ށ. ކަނޑިތީމު ބަލިކުރުމަށްފަހު ދ. ކުޑަހުވަދޫން ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ގަދަ 16 ގެ މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ކުޑަހުވަދޫގެ ގޯލުތައް ޖެހީ ހާރޫން އިބްރާހީމާއި އަބްދުލް މުގުސިތެވެ. އަދި ކަނޑިތީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ އަހުމަދު ރިޒާންއެވެ.
ކުޑަހުވަދޫ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16 އަށް ދަތުރުކުރީ އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި ބަލިކުރުމަށްފަހު ޒޯނު ފަހެއްގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.
އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ފަހެއްގައި ހިމެނެނީ ދ. އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫއާއި ފ. އަތޮޅުގެ ޗެމްޕިއަން މަގޫދޫގެ އިތުރުން ތ. އަތޮޅުގެ ޗެމްޕިއަން ކިނބިދޫއާއި އެ އަތޮޅުގެ ރަނަރަޕް ތިމަރަފުއްޓެވެ.
މީގެއިތުރުން ކަނޑިތީމު ގަދަ 16 އަށް ދަތުރުކުރީ ޒޯނު އެކެއްގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.
އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.
ގްރޫޕް އެކަކުން ސެމީ ފައިނަލަށް ދަތުރުކުރީ ނާވައިދޫއާއި ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭކުން ސެމީއަށް ދަތުރުކުރީ ކަނޑިތީމާއި ފޯކައިދޫއެވެ. ފައިނަލްގައި ފޯކައިދޫ ވަނީ ނާވައިދޫ ބަލިވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.