ވިލިމާލެއަށް ބަގީތައް ގެންގޮސްފި

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތަށް ބޭނުންވާ ބަގީތައް އިއްޔެ ވިލިމާލެއަށް ގެންގޮސްފިއެވެ.

މިކަމާ އުފާފާޅުކުރުމުގެ ގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ވަނީ، ފަރިވަޅެއް އަރުވާފައެވެ. އަދި ގިނަ އަދަދެއްގެ އާއްމުން ވަނީ ބަގީ ގެނައި ތަނަށް ގޮސް މަރުހަބާ ކިޔައިފައެވެ.

ސިޓީ ކައުންސިލުން މި ޚިދުމަތް ފަށަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ސިޓީ ކައުންސިލުން ވިލިމާލޭގައި މީހުން އުފުލާ ބަގީގެ ޚިދުމަތާއެކު މުދާ އުފުލާ ބަގީގެ ޚިދުމަތާއި އެމްބިއުލާންސް ބަގީގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެއެވެ.

ބަގީގެ ޚިދުމަތް ފެށުމަށް ވިލިމާލެއަށް ބަގީ ގެންދިއުމުން ފަރިވަޅެއް އަރުވަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމާގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހާއި ފިތުރު ޢީދުގެ ދުވަސްތައް ނިމެންދެން ބަގީގެ ޚިދުމަތް ދޭނީ ހިލޭ ކަމަށެވެ.

"ބަސްރޫޓުގެ ތެރެއިން ދަތުރުކުރަންޏާ ހިލޭ ދަތުރުކުރެވޭނީ. ޕްރައިވެޓް ހަޔާއަށް ހަމަ ފައިސާ ދައްކައިގެން ދަތުރުކުރަން ޖެހޭނީ،" މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބަގީގައި ބަސް ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާއެވެ. އެހެން ނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ"ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާނަމަ އަގުތަކަކީ:

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ބަގީގެ ޚިދުމަތް ފެށުމަށް ވިލިމާލެއަށް ބަގީ ގެންދިއުން -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގެ އެތެރޭ ދަތުރުފަތުރުގެ ދަތިކަން ބޮޑުވެފައި އޮތުމުން، ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭން ނިންމީ މިދިޔަ އޮގަސްޓު މަހެވެ. ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭގޮތަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ފަށާއިރު މިހާރު ވެސް އެމްޓީސީސީއިން އަންނަނީ އެ އަވަށުގައި ބަހުގެ ޚިދުމަތް ދެމުންނެވެ. ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

comment ކޮމެންޓް