަމަވެސް، އައިންތުގެ "ކެރިއަރު" ފެށުނީ ރޭވި ގޮތަކަށް ނޫނެވެ. ސަރުކާރާއި ބައިނަލްއަގުވާމީ ޖަމާއަތެއްގައި ތޭރައަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައި އެ ވަޒީފާތަކުން ވަކިވިއިރު ވެސް، ގައުމާއި މުޖްތަމައުއަށް ފައިދާހުރި ކަމެއް ކުރުމަކީ އައިންތުގެ އަމާޒެކެވެ.

އެ އަމާޒުގައި ކުލަ ޖެހުނީ ސަރުކާރުން އާޓް އެންޑް ކްރާފްޓްސް ޕްރޮމޯޓްކުރުމާއި ކޯޕަރޭޓިވްސްތައް އަލަށް އުފައްދަން ހުޅުވާލި ފުރުސަތުތަކުގެ ސަބަބުންނެވެ. މިއީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާ އެކު އައިންތުގެ ވާހަކަ ވެސް ފެށުނު ހިސާބެވެ.

މިއަދު އައިންތު އާއި މެކްސް އިން ކުރި ދަތުރު ވަރަށް ބޮޑެވެ. މި ދަތުރުގައި އައިންތުއާ އެކު މަސައްކަތް ކުރަނީ ފަންނުވެރިކަމަށް ލޯބި ކުރާ، އެކަމަށް ޝައުގު ހުރި ކަނބަލުންގެ ޓީމެކެވެ. މި ޓީމުގެ އެންމެ މައިގަނޑު މަޤްސަދަކަށްވީ ވަޅުޖެހެމުން ދިޔަ، ދިވެހި ސަޤާފީ އަތްތެރި މަސައްކަތްތައް އާލާކޮށް، ޕްރޮމޯޓު ކުރުމެވެ.

"މި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ދަސްވި ވަރަކަށް، އަޅުގަނޑަށް ފެނުނީ އެ މަސައްކަތް ދިރުވުމަށްޓަކައި ކުރަން ޖެހުނު މަސައްކަތް. ވަކިން ޚާއްސަކޮށް، ގޭގައި ތިބެގެން އަތްތެރި މަސައްކަތްތައް ކުރާ ކްރާފްޓަރުންނަށް ބޭނުންވާ ސަޕޯޓް،" އައިންތު ބުންޏެވެ.

މި ހުރިހާ ކަމަކާއެކު، އައިންތުގެ ފަރާތުން ސަޤާފީ ފަންނުވެރި، އަތްތެރި މަސައްކަތްތަކަށް އޮތް ލޯބިވީ އިތުރެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް އެ ސަރަހައްދުތަކުގައި މަސައްކަތް ކުރާ އެކި ފަންނުވެރި ބޭފުޅުންނާ އައިންތުއާ ދިމާވިއެވެ. އެކަމުގެ ތެރެއިން އައިންތުއަށް ފާހަގަވި އެއް ކަމަކީ، އެ ފަންނު އުވެދިޔުމުގެ މަގުމަތީގައި އޮތް އޮތުމެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި އައިންތު ފާހަގަ ކުރީ ގއ. ދެއްވަދޫ އިން އައިންތުއަށް ދިމާވި ކަމެކެވެ.

"އަޅުގަނޑު ދެއްވަދޫ އަށް ދިޔައިރު އެ ރަށުގައި އެންމެ ފަހުން ފޭލިވިޔުނު މީހާ އޭގެ އެއް އަހަރު ކުރިން ނިޔާވެއްޖެ. އެ މީހާ ނިޔާވީމާ އެ ފަންނު، އެ މީހާ އެކު އެ ރަށުން ގެއްލުނީ،" އައިންތު ބުންޏެވެ.

އައިންތުއަށް ރާއްޖޭގެ އެކި ރަށްރަށުން ފެނުނު ކަންކަމުގެ ސަބަބުން، އައިންތު ޢަޒުމް ކަނޑައެޅީ އެ ވާހަކަތައް އިތުރަށް ކޮނެ، މެކްސް މެދުވެރިކޮށް އެ މަސައްކަތް ކުރާ ފަރާތްތަކަށް އެހީވެވޭނެ ގޮތްތައް ހޯދުމަށެވެ. އެކަމުގެ ތެރެއިން އައިންތު އާއި މެކްސްއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

"މިހާރު، އަޅުގަނޑުމެން މިވަގުތު މިތިބީ 12 ވަނަ އަހަރުގަ. މިދިޔަ އަހަރުތަކުގެ ތެރޭގައި އަޅުގަނޑަށް ގިނަ ކްރާފްޓަރުންނާ ބައްދަލުވެ، އެމީހުންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއިވިއްޖެ. އަދި އެބޭފުޅުންނާއެކު މަސައްކަތްކޮށް، އެބޭފުޅުންގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ލިބިއްޖެ،" އައިންތު ބުންޏެވެ.

އެކަމަކު، މި ހުރިހާ ކަމަކާ އެކު ވެސް އައިންތުގެ ވިސްނުން އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ސަގާފީ އަތްތެރި މަސައްކަތްތަކާއި ތިމާވެއްޓާ އޮންނަ ގުޅުމެވެ.

"އެކި ގޮތްގޮތުން ގައުމު ކުރިއަރަމުން އައިސް، ޢުމްރާނީ ތަރައްގީގެ ސަބަބުން އަތްތެރި މަސައްކަތްތަކަށް ބޮޑު ހުރަހެއް އެޅޭ. ޢުމްރާނީ ގޮތުން އަންނަ ކުރިއެރުންތަކާ އެކު، ރަށްތަކާއި ފަޅުތަކާއި އަދި ކުޅިތައް ހިއްކުމުގެ ސަބަބުން ގިނަ ރޯ މޭޓީރިއަލްސް ލިބުމުގައި ދަތިތަކެއް ހުރޭ. ރަށްތަކުގެ ގަސްތައް ކެނޑުމާއި، މަގުތައް ހެދުން ފަދަ ކަންކަމަކީ ވެސް ކްރާފްޓަރުންގެ މަސައްކަތްތަކަށް ހުރަހެއް ކަމަށް އަޅުގަނޑު ދެކެން،" އައިންތު ބުންޏެވެ.

އޭގެ މިސާލެއްގެ ގޮތުގައި އައިންތު ފާހަގަ ކުރީ ރޯނު ހެދުމުގައި ދިމާވާ ދަތިކަމުގެ ވާހަކައެވެ.

"މިސާލަކަށް ޒަމާނުއްސުރެ ރޯނުވެށުމަށްޓަކައި ބޮނބިފާކުރަނީ އަތިރިމަތީގައި ނުވަތަ ކުޅިއެއްތެރޭގައި . ރަށްރަށުގައި ބިންހިއްކައި ބޮޑުތޮށިލުމުގެ ސަބަބުން ޒަމާނުއްސުރެ މަސައްކަތްކުރަމުންދިޔަ ވެށިގެއްލޭ . ހަމައެފަދައިން ރުއްތައް ކެނޑުމުގެ ސަބަބުން، ފަންގި ވިނުމާއި، ރޯނުވެށުމާއި އަދި ކާށިތެޔޮ އުފައްދާ މީހުންނަށް އަސަރު ކުރޭ،" އައިންތު ބުންޏެވެ.

ރުއްރުކާއި ގަސް ކެނޑުމަކީ ގިނަ ފަންނުވެރިން އުފައްދާ އެކި އުފެއްދުންތައް ނެތި ދިޔުމާ ގާތްވާ ކަމެކެވެ.

ސަގާފީ ފަންނުވެރިކަމާއި އަތްތެރި މަސައްކަތްތައް ދިރުވާ އާލާ ކުރާ ވާހަކަ ދައްކާއިރު، އެފަދަ މީހުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަކީ މުހިއްމު ކަމެކެވެ. އެއީ އެފަދަ ކޮންމެ މީހަކީވެސް އައިންތުއަށް "އިންސްޕަޔާ" ވާ މީހަކަށް ވާ ފަދައިން، އެފަދަ ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވެސް ތަފާތު ވާހަކައެކެވެ.

comment ކޮމެންޓް