ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާއަށް ފަހު، ސައޫދީ އާއި އީރާނުން ގުޅުން ގާއިމުކުރަނީ

ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު، ސައުދީ އާއި އީރާނުން ވަނީ ސުލްހަވާން ނިންމާފަ -- ފޮޓޯ/ ސައުދީ ޕްރެސް އޭޖެންސީ

ޗައިނާއިން މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު، ސައޫދީ އަރަބިއްޔާއާ އިރާނުން އަލުން ގުޅުންތައް ގާއިމްކުރަން އެއްބަސްވެފައިވާކަން އިއުލާނުކޮށްފިއެވެ.

މި ދެ ގައުމުން މިކަން އިއުލާނުކުރީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުންތައް ކަނޑާލިތާ ހަތް އަހަރު ފަހުންނެވެ.

އެ ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ އެއްބަސްވުމަށް އާދެވިފައި ވަނީ، ސައުދީ އާއި އީރާނާ ދެމެދު 'ރަނގަޅު އަވަށްޓެރި ގުޅުމެއް' ގާއިމުކުރުމުގެ މަގުސަދުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން މީގެ ކުރިން ފެއްޓެވި މަސައްކަތްޕުޅެއްގެ ސަބަބުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި އެ ތިން ގައުމުން މަޝްވަރާތައް ފެށީ މިދިޔަ ހޯމަ ދުވަހުގައެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އީރާނުގެ ސަލާމަތީ ދާއިރާގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ޝަމްޚާނީ އާއި ސައުދީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މުސައިދު ބިން މުހައްމަދު އަލި އައިބަން އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން، އެ ދެ ގައުމުގެ އެމްބަސީތައް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުޅުވާނެއެވެ.

މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި މީގެ 22 އަހަރު ކުރިން ސޮއިކުރި ސަލާމަތީ އެއްބަސްވުމެއްގައިވާ ގޮތުގެ މަތިން ޓެރަރިޒަމާއި މަސްތުވާތަކެތި އެތެރެކުރުމާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށާއި ވިޔަފާރިއާއި ޓެކްނޮލޮޖީގެ އެއްބަސްވުމެއް އަލުން ދިރުވުމަށް ވެސް އެއްބަސްވެފައެވެ.

ހަމައެއާއެކު، އެއް ގައުމުން އަނެއް ގައުމުގެ އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި އެކަކު އަނެކެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެއްބަސްވެފައިވެއެވެ.

"މި ނިންމުން ތަންފީޒު ކުރުމަށްޓަކައި ދެގައުމުގެ ފޮރިން މިނިސްޓަރުންނާއި ސަފީރުން ބައްދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ހަމަޖައްސަވާނެ،" ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރު އަބްދުالله ވަނީ މި އެއްބަސްވުމަށް ތައުރީފު ކުރައްވާ، ތެހެރާނުގައި ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނާއި ސައުދީ އަރަބިއްޔާގެ ގުޅުން އާންމު ހާލަތަށް އައުމުން ދެގައުމާއި އެ ސަރަހައްދާއި މުސްލިމް ދުނިޔޭގެ ގުޅުން ވެސް އިތުރަށް ބަދަހިވާނެ ކަމަށެވެ.

އީރާންއާއި ސައުދީ އަރަބިއާއާ ދެމެދު މައްސަލަ ޖެހުނީ، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ސައުދީއިން އެގައުމުގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ. ސައުދީގެ ކޯޓަކުން އޭނާ މަރަން ހުކުމް ކުރީ، އެގައުމަށް ބޭރުގެ ނުފޫޒު ގެނައުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި އެގައުމުގެ ވެރިންގެ އަމުރާ ޚިލާފުވެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ތެދުވި ކަމުގެ ދައުވާގައެވެ.

ޝޭހް ނިމްރު އަކީ، ސައުދީން ޝީއީންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔައި، އެގައުމުގައި މިނިވަން އިންތިޚާބުތައް ބޭއްވުމަށް ގޮވާލަމުންދިޔަ މީހެކެވެ.

ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުން، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ޝީޢީން ނުރުހުން ފާޅުކޮށް މުޒާހަރާކުރިއެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރި މުޒާހަރާތަކުގައި ބައެއް މީހުން ސައުދީ އެމްބަސީއަށް ހަމަލާ ދިނެވެ.

ސައުދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލީ އެ ހަމަލާއާ ގުޅިގެންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިނެއްގައެވެ.

comment ކޮމެންޓް