ފަސޭހަކަމާއެކު މާފަންނު ބަލިކޮށް، ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ސެމީ ފައިނަލަށް ގދ. ވާދޫ ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ވާދޫން މާފަންނުގެ މައްޗަށް ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ވާދޫގެ ގޯލުތައް ޖެހީ އިބްރާހިމް ޝައުފްއާއި މުހައްމަދު އިޔާދު އަލީއެވެ. އިޔާދު ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. މާފަންނުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ އިބްރާހިމް ނާޖިހުއެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް ވާދޫގެ އިތުރުން ލ. ގަމާއި ރ. އިނގުރައިދޫގެ އިތުރުން ދ. ކުޑަހުވަދޫ ވަނީ ދަތުރުކޮށްފައެވެ.

ވާދޫއާއި މާފަންނު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.