ޖަޕާނުގައި ފާއިތުވި ޖެނުއަރީ މަހު، އެ ގައުމުން މުދާ އެކްސްޕޯޓު ކުރާ ވަރަށްވުރެ މުދާ އެތެރެކުރުން ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.
އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި ޖެނުއަރީ މަހު 1.98 ޓްރިލިއަން ޔެން (14.43 ބިލިއަން ޑޮލަރު) ގެ މުދާ ވަނީ އެތެރެކޮށްފައެވެ. އެއީ ކުރިން ލަފާކުރި 818.4 ބިލިއަން ޔެން އަށް ވުރެ ބޮޑު ތަނުން އިތުރު އަދަދެކެވެ.
ޖަޕާނު ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ 1996 ވަނަ އަހަރުން ފެށިގެން ރެކޯޑް ކުރެވިފައިވާ އެންމެ ބޮޑު އަދަދެވެ.
ޖަޕާނުގައި މުދާ އެތެރެކުރި ވަރު މިހާ ބޮޑުވެފައި ވަނީ ތެޔޮ އެތެރެކުރުމުގެ އަގާއި އެހެނިހެން މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ މައުލޫމާތުން ހާމަވެގެންދަނީ ޖަޕާނުގެ އިގްތިސާދު ކުރިއެރުވުމަށް ތެލާއި ރޯ މެޓީރިއަލް އެތެރެ ކުރުމަށް އެ ގައުމުން ބަރޯސާވެފައިވާ މިންވަރެވެ. އަދި މިއީ އެ ގައުމުގެ އިގްތިސާދަށް ބޮޑު ހަރަދެއް ކުރާ ޖަޕާނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭރުގެ ޑިމާންޑް މަޑުޖެހުމުގެ ސަބަބުން ޖެނުއަރީ މަހު އެ ގައުމުގެ އެކްސްޕޯޓަށް ވެސް ވަނީ ގެއްލުން ލިބިފައިއެވެ. އޭގެ ތެރޭގައި ޖަޕާނުގެ އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރު ކަމަށްވާ ޗައިނާ ވެސް ހިމެނެއެވެ.
ޖަޕާނުގައި މުދާ އެކްސްޕޯޓް ކުރުން ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވަނީ އެ ގައުމުގެ ބައެއް ކުންފުނިތަކުން ގިނަ އުފެއްދުންތައް އުފެއްދުން އެ ގައުމުން ބޭރަށް ބަދަލުކޮށްފައިވުމުގެ ސަބަބުންނެވެ.