އަދިތްޔާއާއި މްރޫނާލްގެ ފިލްމުން އަނިޔާވެރި މަންޒަރުތަކެއް

އެކްޓަރު އަދިތްޔަ ރޯއި ކަޕޫރާއި ބަތަލާ މްރޫނާލް ތާކުރް ފެނިގެންދާ ފިލްމު "ގުމްރާހް"ގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމުގެ ކުޑަ ޓީޒާއެއްވެސް ޢާއްމުކޮށްފިއެވެ. ފިލްމުގެ މުޅި ސްޓޯރީ ކުޑަ ޓީޒާއަކުން ނުފެނުނުނަމަވެސް މިފިލްމަކީ މްރޫނާލްއާއި އަދިތްޔާގެ ކުރިމަތިލުންތަކެއް ދައްކުވައިދެއެވެ. ވަރަށް އަނިޔާވެރިގޮތަކަށް މީހުން މަރާ ޤާތިލެއްގެ ރޯލްއިން އަދިތްޔާގެ ފެނިލުމެއް ދައްކާލާއިރު ބަތަލާ މްރޫނަލް މަސައްކަތްކުރަނީ މިޤާތިލް އަތުލުމަށް މަސައްކަތްކުރާ ފުލުހެއްގެ ރޯލެވެ. މްރޫނާލްއާއި އަދިތްޔާގެ އިތުރުން އެކްޓަރު ރޮނިތް ރޯއިންވެސް ފިލްމުން ފެނިގެންދާނެއެވެ.

"ގުމްރާހް" ފިލްމަކީ، 2019ވަނަ އަހަރު ރިލީޒްވި ކާމިޔާބު ތަމަޅަ ފިލްމު "ތަޅަމް" އަސްލަކަށް ބަލައިގެން އުފައްދާ ހިންދީ ރިމޭކްއެކެވެ. ކުރިޔަށްއޮތް އޭޕްރީލް މަހުގެ ހަތެއްގައި ރިލީޒްވުމަށް ތައްޔާރުވަމުން އަންނަ މިފިލްމަކީ، ޕްރޮޑިއުސަރު ބޫޝަން ކުމާރުގެ ޓީ-ސީރީސްއާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގެނެސްދޭ ފިލްމެކެވެ. މި ދެފަރާތް ގުޅިގެން މީގެކުރިން ގެނެސްދީފައިވާ ފިލްމުތަކުގެތެރޭގައި ކާމިޔާބު ފިލްމު "ކަބީރް ސިންގް" އަދި ފިލްމު "ބޫލް ބުލައްޔާ2" ހިމެނެއެވެ. މިފިލްމުގެ ޑައިރެކްޓަރަކީ އަލަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނިކުމެފައިވާ ވަރުދާން ކެތުކަރުއެވެ.

ފިލްމު "އާޝިޤީ2"އިން ގިނަ ބައެއްގެ ހިތް އަތުލި އަދިތްޔަ ރޯއި ކަޕޫރު އެންމެފަހުން ފެނިފައިވަނީ ޑިޒްނީ ހޮޓް ސްޓާއިން ދެއްކި ވެބް ސީރީސް "ދަ ނައިޓް މެނޭޖާ"އިންނެވެ. އަނިލް ކަޕޫރާއެކު ވަރުގަދަ އެކްޝަން ސީންތަކެއް ފެނިގެންދިޔަ މިސީރީސްއަށް ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއްވަނީ ލިބިގެން ގޮސްފައެވެ. މިދިޔަ އަހަރު އަދިތްޔާ ފެނިގެންދިޔަ އެކްޝަން ފިލްމު "ރާޝްތްރާ ކަވަޗް އޮމޮ"އަކީވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ.

comment ކޮމެންޓް