ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ސ. ފޭދޫ ކަޓުވާލުމަށްފަހު އިނގުރައިދޫ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރ. އިނގުރައިދޫއާއި ސ. ފޭދޫއެވެ.
އެ މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް އިނގުރައިދޫން ވަނީ ކަށަވަރުކޮށްފައެވެ. އެ މެޗުގައި އިނގުރައިދޫގެ ގޯލުތައް ޖެހީ އަހުމަދު އައިހަމްގެ އިތުރުން މުހައްމަދު ޖުމާންއެވެ. އެ މެޗުގައި ފޭދޫން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ ޔޫސުފް ސިދާމް އަލީއެވެ.
އެ މުބާރާތުގެ ގަދަ 16 އަށް އިނގުރައިދޫ ދަތުރުކުރީ އަތޮޅު ބުރުގައި ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޒޯނު ބުރުގައި ޒޯނު ދޭއްގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ޒޯނުގައި ހިމެނެނީ ރ. އިނގުރައިދޫއާއި ބ. އޭދަފުއްޓެވެ.
މީގެ އިތުރުން ސ. ފޭދޫ މުބާރާތުގެ ގަދަ 16 އަށް ދަަތުރުކުރީ ޒޯނު ހަތެއްގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ މުބާރާތުގެ ޒޯން ހަތެއްގައި ހިމެނެނީ ސ. އަތޮޅުގެ ޗެމްޕިއަން ފޭދުއާއި ފުވައްމުލަކުގެ ދަނޑިމަގެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.