ރާއްޖޭގެ އަލަތު އިސްލާމިކް ބޭންކަށް 12 އަހަރު، ހުއްޓުމެއް ނެތި ކުރިއަށް!

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވުޖޫދުވިއިރު، ރާއްޖޭގައި އިސްލާމިކް ބޭންކިން ދަންނަ މީހުން މަދެވެ. އެފަދަ ޚިދުމަތްތަކެއް ބޭރުގެ އެހެން ގައުމުތަކުން ލިބޭ ކަމެއް ދަންނަ ދިވެހިން ވެސް މަދެވެ. އެމްއައިބީ ވުޖޫދުވުމާއެކު، އެ ބޭންކުގެ ޚިދުމަތް ހޯދުމަށް ގިނަ ދިވެހިން ފެން ބޮވައިގަތީ އޭގެ ސަބަބުންނެވެ.

އެމްއައިބީން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، އެ ބޭންކުން ދައްކާ އިޝްތިހާރުތަކާ އެއްވަރުގެ، އެއް ފެންވަރުގެ އަދި ކޮލެޓީ ޚިދުމަތްތަކެއްތޯ ބަލަން ގިނަ ދިވެހިން ބޭނުންވީ އޭގެ ސަބަބުންނެވެ. މިއަދާ ހަމައަށް އެ ޚިދުމަތަށް ހުއްޓުމެއް ނެތި 12 އަހަރު ވީއިރު، ދިވެހީންގެ އެންމެ އިތުބާރު ހޯދައިފައިވާ އެއް ޚިދުމަތަށްވީ ވެސް މި ސަބަބާ ހުރެއެވެ.

އެމްއައިބީން އިސްލާމިކް ބޭންކިން ޚިދުމަތް ފެށީ 2011 ވަނަ އަހަރުއެވެ. އެފަހުން 12 އަހަރު ވޭތުވީއިރު، ދިވެހި ސަރުކާރާއި އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑެވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑ) ބައިވެރިވެގެން އުފެއްދި މި ބޭންކުގެ ޚިދުމަތްތައް މިއަދު ރާއްޖޭގައި ނުހޯދާ ރައްޔިތަކު މަދެވެ.

އެމްއައިބީގެ ޚިދުމަތްތަކާއި މަޤްސަދު ވަރަށް ސާފެވެ. އެ އަމާޒު ސަފެވެ. އެއީ ދިވެހީންގެ ތެރެއިން އިސްލާމިކް ފައިނޭންސްިންގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ޚިދުަމަތް ފޯރުކޮށްދިނުމާއެކު، ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް ފުޅާ ކުރުމެވެ. އަދި ހަމަ އެހެންމެ، ދިވެހި މުޖުތަމައަށް އިސްލާމީ އުސޫލުތަކުގެ މަތިން މާލީ މުއާމަލާތްތަށް ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދިނުމަކީވެސް އެ ބޭންކުގެ މަގްސަދެވެ.

އެމްއައިބީ އުފެއްދުން އަދި ރައުސުލްމާލް

އެމްއައިބީ އުފެއްދުމަށް އިންވެސްޓު ކުރި 150 މިލިއަން ދިވެހި ރުފިޔާއަކީ ދިވެހި ސަރުކާރުގެ 15 ޕަސަންޓު ހިއްސާ އަދި އައިސީޑީގެ 85 ޕަސަންޓު ހިއްސާގެ މައްޗަށް ކުރެވުނު އިންވެސްޓްމަންޓެކެވެ. 2015 ވަނަ އަހަރު ދިވެހި ސަރުކާރުންނާއި އައިސީޑީގެ ފަރާތުން އިތުރު 30 މިލިއަން ދިވެހި ރުފިޔާ ރައުސުލްމާލަށް އިތުރުކުރިއެވެ. އަދި 2016 ވަނަ އަހަރު އަމާނާ ތަކަފުލް (މޯލްޑިވްސް) އިން ވަނީ އައިސީޑީގެ ހިއްސާގެ ތެރެއިން މުޅި ބޭންކުގެ ފަސް ޕަސެންޓު ހިއްސާ ގަނެފަ އެވެ.

އޭގެ ފަހުން، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އައިސީޑީގެ ހިއްސާގެ ތެރެއިން މުޅި ބޭންކުގެ 10 ޕަސެންޓު ގަނެފައެވެ. އަދި 2019 ވަނަ އަހަރު ދިވެހިންގެ ހިއްސާ އިތުރު ކުރުމަށާއި ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭންކުގެ ހަ މިލިއަނަށް ވުރެ ގިނަ ޙިއްސާ، 35 ރުފިޔާގެ ރޭޓުން ޢާންމުންނަށް ވިއްކާލިއެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު، އެ ބޭންކް ވަނީ މޯލްޑިވްސް ސްޓޮކް އެކްޗޭންޖުގައި ލިސްޓު ވެސް ކުރެވިފައެވެ.

އެމްއައިބީ އިން ވިއްކަން ހުޅުވާލި ހިއްސާގެ 65 ޕަސަންޓު ހިއްސާ ގަނެފައިވަނީ އަމިއްލަ ފަރުދުންނެވެ. މި ކަމުން ވެސް ފެނުނީ ދިވެހިން އެ ބޭންކަށް ކުރާ އިތުބާރެވެ.

އެމްއައިބީ، މި ޒަމާނަށް އެންމެ ފެތޭ!

އެމްއައިބީ އިން އެބޭންކުގެ "ފުރާވަރުގައި" އުޅުނު ނަމަވެސް، އެ ބޭންކަކީ އުމުރަށް ވުރެ މާ ކޮލެޓީ ބޭންކެވެ. މި ޒަމާނަށް ފެތޭ، މި ޒަމާނުގެ ބޭންކެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކަށް ވާނީ އެ ބޭންކުން ޢާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެވެ.

މި އަހަރީ ދުވަހާ ދިމާކޮށް ބޭންކުން ކުރިއަށް ގެންދާ އެކި ކަހަލަ ހަރަކާތްތަކަކީ އޭގެ ކުޑަ ހެއްކެކެވެ. އެގޮތުން މިއަދު އައިޔޫއެމް އިން ފަށާ އިސްލާމިކް ފައިނޭންސް އެގްޒިބިޝަނުގައި އެކި ކަހަލަ ހަރަކާތްތައް ރާވަން ނިންމާފައިވާއިރު، ހާފް މެރަތަން އޮންނަ ސަރަހައްދުގައި އަދި އެމްއައިބީގް ބްރާންޗްތައް ހުންނަ ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ހިންގަން ވަނީ ނިންމާފައެވެ.

އިސްލާމިކް ފައިނޭންސް އެގްޒިބިޝަނުގައި އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި އެ ބޭންކުން ކުރިއަށް ގެންދަނީ، އެ ބޭންކާ ގުޅެން ބޭނުންވާ މީހުންނަށް ޚާއްސަކުރާ "ވޯކް އިން" ޖޮބް އިންޓަވިއުތަކެވެ. މިއީ ކަސްޓަމާ ސާވިސް ރެޕްރެޒެންޓޭޓިވް، ކޯލް ސެންޓާ ރެޕްރެޒެންޓޭޓިވް އަދި ކާޑް އޮޕަރޭޝަނުގައި ހުސްކޮށް ހުރި ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލާ ފުރުސަތުތަކެކެވެ.

އެމްއައިބީގެ އަބަދުގެ ވެސް އެންމެ ކާމިޔާބު އެއް ޚިދުމަތަކީ އެ ބޭންކު މެދުވެރިކޮށް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރި "އުޖާލާ ދިރިއުޅުން" ކަން ޔަގީނެވެ. މި އަހަރުގެ އަހަރީ ދުވަހާ ދިމާކޮށް ވެސް އެމްއައިބީ އިން "އުޖާލާ ދިރިއުޅުން" އަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތެއް މި ވަނީ ހުޅުވާލާފައެވެ.

"އެއް ދުވަހުން އުޖާލާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ އެމްއައިބީ މެދުވެރިކޮށް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް، ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެން ބޭންކަށް ދިޔުމުން އުޖާލާ ފެސިލިޓީ އަވަސް ގޮތެއްގައި ހަމަޖައްސައިދޭ ސްކީމެކެވެ.

ކޮންމެއަކަސް، ބޭންކިންގައި ރާއްޖޭގެ އެއްވަނަ އެ ބޭންކަށް ނުދެވޭނެ ސަބަބެއް ނެތެވެ. ޢާންމުން އެ ބޭންކަށް ކުރާ އިތުބާރުން އެކަން ސާބިތުވެއެވެ.

comment ކޮމެންޓް