"ވަގުތުގައި ބަރަކާތް ލައްވާފައިވާނަމަ އެހެންމީހުންނަށް ހަފްތާއަކުން ނިންމައިލެވޭ މަސައްކަތް ތިބާއަށް އެންމެ ދުވަހަކުންވެސް ނިންމައިލެވިދާނެއެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބޭނުންތެރި ފައިދާ ހުރި ކަމެއްގައި ވަގުތުު ހޭދަކުރާށެވެ."

***

މީކާއިލް ދުރުގައި ފިޔަވަޅުތައް އަޅަމުން ގޮސް މަގުގައި ޕާކްކޮށްފައިވާ ކާރަށް އަރާ ދުއްވާލުމަށްފަހު ލޯގަނޑުން ފަހަތަށް ބަލައިލީ މަގުމަތީގައި ހުރި މީހާގެ ހަރަކާތް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. ފެނުނު މަންޒަރަކުން އޭނަގެ ހިތް އަވަސްވިއެވެ. މަގުމަތީގައި ކަޅު އެއްޗެހީގައި ފޮރުވިގެން ހުރި މީހާ އެ އުސް ފާރުމައްޗަށް ފުންމައިގެން އެރިގޮތެއް މީކާއިލްގެ ސިކުނޑިއަކަށް ނުވަނަސް އެމީހާ ދެވަނަ ސިކުންތުކޮޅުގައި ފާރުމަތިން އެގޭތެރެއަށް ފުންމައިލަނީއެވެ. ވަގުން ހުރިހާ ކަމަކަށް ކުޅަދާނަވާނެއެވެ. ޖަބްރީލް އެކަނި އުޅޭތީ އެގޭގައި މާގިނަ ފައިސާ ހުރީކަމުގެ ކުށްހީގައި އެމީހާ އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ފައި ވިއްދާލީކަމަށް ވެދާނެއެވެ. ނޫނީ ޖަބްރީލްއާއި ޒާތީ ހަސަދައެއް އޮތް މީހަކަށްވެސް ވެދާނެއެވެ. ކޮއްކޮ އެކަނި ދޫކޮށްލާފައި ދާން ނުކެރިގެން މީކާއިލް ވަގުތުން ފުލުހުންނަށް ގުޅާލުމަށްފަހު ކާރު މަޑުކޮށްލަމުން ޖަބްރީލްއަށް މެސެޖްކުރަން ފެށިއެވެ. އޭރު ޖަބްރީލްވަނީ ގޭގެ ހުރިހާ އަލިކަމެއް ނައްތާލާފައެވެ. އެގޭގައި ރަސްކަން ކުރަނީ ބިރުވެރިކަމާއި ފަޅުކަމެވެ.

"ޖަބްރީލް...ހުރިހާ ދޮރުތައް ތަޅުލާ...ވަގަކު ތިގޭތެރެއަށް ފުންމާލައިފި..."

"އޯހް....."މިކާއީލްގެ މެސެޖް ފެނުމުން އޭނަވެސް އަވަހަށް ކުޑަދޮރުގެ ފޮތިތައް ކަހައިލުމަށްފަހު ބޭރަށް ބަލައިލިއެވެ. ހުރިހާ ދިމާލަކަށް ވެރިވެފައިވަނީ އަޖައިބެއްފަދަ ހިމޭންކަމެކެވެ. އެހިމޭންކަމުގެ ތެރެއިން ހިތުގެ ތެޅުމުގެ އަޑު ފިޔަވާ އެހެން އަޑެއް ނީވި ގަރުނެއް ވޭތުވެގެން ދިޔަހެން ހީވިއެވެ. ދެން އިވެންފެށީ މަޑުމަޑުން އެއްޗެއް ކިރޭފަދަ އަޑެކެވެ. އޭނަ އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުންނަން އައިސްފަ އެއްޗެއް ވިސްނައިލުމަށްފަހު ސިއްރުން ބަލައިލިއެވެ. އުނދޯލީގައި މީހަކު ނެތަސް ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް އުނދޯލީގެ ހެއްލުން ބާރުވަމުން ދިޔައެވެ. ކޮންމެވެސް މީހަކު ދޮރުގައި ތަޅައިގަތުމާއެކު އުނދޯލި މަޑުޖެހުނެވެ.

ޖަބްރީލް ދޮރު ހުޅުވައިލިއިރު މޫނުމަތިން ފެންނަން ހުރީ ހަމަޖެހުމެވެ.މީކާއިލްގެ ފަހަތުން ދެތިން ފުލުހުން މަޑުކޮށްލައިގެން ތިބިތަން ފެނުނެވެ.

"ދޮންބެ ބަލަން ހުއްޓާ އެމީހާ އެތެރެއަށް ފުންމައިލީ...."

"ނުދެކެން...ފިލާފައިވެސް އޮވެދާނެއްނު..."

ފުލުހުން އެމީހާ ހޯދަންވެގެން ބައްތިތައް ދިއްލާލުމަށްފަހު ގަސްތަކުގެ ތެރެއަށް އަލި އަޅުވާލުމާއެކު ދުވާލުގެ ސިފައިގާ އެތަން ފެންނާން ފެށިއެވެ. ގޭތެރެއަށް ފުލުުން ވަންނަން ޖަބްރީލް ހުއްދައެއް ނުދިނެވެ. ހުރިހާ ދޮރުތަކާއި ކުޑަދޮރުތައް ތަޅުލާ ތަންޑުތައް އަޅުވާފައި ހުރުމުން އޭނައަށް ޔަގީންކަން އެބައޮތެވެ. އެހެންނޫނަސް ވަގަކު ވަދެ ގެންދާނެ މާގިނަ އެއްޗެއްވެސް ނެތްތާއެވެ. މީކާއިލްއަށް އޭނަގެ ގެއާއި ޖަބްރީލްގެ ފަގީރު ގެގަނޑުގެ ފަރަގު ވިސްނައިނުލެވެނީއެވެ. ފުލުހުން ދިޔުމާއެކު މިކާއިލް މައްސަލަ ޖައްސަންފެށިއެވެ.

"ސަމާސާކުރަނީއެއްނޫން، ވަރަށް ޕްރޮފެޝަނަލް ވަގެއްހެން އޭނަގެ ހަރަކާތް ހުރީ. ކޯންޗެއް ނަގަން ކަމެއް އަދި ކޮން މަގުސަދެއްކަމެއްވެސް ނޭގޭ. އޭނަ އުޅުނީ ވަރަށް ފާޑަކަށް....މިގޭގައި ކެމެރާ ހަރުކުރީމަ ދޮންބެއަށް ދެން ހަމަޖެހިގެން ނެވާއެއް ލެވޭނީ...މިރޭ ގެއަކަށް ނުދާނަން....."މިކާއީލް ކޮޓަރިއެއްގެ ދޮރު ހުޅުވައިލިތަނާ ފާރުބުޑަށް އެއްޗެއް ޖެހުނު އަޑު އިވުނެވެ. މީކާއިލް ލޮލުން އިޝާރާތްކޮށްލިއެވެ.

"މިގޭ ވަލުތެރޭގައި އޮތްވާ ފެނުނު ބުޅަލަކަށް ކާންދެން. އެފަހުން އަދި އެއް ބުޅާވެސް އަންނަންފެށީ. ސޯ މިހާރުު ގަވާއިދުން ދެ ބުޅަލަށް ކާންދޭން ޖެހޭ...މިރޭ ކާންދޭން ހަދާންކޮށް ތިދިނީ ދޮންބެ. އެބަ އަންނަން ކެޓްފުޑް ހިފައިގެން..."ޖަބްރީލް ބަދިގެއާއި ދިމާލަށް މިސްރާބުޖެހުމުން މިކާއިލް ކުޑަދޮރުގެ ފަރުދާތައް ކަހާލުމުން ބޭރުގެ މަންޒަރުތައް ފެންނާންފެށިއެވެ.

މިކާއިލް ސިއްރުން ބޭރަށް ބަލަން ހުއްޓާ ޖަބްރީލް ބަދިގެއާއި ދިމާލުން ބޭރަށް ނިކުމެ ބުޅާތަކަށް ކާންވެސް އެޅިއެވެ.

"މިއައީ ބޭރަށްވެސް ނިކުމެފައި...."

"ސްޓުޕިޑް........"މިކާއިލް ރުޅިއަންނަގޮތްވިއެވެ. އޭނަ ކޮއްކޮއަށް ހިމާޔަތްދޭން މަސައްކަތްކުރާއިރުވެސް ޖަބްރީލްއަށް އެނގެނީ އަބަދުވެސް ނުރައްކަލުގެ ތެރެއަށް ފުންމާށެވެ. ކުޑައިރުއްސުރެ ޖަބްރީލް "ޑެއާރޑެވިލް" އެއްހެން އުޅޭއިރު މިކާއީލް އެކަމާއި ބިރުން ހުއްޓުވަން މަސައްކަތްކުރެއެވެ.

"ސޮރީ. ހަނދާންނެތުނީ. ބުޅާތައް ގޭތެރެއަށް ނުވައްދާތީ މިރޭ ހިނގި ހާދިސާ މަތިން މުޅިން ހަނދާންނެތި ބޭރަށް ނުކުމެވުނީ....ދެން ހިނގާ ކޮޓަރިއަށް. ރަގަޅަށް ނުނިދުނިއްޔާ ޑިއުޓީއަށް ގޮސް މީހުންނާއި ކުރިމަތިލާއިރު މޫޑީވެދާނެ..." ޖަބްރީލް ދޮރުގެ ކަނީގައި އަތް ވިއްދައިލިއެވެ.

"ތި މޫޑީނޫން މޫނެއް ނުފެނޭ. އަބަދުވެސް ބުމަކައިރިކޮށްލައިގެން ރުޅިވެރިކަން ދައްކާލައިގެން...ގިނަ ގަޑީގައި ސީރިޔަސް މީހަކަށްވެގެން ތިހުންނަނީ. ވަންސް އިން އެ ބްލޫ މޫން ސްމައިކޮށްލާނީ.......އެންމެ ރަގަޅުވާނީ ޕާސްޓް ޑިލީޓްކޮށްލާފައި ވިޔަސް މޫވްއޮން ކުރިއްޔާ..."

މީކާއިލް ޖަބްރީލްގެ ކޮޓަރިއާއި ހަމަޔަށް ދެވެންވާއިރަށް އެކޮރިޑޯގައި ހުރި ހުރިހާ ކޮޓަރިތަކެއް ހުޅުވާލާފައި ފޯނުން އަލިކޮށްލިއެވެ. އާސާރީ ފަރުނީޗަރުތައް ހުއްޓަސް ގޮދަޑިއެއްފަދަ އެއްޗެއްވެސް ނެތެވެ. ކޮޓަރިތަކުގެ ބޭނުމެއް ހިފޭނީވެސް އެހެން މީހަކަށް ނިދޭނެފަދަ ވަސީލަތެއްވެސް ހުރިނަމަތާއެވެ. ޖަބްރީލްވެސް ރާއްޖެއަށް އައުމަށްފަހު އެގޭގެ އެންމެ ބޮޑުކޮޓަރިއަށް އެއްޗެހި ހަމަކޮށް އުޅެވޭނެގޮތަށް ހެދިޔަސް އަދިވެސް އޭސީފަދަ ޒަމާނީ ވަސީލަތެއްނެތެވެ. އޭސީއާއި ނުލާ މިކާއިލްއަށް ލޮލު ފިޔަޖަހައިލުމަކީ މުސްތަހީލްކަމެކެވެ. ޖަބްރީލްގެ ކޮޓަރީގައި އެންމެ އުއްބައްތިއެއް އަނދަ އަނދާވާއިރު ފަންކާގަނޑެއްވެސް ނެތެވެ. މީކާއިލްއަށް އެކޮޓަރިންވެސް ފާހަގަވަނީ ކަޅުކުލަދެކެ ޖަބްރީލް ލޯބިވާކަމެވެ. ދޮރުގައިވާ ފޮތިތަކަށްދާންދެން އެކުލަ ހުރުމުން މީކާއިލްއަށް އުދަގޫވިއެވެ. ގިނަ ގައުމުތަކުގައި ކަޅު ރަމްޒުކޮށްދެނީ ހިތާމަ ފައުޅުކުރުމާއި މަރު އަދި މޮޅިވެރިކަމެވެ. ޖަނާޒާއަކަށް ދިޔަސް ގިނަމީހުން ލާނީ ކަޅުކުލައެވެ.

"މިއޮތް ހޫނުގައި ނިދަނީ ކިހިނެއް؟" މީކާއިލް އެނދަށް އަރާ ހެޑްބޯޑަށް ލެނގިލިއެވެ. އޭނަގެ ނޭފަތުގައި ޖެހުނީ ރަބަރުފަދަ އެއްޗެއް އެނދުމުން ދުވާފަދަ ތޫނުވަހެކެވެ.

"ފެންވަރާލައިގެން އަންނަގޮތަށް ހުރިހާ ކުޑަދޮރުތައް ހުޅުވާލީމަ ވައިރޯޅިތައް ފިނިކޮށްލާ...."

"ވަޓް؟ ކުޑަދޮރުތައް ހުޅުވާލައިގެންނޭ...."

"އާނ. އެކަމަކު ޕްރޮފެޝަނަލް ވަގަކު މިގެއަށް ވަންނަން އުޅޭކަން އެނގުނީމަ ދެން ތަޅުލައިގެން އުޅެން ޖެހެނީ. ޑޯންޓް ވޮރީ. މިއީ އެންޑް އޮފް ދަ ވޯލްޑްއެއްނޫން. މިހެން އުޅެގެން އަމިއްލަ ފައިމައްޗަށް އުޅެން ދަސްވާނީ. ކަރަންޓްވެސް މައްސަލައެއްޖެހިގެން ބައެއް ހިސާބުގައި ކަރަންޓްނެތް............" ޖަބްރީލް އެނދަށް އަރާ ނިތްމަތީގައި އަތް ބާއްވާލައިގެން އޮތީ ފުން ޚިޔާލެއްގައި އޮތްފަދައިންނެވެ.

"އަހަންނަށް އެނގޭ، މަންމައާއި ބައްޕަ ވަކިވުމުން ދިރިއުޅުން ފަސޭހަނުވާނެކަމާއި ދެމީހުން ދިޔުމުން ކޮއްކޮގެ ހަމައެކަނި މީހަކަށް ހުރީ ކާފަކަމާއި ކާފަ ޑިމެންޝިއާވެގެން ނާސިން ހޯމްގައި ބައިންދަން ޖެހުމަކީ ހަޔާތުގައި ދިމާވި އެންމެ އުދަގޫ ދުވަސްތައްކަން. ކާފައަށްޓަކާ އެ ނާސިން ހޯމްގައި މަސައްކަތް ތިކުރަނީ. އެކަމަކު އެހާ މޮޅުވެފައި އެހާ އޮޕޯޗުނިޓީސްތައް ލިބުނުއިރު މިފަދަ ޖޮބެއް ޗޫޒްކުރީ ކީއްވަތަ؟ އަހަންނަށް ގަބޫލެެއްވެސް ނުކުރެވޭ................" އެތައް ސުވާލެއް މީކާއިލްގެ ހިތުގައި ފުނިޖެހެމުން ދިޔައެވެ.

ޖަބްރީލް އޭނަގެ ސެޓްފިކެޓްތައްވެސް މީކާއިލްއަށް ދައްކާފައެއްނުވެއެވެ. ކިޔަވައިގެން ހުރި މިންވަރެއްވެސް ނޭގޭތާ އަމިއްލަ ކޮއްކޮއަކީ ސިއްރުންފުރިފައިވާ މީހެއްކަމުގައި ދެކެވުނެވެ. ޝުއޫރުތައް ހިއްސާކުރަންވެސް އޭނަ ފަސްޖެހޭނެއެވެ.

"އަހަރެންގެ ސުވާލެއް އެބައޮތް. އެއްވެސް އެއްޗެއް ހޯދަން އިންކާރުކުރާއިރު ކީއްވެ ސެންޓްފުޅި ހޯދަން އެއްބަސްވަނީ؟"

"ނޭގޭ....ކޮންމެވެސް އެއްޗެއް ހޯދަންވާނެއްނު. ތިގޭގައި ގިނަވެފައިވިއްޔާ. ސާމްޕަލްތައްވެސް ހުންނާނެއްނު..."ޖަބްރީލް އާފުރިލަމުން އަތް ދަމައިލިއެވެ.މަތިން ބޮޑު ހިޔަންޏެއްވެސް ހަމަ އެގޮތަށް އަތްދަމައިލިތަން ފެނި މިކާއިލްއަށް ކުޑަ ސިހުމެއްލިބުނެވެ. "އިލޫޝަން" އަކީ މިއީކަމަށްވެދާނެއެވެ. ހަގީގަތުގައި އޭނަގެ ހިތަށް ބިރުވެރިކަން ވަނީ ޖަބްރީލްގެ އަތުގެ ހަރަކާތްތަކާއި ސީލިންއިން ފެންނަ ހިޔަނީގެ ހަރަކާތުގައި ފަރަގު ހުރުމުންނެވެ. އެކަން އެނގުނުކަމަށް ނަހަދާ އޭނަ ޖަބްރީލްއާއި ވީފަރާތަށް އެނބުރުނެވެ.

"އަހަންނަކަށް ނުނިދޭނެ. މިރޭ ޕޯޓަބްލް އޭސީ އެއް ގެނުވައިގެން މަސައްކަތް ފަށަންވީ........."

"ކަމޯން ދޮންބެ.........." ޖަބްރީލް ގަޑި ދައްކައިލިއެވެ.

"މި ހޫނުގައި ނުނިދޭނެ...ދެން ބުނާނެ އެންމެ ރެއަކު ނުނިދުނިއްޔާ ގައިން މަދުވާނީ ކޯނޗެއްހެއްޔޭ؟ އެންމެ އިސްތަށްޓެއް މަދުވިޔަސް ބޮޑުކަމަކަށްވާނީ. ސޯ..........ޓެލް މީ. ކިހިނެއް ހަދާނީ؟ ޔޯ މަމް އައީމަ...."

"މަގޭ މަންމައެއްނެތް..."

"އާދަމް އަލައިހިއްސަލާމް ފިޔަވާ އެހެން މީހެއް އަންހެނަކާއި ނުލާ ދުނިޔެއަށް އައިކަމެއް އެނގިފައެއްނެތް...."

"އަހަރެން މިހިރީނު..."ޖަބްރީލް ލޯ އަނބުރައިލިތަން ފެނުމުން މިކާއިލްގެ ގައިން ހީބިހިނެގީ އެކަޅި ދިއްލުނުހެން ހީވެފައެވެ. އޭނަގެ ކޮއްކޮ ޖަބްރީލްގެ ސިފަޖެހިގެން އައިސް އުޅޭ ޖިންނިއެކޭ ހިތަށް އަރަންފެށުމުން އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދާލައިފިއެވެ. ޖަބްރީލްގެ ލޮލުގައި އެހުންނަ ރީތި ކުލަ މާ ރީތިވެ ވަކިން އަސަރުގަދަހެން ހީވިއެވެ.

"ވަޓް؟" ޖަބްރީލް މައުސޫމްކޮށް އެއް ބުމަ އަރުވައިލިއެވެ.

***

މީކާއީލް ޖަބްރީލްގެ ފޯނަށް ބަލައިލިއިރު އެހެން މީހުންގެ ފޯނާއި ތަފާތުކޮށް ސްކްރީނަށް ހުރީ ކަޅުކުލަ އަރުވާފައެވެ. ޒާތީ މެސެޖެއް އެއްޗެއްވެސް ހިއްސާކޮށްފައެއްނެތެވެ. ވައިބާގައި އެގޮތަށްވެސް އެއްޗެއް ލާފައެއް ނުހުރެއެވެ. ސިއްރުން ފުރިފައިވާ ޖަބްރީލްއާއިމެދު ޝައްކު އުފެދެން ފެށުމުން ތަންކޮޅެއް ދުރުން އުޅެން ނިންމިޔަސް ޖަބްރީލްއަށް ބާރު އަޅައިގެން އެގޭގެ ބޭރުގައި ކެމެރާ ހަރުކުރިއެވެ.

"މިގެ ތަންކޮޅެއް ފަޅުކަމަށް ދައްކާތީ ދިރުން ހުރި ތަނަކަށް ހަދަން ހިތަށް އެރީ...ޓީވީއެއްވެސް ގެނެސްދޭނަން...."

"ނޫން ދޮންބެ. މިހާރުވެސް ވަރަށް ބޮޑަށް އެހީތެރިވެވިއްޖެ..."ޖަބްރީލް ކަޅުކުލައިގެ ޓީޝާޓާއި ޖިންސްގައި ހުރިއިރު އެ ލޮލުން ފެންނަނީ ހުސްކަމެވެ. ދުނިޔޭގެ ހުރިހާ ހިތާމައެއް އެލޮލަށް ލައިގެންނެވެ.

ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ނުކުތް ދެލިގަނޑެއްފަދަ ދެބުޅާ ފެނިފައި މީކާއިލް އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ.

"ކިހާ ކިއުޓް..."

"އަދި ކަޅު. ކަޅުރެއެއްގައި ފޮޓޯއަކަށްވެސް ނާރާނެ ދޯ..."

"ތިހާ ރޭސިސްޓްވާކަށްނުވާނެ...." ޖަބްރީލް ބުމަކައިރިކޮށްލިއެވެ.

"ޖަބްރީލް ހިނގާބަލަ މޫދަށް ދާން...."

"މާދަން ދެވޭނީ..."

"ކަނޑަށްވެސް އެރެންތަ؟"

"ނަސީބަކުން ޑައިވްކުރަން އެނގޭ...ތިހެން ބުނިގޮތުން ހީވީ އެއްގަމުފުރޭތައާއި ސުވާލެއްކުރިހެން........"

މީކާއިލް ޖަބްރީލްއާއި ވާހަކަދައްކަން ހުރެފައި ދިޔުމުން ޖަބްރީލް ގަސްބުޑުގައި އިށީދެލައިގެން ފޯނާއި ކުޅެން އިނެވެ.

***

ޖަބްރީލް އޭނަގެ ކާފައަށް ނަރުސްކުއްޖާ ގެނައި ބޭސްތައް އަތުތެރެއަށް ލާފައި ޖީބަށް އަތްޖެހިއެވެ. އިރުކޮޅަކުން އަނެއް ޖީބަށް އަތް ޖަހާލާފައި ބޭސްތަކެއް ނެގުމަށްފަހު ކާފައަށް އެބޭސްތައް ދިނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު