އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅަން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެންމެ ފުރަތަމަ ސ. ހިތަދޫގައި 200 ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް، މި މަސައްކަތަށް ބީލަން
ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" އާއި ފިނޭންސް މިނިސްޓްރީގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"ގެ ދަށުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ)އުސޫލުގެ މަތިންނެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަހެއްގެ 11:00ގައި ފިނޭންސް މިނިސްޓްރީގައެވެ.