އޮފް ދުވަހު ކަމެއް ކުރަން ބަލާއިރު އޮންނަނީ ދުވަސް ނިމިފަ!

ބިޒީ ހަފުތާއަކަށް ފަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ ހަފުތާ ބަންދަށް ލިބޭ ކުޑަ ޗުއްޓީއަށެވެ. ހަފުތާ ފެށޭނީ ހަފުތާ ބަންދުގައި ގޭގައި ހުރި ކަންތައްތަކާއި އެ ނޫން ވެސް ގިނަ ޕްލޭންތައް ރާވައި އެކަންތައް ކުރާނެ ކަމުގެ އަޒުމުގައެވެ. ނަމަވެސް ހަފުތާ ބަންދު އަންނަ އިރު އެންމެ ފަހުން ކަންތައް ވެގެން ދަނީ އެހެނެއް ނޫނެވެ.

ގިނަ މީހުންނަކީ ހަފުތާގެ ގިނަ ދުވަސްތަކުގައި މަސައްކަތުގައި ބިޒީ ވެގެން އުޅޭ މީހުންނެވެ. ގިނަ ބަޔަކު ދިރިއުޅެނީ އޮފީހުގައެވެ. ގެއަށް އާދެވެނީ ހަމައެކަނި ނިދާލާށެވެ. އޮފީހުގެ ބުރަ މަސައްކަތުން ގެއަށް ދެވޭއިރު ގިނަ ފަހަރަށް އިތުރު މަސައްކަތެއް ކުރާނެ ވަރު ގަޔަކު ނުހުރެއެވެ. ހަފުތާ ނިމިގެންދާނީ އެކަހަލަ ހާލެއްގައެވެ.

"އޮފީހުގައި ހުންނަ އިރު ވެސް ހިތަށް އަރާ މިއަދު ގެއަށް ގޮސް ގޭގައި ހުންނަ ބައެއް ކަންތައް ކުރާނީއޭ. އެކަމު ގެއަށް ދެވޭ އިރު ނުހުރެ. އަވަހަށް ގެއަށް ދިޔަސް ހުންނަނީ ކަމެއް ކުރާނެ ހިތްވަރު ގޮސް،" ސިވިލް ސާވިސް ވަޒީފާއެއްގައި މަސައްކަތް ކުރާ ސޮދުމާ އަލީ ބުންޏެވެ.

ސޮދުމާގެ ވާހަކަ އަކީ އެތައް ދިވެހިންގެ ވާހަކައެވެ. ކުރަން ޖެހޭ ކަންތައްތައް ގިނަ ކަމުން ގިނަ ފަހަރަށް އެއްވެސް ކަމެއް ނުކުރެވުމަކީ ގިނަ ބައެއްގެ ތަޖުރިބާއެވެ.

އެހެންވުމާއެކު ގޭގައި ނުވެ ހުންނަ ކަންތައްތައް ބަހައްޓަނީ ހަފުތާ ބަންދަށެވެ. ގޭތެރެ ސާފު ކުރުމާއި ރަނގަޅަށް ކައްކާލުމާއި އެނޫން ވެސް ކަންތައްތަކަކީ ހަފުތާ ބަންދަށް ރާވާ ކަންތަކެވެ. ހަމައެއާއެކު އެކުވެރިންނާ އެކު ބޭރަށް ގޮސްލުމާއި މޫދަށް އެރިލަން ދިޔުމަކީ ވަރަށް ގިނަ ބަޔަކު ރާވާ ކަންތަކެވެ. ނަމަވެސް ހަފުތާ ބަންދު ފެށި ކަމެއް ކުރަން ބަލާއިރު އޮންނަނީ ގިނަ ފަހަރަށް ވަގުތު ހުސްވެފައެވެ.

"ހުކުރު ދުވަހު އެކަނި ނިދާލަން ލިބޭނީ. ދެން އެނދުން ތެދުވެވޭ ވަރުވެސް ނުވޭ ހުކުރު ދުވަހު. އެހެންވެ ނިދައިގެން ހޭލައިގެން ވެސް އޮންނާނީ އެނދުގައި. ދެން ކަމެއް ކުރަން ބަލާއިރު އޮންނަނީ މެންދުރު ފަސް ވެފައި،" ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތް ކުރާ އިބްރާހީމް ޝަޔާހު ބުންޏެވެ.

ޝަޔާހު މެން ފަދަ ޕްރައިވެޓު ސެކްޓާގައި މަސައްކަތް ކުރާ މީހުންނަށް ބަންދު ދުވަހަކަށް ލިބޭނީ ހަމައެކަނި ހުކުރު ނުވަތަ ހޮނިހިރު ދުވަހުގައެވެ. ހަފުތާގެ ބިޒީ ކަމާއި ސްޓްރެސްތައް ޕްރޮސެސްކޮށް މީހާ ހަމައަކަށް އަޅުވާލުމަށް ލިބޭ ދުވަހަކީ އެ ދުވަހަށް ވުމުން ގިނަ ބަޔަކަށް އެ ދުވަސް ވަނީ އިތުރު މަސައްކަތެއް ކުރަން ބޭނުން ނުވާ ދުވަހަކަށެވެ.

ބަންދު ދުވަސް ރެސްޓު ކުރުމުގައި ހޭދަ ކުރުމަކީ އެއްވެސް ގޮތެއްގައި ގޯސްކަމެއް ނޫނެވެ. ނަމަވެސް މަސައްކަތެއް ކުރަން އޮތް ނަމަ އެކަން ކުރަން ދަތި ވުމަކީ އެކަމަށް ހައްލެއް ބޭނުންވާ ކަމެކެވެ. އެހެންވީމާ ބަންދު ދުވަހު ރެސްޓު ކޮށް ގޭގައި ހުންނަ މަސައްކަތް ކުރުމަށް އުކުޅެއް އޮތް ނަމަ އެ އުކުޅަކީ ކޮބާ ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު