ރައީސް ޞާލިޙް ޖަރުމަނުވިލާތުގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔައާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔައާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އެމަނިކުފާނު މިހާރު ތިން ގައުމަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަރުމަނު ވިލާތަށް ވަޑައިގެންނެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސް ޞާލިޙާއި ޖަރުމަނުވިލާތުގެ ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ޖަރުމަނުވިލާތުގެ ލީޑަޝިޕަށް ތައުރީފް ކުރައްވާފައެވެ. އަދި، ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި، ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ޖަރުމަނުން އަދާކުރާ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ފުރުސަތުތަކާއި، ވައިގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު ދެބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުން ނިންމާލާފައިވަނީ ރާއްޖެއާއި ޖަރުމަނުވިލާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާއި، ދެގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.

ޖަރުމަނުވިލާތުގެ ރައީސާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ ޖުލައި 5، 1966 ގައެވެ. މިއަހަރު މި ގުޅުމަށް 57 އަހަރު ފުރޭނެއެވެ.

comment ކޮމެންޓް