ފްލޮޕަކަށް ވުމަށް މިސްރާބު ޖަހާފައި އޮތް ކްރީޑް ހިޓަކަށް ވެއްޖެ

ބޮކްސްއޮފީހުގައި ފްލޮޕަކަށް ވުމަށް މިސްރާބު ޖަހާފައި އޮތް، އެކްޝަން ޑްރާމާ ފިލްމު "ކްރީޑް 3" ބޮކްސް އޮފީސް ހިޓަކަށް ވެދާނެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.

ކްރިޓީކުންގެ ރަނގަޅު ރިވިއުތަކާއެކު ވެސް މިފަހަރު ބޮކްސް އޮފީހުގައި ކްރީޑަށް ކާމިޔާބު ވާނެ ގޮތެއް ނެތް ކަމަށް އެ ފިލްމުގެ ޕްރައިވެޓް ސްކްރީނިންތަކުން އޮތީ ހީވެފައެވެ. އަދި އެނަލިސްޓުންވެސް އެއަށްފަހު ލަފާކޮށްފައިވަނީ ފިލްމު ފްލޮޕް ވާނެ ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި ފިލްމު އެޅުވުމާއެކު ފިލްމަށް ލިބިފައިވަނީ ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެކެވެ.

މައިކަލް ބީ. ޖޯޑަން ލީޑުން ފެންނަ ކްރީޑަށް ވަނީ ހަފުތާ ބަންދުގައި 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިއީ ފިލްމު އޯޕެނިންއަށް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން އެމެރިކާއިން އެކަނި ވެސް ވަނީ 58.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

"ކްރީޑް 3"އަކީ ހޮލީވުޑް ބޮކްސް އޮފީހުގައި މަގްބޫލު "ރޮކީ" ސީކުއެލްގެ ނުވަ ވަނަ ފިލްމެވެ. ރޮކީ ފްރެންޗައިޒްގައި "ކްރީޑް"ގެ ފިލްމެއް އެންމެ ފުރަތަމަ ނުކުތީ 2015 ވަނަ އަހަރެވެ. ރޮކީ ފިލްމުތަކުގެ ޓައިޓަލް ކެރެކްޓާ، ސިލްވެސްޓާ ސްޓަލޯންގެ ރޮކީ ބަލްބޯއާ އެ ފިލްމުގެ ސަޕޯޓިން ރޯލަކުން ފެނެއެވެ.

ކްރީޑްގެ ދެވަނަ ފިލްމެއް 2018 ވަނަ އަހަރުގައި ނެރުނު އިރު ތިންވަނަ ފިލްމު ނެރުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފިލްމު ރިލީޒް ކުރުން ވަނީ މި މަހަށް ލަސްވީއެވެ. ފިލްމު ރިލީޒް ކުރުން ލަސްވުމަކީ ފިލްމުގެ މަގުބޫލުކަމަށް ލިބުނު ބޮޑު ގެއްލުމެކެވެ.

comment ކޮމެންޓް