މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތަށް ޚާއްސަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް 'ސަން' އާ ވާހަކަދައްކަވަމުން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާރު ކުރަމުން އަންނަނީ މި ޚިދުމަތަށް ބޭނުންވާ އެޕްލިކޭޝަނެއް ތައްޔާރުކޮށް އެ ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ބަގީގެ ޚިދުމަތް ލިބޭނެ ރޫޓުތައް ބަލާލައި، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އޮންލައިންކޮށް ބުކިންވެސް ހެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޕްލިކޭޝަން ތައްޔާރުވިހާ އަވަހަކަށް އާންމުންނަށް އެ އެޕް ބޭނުން ކުރުމަށް ހުޅުވާލާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އަމާޒަކީ އާންމު ރައްޔިތުންނަށް އަގުހެޔޮކޮށް ޙިދުމަތް ފޯރުކޮށްދީ، ދެވޭ ޚިދުމަތަކީ ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުން ކަމަށެވެ. އެގޮތުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތާއެކު އެއީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއްކަމަށް އެ ކައުންސިލުން ދެކެއެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ބުރާސްފަތި ދުވަހު ބަގީގެ ޚިދުމަތް ފަށާއިރު މީގެ ކުރިން މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފިތުރު އީދުގެ ނިޔަލަށް ބަގީ ރޫޓުން ކުރާ ދަތުރުތައް ހިލޭ ކޮށްދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށާއިރު، ބަގީތައް ބަހައްޓާށާއި މަރާމާތުކުރަން ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ސަރަހައްދަކީ ވިލިމާލޭގެ ބަނދަރުމައްޗެވެ.