ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްތަކާ ނުލާ ކުރެވޭ ފާފަތަކުން މާތްﷲ އަހަރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޝައުބާން މަހު ހެޔޮ ޢަމަލުކުރުމާ ބެހޭގޮތުން ދިން ޚުތުބާގައި ބުނީ، ރަޖަބުމަހާއި ރަމަޞާން މަހުގެ ހެޔޮކަން އެނގި ހެޔޮ އަމަލުކުރުމަކީ ދިވެހީންގެ އާދައެއް ކަމަށެވެ. ނަމަވެސް ޝައުބާން މަހުގެ މާތްކަމާއި އެ މަހުގެ އަޅުކަމާމެދު މީސްތަކުން ފަރުވާ ކުޑަކޮށްފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޝައުބާން މަހުގެ ރޯދައާ ބެހޭގޮތުން ރަސޫލާ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ، "އެއީ ރަމަޟާން މަހާއި ރަޖަބް މަހާ ދެމެދުގައިވާ، މީސްތަކުން އެމަހަކާމެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރިރަސްކަލާންގެ ހަޒްރަތައް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންވެ، ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނު ޢަމަލުފުޅުތައް އުފުއްލެވުމަކީ ތިމަންކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ،"
ވޭތުވެ ދިޔަ އަހަރުގެ ފަރްޟު ރޯދައެއް ގަޞާކުރަން ޖެހޭނަމަ އެ ރޯދަ އަވަހަށް ގަޞާކުރުމަށް ގޮވާލާ ހުތުބާގައި ބުނީ، ހީވާގިކަމާއެކު، ރަމަޟާން މަހަށް އިސްތިގްބާލުކުރަން ތައްޔާރު ވާން ޖެހޭ ކަމަށެވެ.
އެގޮތުން ރަމަޟާން މަހު އަޅުކަމަށް ވަގުތުދެވޭ ގޮތަށް ވަގުތުތައް ރާވާލަން ޚުތުބާގައި ގޮވާލިއެވެ. އަދި ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫންކަމަށާއި ފިތުރު ޒަކާތް ދެއްކުމަށް ނިޔަތްގަނެ، ރަމަޟާން މަސް ނިމުމުގެ ކުރިން އެ ޒަކާތް ދެއްކުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.