ގުޅިފަޅާއި ތިލަފުށީ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައިހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަފުށީ ބަނދަރު --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ)ގެ ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެ ކޯޕަރޭޝަނުން އަންގައިފިއެވެ.

ސިނާއީ މަސައްކަތްތަކަށް ހާއްސަ ތިލަފުއްޓާއި ގުޅީފަޅުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ އުޅަނދުތައް ނަގަން މީގެ ކުރިން ވެސް އެޗްޑީސީން ވަނީ ތަކުރާރުކޮށް އިއުލާނުކޮށްފައެވެ.

އެ ކޯޕަރޭޝަނުން ވަނީ އުޅަނދުތައް ނަގަން ގާނޫނީ ހުރަހެއް އޮއްތޯ ބަލަން މިފަހުން ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ. ސިވިލް ކޯޓުން މައްސަލަ ނިންމީ އެކަން ކުރަން އެޗްޑީސީއަށް ކޯޓުގެ ހުއްދަ ބޭނުން ނުވާނެ ކަމަށެވެ.

ހުއްދަ ނެތި ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ކަނޑު އުޅަނދުތަކާއި އެ ނޫން ވެސް ތަކެތީގެ ސަބަބުން އެ ސަރަޙައްދުގައި ހިންގުމަށް ރޭވިފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާތީވެއެވެ.

މިކަމަށް ދާއީމީ ހައްލެއް ހޯދުމުގެ ގޮތުން އެޗްޑިސީން ވަނީ އެ ސަރަޙައްދަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު ޢަމަލުކުރާނެގޮތުގެ އުސޫލެއް މިއަދު އާންމުކޮށްފައެވެ.

އެޗްޑީސީގެ އުސޫލުގައިވާ ގޮތުގައި އެ ސަރަޙައްދަށް ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށްޓަކައި އެ އެއްޗެއް އޮތް ހާލަތަށް ރިއާޔަތް ކުރުމަށްފަހު ހަތް ދުވަހާއި 30 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެ އެއްޗެއްގެ ވެރިފަރާތުން ނުނަގައިފި ނަމަ އެ އެއްޗެއް ނައްތާލުމުގެ އިތުރުން ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް ލިބެއެވެ. އަދި އެ ތަކެތި ނެގުމުގެ ތެރޭގައި އޭގެ ވެރިފަރާތަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އެޗްޑީސީން ނަގަން ނުޖެހޭނެކަމަށް އުސޫލުގައިވެއެވެ.

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

އުޅަނދުތައް ނަގަން އިލްތިމާސްކޮށް، އެޗްޑީސީން ނެރުނު ބަޔާނުގައި ވަނީ އުޅަނދުތައް ނަގަން ތަކުރާރުކޮށް ކުރި އިއުލާނުތަކަށް އިޖާބަދީފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އުޅަނދުތައް ފަޅުގައި ހުރުމުގެ ސަބަބުން ސަރުކާރާއި އެޗްޑީސީން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް ޕްރޮޖެކްޓަކަށް ހުރަސް އެޅެމުން އަންނަކަން ފާހަގަކުރިއެވެ. ހަމައެހެންމެ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިވުމާއި އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ގުޅިފަޅު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީން އެ ސަރަހައްދުގެ ފަޅު ތެރެއަށް ދޫކޮށްފައި އުޅަނދު ތަކަކީ ކޮބައިކަން ކަނޑައަޅައި އެ އުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް އިލްތިމާސްކޮށްފައެވެ.

އެއްވެސް ފަރާތެއްގެ އުޅަނދެއް ނުވަތަ މުދަލެއް ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްފައިވާ ނަމަ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ފަހު އެތަކެތި ނެގުމަށް ވެސް އެ ކޯޕަރަޝަނުން ވަނީ އަންގާފައެވެ.

comment ކޮމެންޓް