"އަހަންނަށް ދެން ދުވަހަކުވެސް އެއިން މީހެއް ނުފެންނާނެ! ފަހު ފަހަރަށް މޫނުބަލައިލުމުގެ ނަސީބުވެސް ނުލިބުނު." އެ ދެމީހުންގެ ފިޔަވަޅުތައް ހުއްޓުނީ މައާލްގެ އަޑަށެވެ.

އެކަކު އަނެކަކަށް ބަލައިލެވުމާއެކު އެ ދެމީހުންނަށްވެސް ހިނދުކޮޅަކު ބުނާނެ އެއްޗެއް ނޭގިފައި ތިބެވުނެވެ.

"މައާލް، މުނީރުބޭ ބުނީމެއްނު މައާލް ހިތްވަރުކުރަން ޖެހޭނެއޭ. ސުވަރުގެއިން އެމީހުންނާ ބައްދަލުވުމަށް ދުޢާ ކުރޭ މައާލް! މިއަދު އެމީހުންނަށް ފައިދާއެއް ކުރާނީ ދިރިތިބީންގެ ހެޔޮދުޢާއިން. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްނު. ކޮންމެ މީހަކުވެސް މަރުވާނެ. އެއީ ދުނިޔޭގެ ޤާނޫނެއްނު." މުނީރުގެ ހިތްވަރުގެ ބަސްތަކުން މައާލް އޭނާގެ ދެލޯ ފުހެލިނަމަވެސް، ތާޒާ ކަރުނައިން އެދެލޯ ފުރެމުން ދިޔައެވެ. ނުރޯން މައާލް ހިތްވަރުކުރިއެވެ.

މައާލް ގޮވައިގެން އެނބުރި ހޮސްޕިޓަލަށް ދިޔުމަށްފަހު، ރާދިން މުނީރު ގާތުން އެދުނީ އަރާމުކޮށްލަން ދިޔުމަށެވެ. ރޮއިރޮއި ވަރުބަލިވެގެން މައާލްއަށްވެސް އޮތީ ނިދިފައެވެ.

"ދަރިފުޅު އެކަނި...."

"އޯކޭވާނެ. ބައްޕަވެސް އަރާމުކޮށްލަން ޖެހޭނެއެއްނު. އަޅުގަނޑު މަޑުކޮށްލާނަން." ރާދިން ބުނެލިއެވެ.

"އެހެންވިއްޔާ ބައްޕަ އަންނާނަން މިރޭ..." މުނީރު އެހެން ބުނެލިއެވެ. އޭނާ ބޭރަށް ނުކުތުމަށްފަހު، ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ މައާލްގެ ޙާލަތާ މެދު ވާހަކަ ދައްކައިލަން ބޭނުންވުމުންނެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް މައާލް ގޮވައިގެން ރާއްޖެ ދާށެވެ. އިތުރަށް އެތަނުގައި މަޑުކޮށްފިނަމަ މައާލްގެ ޙާލަތު މާ ގޯސްވާނެހެން މުނީރަށް ހީވަނީއެވެ. އެ މާޙައުލުގައި އުޅެންވެއްޖެނަމަ މައާލްއަށް އެ ހަނދާންތަކުގެ ސަބަބުން މާ ބޮޑަށް އަސަރުކުރާނެކަން އޭނާއަށް އެނގެއެވެ. ވުމާއެކު މާހައުލު ބަދަލުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާއަށް ފެންނާތީއާވެސް އެކުގައެވެ. އެހާވަރުން ޑޮކްޓަރާ ވާހަކަ ދައްކަން މުނީރު ބޭނުންވީވެސް އެހެންވެެގެންނެވެ.

މުނީރު ޑޮކްޓަރުގެ ކޮޓަރިއާ ހިސާބަށް ދިޔައިރު، އެ ކޮޓަރިތެރެއިން ނުކުތް ފުއާދު ނުކުންނަނީއެވެ. އޭނާގެ އަތުގައި އެތެރެ ފެންނަ ފައިލެއް އޮތެވެ.

"މުނީރު..." ފުއާދަށް މުނީރު ފެނުމާއެކު ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އަދި އޭނާ ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ނަގާ އޭގެ ތެރެއަށް އެ ފައިލް ލިޔެވެ.

"ކީކޮށްލަނީ މިތާ؟ ތީ ކޯންޗެއް، މައާލްގެ ޙާލަތާ މެދު ޑޮކްޓަރާ ވާހަކަ ދައްކާލީތަ؟" މުނީރު ސުވާލުކޮށްލިއެވެ.

"އޮފީސް ލިޔުންތަކެއް ހިފައިގެން މި އުޅެވެނީ. ޑޮކްޓަރުންގެ އުންމީދެއް އެހާ ބޮޑަކަށް ނެތް މައާލްގެ ލޯ ރަނގަޅުކުރެވިދާނެކަމަކަށް. އެމް.އާރް.އައި ރިޕޯޓްވެސް ލިބިއްޖެކަމުގައި ޑޮކްޓަރު ބުނި." ފުއާދުގެ ޖަވާބާއެކު މުނީރަށް ނިތުގައި އަތް ޖައްސައިލެވުނެވެ. އޭނާގެ ސިކުނޑީގެ ނާރުތަކަށް ވާންވެގެން ދިޔައެވެ. ފުއާދުގެ އެ ޖަވާބު ގަބޫލުކުރަން އޭނާގެ ހިތް ދެކޮޅުހެދިއެވެ.

"އަހަރެން އިތުރު ކަމަކާމެދު ވެސް އެބައޮތް ވާހަކަދައްކާލަން ބޭނުންވެފަ. އޯކޭ، ފަހުން ދިމާވާނެ އަދި." އެހެން ބުނެލާފައި މުނީރު ޑޮކްޓަރުގެ ކޮޓަރިއަށް ވަނުމުން ފުއާދު އިރުކޮޅަކު އެތަނުގައި މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ ދަބަހުގެ ޒިބު އަޅުވައިލުމަށްފަހު، އެތަނުން ދިޔުމަށް ހިިނގައިގަތެވެ.

"މުނީރު. އިށީނދޭ. އަހަރެން މުނީރުއާ ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެފަ ވެސް އެބައޮތޭ." މުނީރު ފެނުމާއެކު ޑޮކްޓަރު ސްޓެފަން ބުނެލިއެވެ.

"ހުރިހާކަމެއް ރަނގަޅުތޯ؟" ޑޮކްޓަރުގެ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި މުނީރުގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ.

"އިށީނދެލާ." ޑޮކްޓަރު ސްޓެފަން އެދުނެވެ. މުނީރު އިށީނދެލުމާއެކު ސްޓެފަން މޭޒުމަތީގައި އޮތް ސިޓީއުރަ ހުޅުވައިލިއެވެ. އޭތެރޭގައި ހުރި މައާލްގެ ރިޕޯޓްތަކެވެ. އޭނާ ރިޕޯޓްތައް މުނީރަށް ދައްކައިލުމަށްފަހު އޭގައި ލިޔެފައި ހުރި އެއްޗެހި ތަފްސީލްކޮށްދޭން ފެށިއެވެ.

"މައާލް ލޮލާ ސިކުނޑިއާ ގުޅުވައިދޭ ނާރުތައް ވަނީ އެކީ ހަލާކުވެފަ. އިތުރު އޮޕަރޭޝަނެއް ކޮށްގެންވެސް ރަނގަޅުވާފަދަ ޙާލަތެއްގައެއް ނޫން މައާލް އެހުރީ. މިކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް." ޑޮކްޓަރު ސްޓެފަންގެ ވާހަކައާއެކު މުނީރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ދެން ތި ވިދާޅުވަނީ މައާލްގެ ލޮލުގެ ފެނުން އަނބުރާ ނުލިބޭނެޔޭތަ؟" މުނީރު ސުވާލުކޮށްލީ އަދިވެސް ޔަޤީންކުރަން ބޭނުންވެފައިވާ ފަދަ ގޮތަކަށެވެ. އެ ޚަބަރު މައާލްއަށް ދޭނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. މިހާރު މައާލްއަށް އޮޅުވައިލިނަމަވެސް، އަބަދަކު ސިއްރުނުކުރެވޭނެކަން ވެސް އޭނާއަށް އެނގެއެވެ. ކޮންމެވެސް ދުވަހަކުން އެ ހަޤީގަތް މައާލްއަށް ވެސް ކިޔައިދޭން ޖެހޭނެއެވެ.

"އިތުރު ހަމައެއްގޮތެއްވެސް ނެތްތަ؟ ދުނިޔޭގެ ކޮންމެ ތަނަކަށް ގޮސްގެންވެސް ފަރުވާކުރެވޭވަރަށް ފައިސާ އެބަހުރި. ކުޑަ ކުޑަ އުންމީދެއްނަމަވެސް ދެއްވާ." މުނީރު އާދޭސްކުރިއެވެ.

"ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް ދޭނީ ހަމަ އެއްޖަވާބެއް. އެއީ މިޖަވާބު. ކިތަންމެ ވަރަކަށް މަަސައްކަތްކުރިނަމަވެސް، އަލުން މައާލްގެ ލޮލަށް ފެނުމަކީ ނާދިރުކަމެއް." ސްޓެފަން ބުނެލިއެވެ. މުނީރަށް ގޮނޑީގައި ލެނގިލެވުނެވެ. މާޔޫސްކަމާއެކު އޭނާ އެ ރިޕޯޓްތައް ބަލައިލިއެވެ. އުންމީދުގެ ހުޅުކޮޅު ނިވުން ނޫންކަމެއް ނުވިއެވެ.

"އިތުރުވާހަކައެއް އަހާލަން ބޭނުންތަ؟" ޑޮކްޓަރ ސްޓެފަން ސުވާލުކޮށްލީ އިރުކޮޅެއްގެ ހިމޭންކަމަކަށްފަހުއެވެ.

"ލައްބަ! މައާލްގެ ޙާލަތު ވަރަށް ނާޒުކުކަން އަޅުގަނޑަށްވެސް އެނގޭ. އަދި މިވަގުތު ފްލައިކުރުމުގެ ހުއްދަނެތްކަންވެސް އެނގޭ. މައާލްއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރިކަންވެސް އެނގޭ. އެހެންވީމަ ކިހިނެއްވާނީ މައާލް މި މާހައުލާ ދުރުކޮށްލުން. އެހެން ތަނަކަށް ގެންދިޔުން؟" މުނީރު ޑޮކްޓަރު ސްޓެފަންގެ ޚިޔާލަކަށް އެދުނެވެ.

"ތީ ގޯސް ޚިޔާލެއް ނޫން. މިތަނުގައި ހުންނަކަމަށް ވާނަމަ މާ ބޮޑަށް އެ ހަނދާންތައްއާވާނެ. އެއީ އެ ހާދިސާ ހިނގީ މިތަނުގައި ކަމަށްވާތީ އަދި މައާލްގެ ދިރިއުޅުުމުގެ ބޮޑުބައި ހޭދަކުރީ އެ ދެމީހުންނާއެކު މިތަނުގައިކަމަށްވާތީ. ފްލައިކުރުމުގެ ހުއްދަ ދެވޭނީ އަދި ހަފްތާއެއްހާ ދުވަސް އޮބްޒާވްކޮށްލާފަ. މިވަގުތު އޮކްސިޖަން ހިފެއްޓޭނަމަވެސް ކުއްލިއަކަށް ހަމަ ހާލަތު ދަށަށް ހިނގައިދާނެ. ދެން އެންމެ މުހިންމު ކަމަކީ ދީފައިހުރި ބޭސްތައް ޤަވައިދުން ބޭނުންކުރުން."

"މައާލްގެ ލޮލުގެ ޙާލަތު މިހާރު ކިޔައިދިނުން ރަނގަޅުވާނެތަ؟" ކޮންމެ ފިޔަވަޅެއްވެސް މުނީރު ނަގަން ބޭނުންވަނީ ޑޮކްޓަރުގެ އިރުޝާދާއެކީގައެވެ. ކުރެވޭކަމަކުން މައާލްއަށް އިތުރު ގެއްލުމެއް ވާކަށް އޭނާ ނޭދެއެވެ. މިއަދު މައާލްއަކީވެސް އޭނާގެ ޒިންމާއެއްކަން މުނީރަށް އެނގެއެވެ.

"މިވަގުތު އެހަށް އެވާހަކަ ބުނުން ރަނގަޅެއް ނުވާނެ! އަހަރެން ސައިކޭޓްރިސްޓާ ވެސް މައާލްގެ ޙާލަތާ ބެހޭގޮތުން ވާހަކަ ދައްކައިލިން. އޭނަ ރިކޮމެންޑްކުރަނީ ބޭސް ފެށުމަށްފަހު، ތެރަޕީ ކުރިއަށް ގެންދިޔުން. އެހެންވީމަ މިކަންތައް ފަށާފަ މައާލް ކުޑަކޮށް ހަމައަކަށް އެޅިލީމަ އެ ވާހަކަ ބުނުން ކަންނޭނގެ އެންމެ ރަނގަޅުވާނީ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ ހަމަ މައާލް ކުޑަކޮށް ހަމައަކަށް އެޅިލީމަ ވީ އެންމެ އަވަހަކަށް ބުނުން. އެއީ ފަހުން އެނގުނީމަވެސް ހަަމަ އެކަމުން ވަރަށް ބޮޑު އަސަރެއް ކުރާނެ." ސްޓެފަން މުނީރަށް އޮޅުން ފިލުވައިދިނެވެ. އިތުރަށް މައާލްގެ ޙާލަތާ މެދު ވާހަކަ ދައްކައިލުމަށްފަހު، މުނީރު ބޭރަށް ނުކުމެލީ މައާލްގެ ރިޕޯތްތައްވެސް ހިފައިގެންނެވެ.

ހޮސްޕިޓަލުން ނުނިކުމެ އުޅެނިކޮށް މުނީރަށް ފޯނު ކޯލެއް އައެވެ. ގުޅަނީ ރާއްޖެ ނަންބަރަކުންނެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.

"މުނީރު... މުނީރުތޯ؟" ވާހަކަ ދެއްކީ އަންހެނެކެވެ.

"އާދެ! ކޮންބޭފުޅެއްކަމެއް ނޭނގުނު" މުނީރު ބުނެލިއެވެ.

"މީ... މީ ރަޒީނާ..."

"ރަޒީނާ..." މުނީރު އެނަން ކިޔައިލިއެވެ.

"މައާލްމެން ގޭގައި މަސައްކަތް ކުރަން އުޅޭ...."

"އާނ. އެނގިއްޖެ..." ރަޒީނާ އެހެން ބުނެލުމާއެކު މުނީރަށް އެއީ ކާކުކަން އެނގުނެވެ.

ރަޒީނާއަކީ އެންމެ ކުރީންސުރެވެސް ލަންޑަންގައި ހުރި ގޭގައި ފަހުމާމެން ގާތުގައި އުޅޭ މީހެކެވެ. އޭނާއަކީ ގޭގެ ހުރިހާކަންތައް ބަލަހައްޓަން ހުންނަ އެންމެ އިސްމީހާއެވެ. ރަޒީނާގެ އިތުރުން އެގޭގައި އިތުރު ބޭރުކުއްޖަކު ވެސް ގެންގުޅެއެވެ. އެކްސިޑެންޓް ހިނގީ ޗުއްޓީއަށް ރަޒީނާ ރާއްޖެ ގޮސް ހުއްޓައެވެ. އެގޭގައި މަސައްކަތްކުރާ ޕިލިޕީންސް ކުއްޖާ ވެސް އޭނާގެ ގައުމަށް ދިޔުމުން ފަހުމާ ހުރީ ރާއްޖެ ނުދާންވެގެންނެވެ. އެހެންނަމަވެސް، ރާއްޖޭގައި އުޅޭ އޭނާގެ އާއިލާގެ މީހަކު ބަލިވުމާ ގުޅިގެން އަވަހަށް މާލެ އައީއެވެ.

"މި ގުޅައިލީ ވަރަށް ދެރަ ޚަބަރެއް ލިބިގެން. ގޭގެ ޑްރައިވަރު އަހަންނަށް ހަބަރު ދިނީ. އަދި ކިރިޔާ މި އެނގުނީ ފަހުމާ ފޯނު ނުނަގާ ސަބަބު. ކިހިނެއްތަ މައާލް؟ މައާލް ރަނގަޅުތަ؟" ރަޒީނާ ސުވާލުކޮށްލިއެވެ. ރަޒީނާއަކީ ޝާކިރުމެން ވަރަށް އިތުބާރުކުރާމީހެއްކަން އޭނާއަށް އެނގެއެވެ. އޭނާ ރަޒީނާއަށް މައާލްގެ ޙާލަތު ކިޔައިދިނުމާއެކު ރަޒީނާ ހިމޭންވިއެވެ.

"މައާލްއަށް އެނގޭތަ؟" ފަހުމާ ސުވާލުކޮށްލިއެވެ.

"އަދި އެވާހަކައެއް ނުބުނަން. މި ގަސްތުކުރަނީ މައާލް ގޮވައިގެން ރާއްޖެދާންކަމަށް. މި މާހައުލު ބަދަލުކޮށްލުން ކަންނޭނގެ އެންމެ ރަނގަޅުވާނީ..." މުނީރު ބުނެލިއެވެ.

"މައާލްއާ ވާހަކަ ދައްކައިލެވިދާނެތަ؟" ރަޒީނާ އެދުނެވެ.

"މައާލްއަށް ނިދިފައި ކަންނޭނގެ އޮންނާނީ. އަހަރެން ނުކުތްއިރު ނިދާފަ އޮތީ. އަހަރެންގެ ދަރިފުޅުގެ ނަންބަރު ކިޔައިދެންތަ؟ އެ ނަންބަރަށް ގުޅާލާފަ އަހާލަބަލަ! އަހަރެންވެސް އެބަ ބުނެލަން ގުޅާނެ ވާހަކަ." މުނީރު ރާދިންގެ ނަންބަރު ދިނެވެ. ރަޒީނާ ޝުުކުރު އަދާކޮށްފައި ފޯނު ބޭއްވުމުން މުނީރު ރާދިންއަށް ގުޅައިލިއެވެ.

*****

ރާދިން ސޯފާގައި އޮށޯވެލިތަނާ އޭނާގެ ފޯނު ރިންގްވިއެވެ. ފޯނުގެ އަޑު އެންމެ ބާރުކޮށްލާފައިވާތީ ރިންގްވުމާއެކު މައާލްވެސް ދިޔައީ ސިއްސައިގެންނެވެ. ރާދިން ތެދުވެ ފޯނުބަލައިލިއެވެ. ރާދިން ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު ރަޒީނާ ގުޅާނެ ވާހަކަ މުނީރު ބުނެލިއެވެ.

"ސޮރީ. ފޯނު ސައިލެންޓަށް ނުލެވި އޮތީމަ." ރާދިން މައާލްއަށް ބަލައިލިއެވެ. ދެލޯ ހުޅުވާލައިގެން އޮތް މައާލް އޮތީ ސީލިންގަށް ބަލަހައްޓައިގެންނެވެ. އޭނާ ރާދިންގެ އެވާހަކަ އަޑު އިވުނު ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ދެވަނަ ފަހަރަށް ރާދިންގެ ފޯނު ރިންގްވުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއަށްފަހު ސޯފާއިން ތެދުވެލާ މައާލްއާ ދިމާލަށް ހިނގައިގަތެވެ.

"މައާލް! މިއޮތީ ރަޒީނައްތަ ގުޅާފަ..." ރާދިން ބުނެލިއެވެ. އެއަށްފަހު އޭނާ ފޯނު މައާލްގެ އަތަށް ލައިދިނެވެ. މައާލް ކަންފަތުގައި ފޯނު ޖައްސައިލިއެވެ.

"ރަޒީނައްތާ، މަންމަވެސް ބައްޕަވެސް އަހަރެން ދޫކޮށްލާފައި ގޮސްފި. އަހަރެން އެކަނިވެއްޖެ. ރަޒީނައްތަ އަހަރެން ކައިރިއަށް އާދެބަލަ..." މައާލްއަށް ރޮވުނެވެ. ރަޒީނާއަކީ މައާލް އެންމެ ކުޑަ އިރުން ފަށައިގެން ވެސް އެގޭގައި އުޅޭ މީހެއްކަމުން މައާލްއާ އޭނާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.

"ރަޒީނައްތަ ދާނަމޭ މައާލް ކައިރިއަށް. އެކަމަކު މައާލް ޖެހޭނެ ހިތްވަރުކުރަން." ރަޒީނާއަަށް ވެސް ކުރެވުނުހާވެސް ކަމަކީ މައާލްއަށް ހިތްވަރު ދިނުމެވެ. އޭނާ ފޯނު ބޭއްވުމުން ރާދިން މައާލްގެ އަތުން ފޯނު އަތުލިއެވެ. އެއަށްފަހު މައާލް އަރާމުކޮށްލަން އެދުނެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު، ޑޮކްޓަރުން ހީކުރުވަރަށްވުރެ މައާލްގެ ޙާލަތު ރަނގަޅުވިއެވެ. އެއާއެކު މައާލްގެއަށް ދޫކޮށްލާ ފްލައިކުރުމުގެ ހުއްދަވެސް ދިނެވެ. މުނީރު ބޭނުންވީ ލަސްނުކޮށް މައާލް ގޮވައިގެން ރާއްޖެ ދިޔުމަށެވެ. އޭނާ އެވާހަކަ މައާލްއާ ދެއްކުމުން މައާލް އެންމެ ފުރަތަމަ އެކަމާ ދެކޮޅު ހެދިނަމަވެސް، މުނީރު މައާލްއަށް ވިސްނައިދިނީ މައާލް ބަލާނެ އެކަކުވެސް މިކޮޅުގައި ނުހުންނާނެކަކަމުގައެވެ.

"ރަޒީނައްތަ ހުންނާނެއެއްނު." މައާލް ބުނެލިއެވެ.

"މައާލް ބޭނުމިއްޔާ ރަޒީނައްތައަށް އެކޮޅުގައިވެސް މައާލްގެ ގާތުގައި ހުރެވޭނެ ގޮތް ހަދައިދީފާނަމޭ." މުނީރު އެތައް ގޮތަކުން ވާހަަކަ ދެއްކުމުން މައާލް އެއްބަސްވިނަމަވެސް އޭނާގެ ހިތްހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އެހެންނަމަވެސް މުނީރު އެބުނާހެން ރާއްޖެއަށް ދިޔުން އެއީ އެންމެ ރަނގަޅު ގޮތްކަން އޭނާއަށް ވެސް ވިސްނެއެވެ. މިއަދު އޭނާއަކީ އެހެންމީހުންގެ އެހީތެރިކަމަށް ވޭނުންވެފައިވާ މީހެކެވެ. މުނީރުމެން ނޫނީ އޭނާއަށް އަޅާލާނެ އިތުރުބަޔަކުވެސް ނެތެވެ.

ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއިރުވެސް މައާލް ގެ އަތާ ފައިގައި އޭރުވެސް އޮތީ ޕްލާސްޓަރު އަޅާފައެވެ. ގެއަށް ދާން ކާރުގައި އިންއިރުވެސް މައާލް އިނީވިސްނުމަކަށް ގެއްލިފައެވެ. ރާދިން މައާލްއަށް ބަލައިލިއެވެ. ގެއާ ހިސާބަށް އާދެވުމުން ރާދިން ކާރުން ފައިބައިގެން ގޮސް ޑިކީ ހުޅުވައިލުމަށްފަހު ގޮނޑި ނެރިލިއެވެ. އެއަށްފަހު މައާލް ގޮނޑީގައި އިށީނުމަށް އެހީތެރިވެދިނެވެ. ގޭ ތެރެއަށް މައާލް ގޮވައިގެން ވަދެލި ރާދިންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މައާލްގެ ކުރަހާ ކޮޓަރިއެވެ.

"މައާލްގެ ކޮޓަރި ހުންނަނީ މަތީގައިތަ؟" މުނީރު ސުވާލުކޮށްލުމުން މައާލް އާއެކޭ ބުނެލިއެވެ.

"ތިރިން ކޮޓަރިއެއްގައި މަޑުކޮށްލުން ކިހިނެއްވާނީ؟ އޭރުން ތަންކޮޅެއް ފަސޭހަވާނެއެއްނު." މުނީރު އެހެން ބުނެލުމުން މައާލް އާއެކޭ ބުނެލިއެވެ.

ރާއްޖެ ދިޔުމަށް ޓިކެޓް ހަމަޖެހުނީ އޭގެ ތިން ދުވަސްފަހުންނެވެ. ނިންމަންޖެހޭ ބައެއްކަންތައް ހުރީތީއާވެސް އެކުގައެވެ. އެ މީހުން އެކޮޅުގައި މަޑުކުރާ ދުވަސްތަކުގައި ގޭގެ މަސައްކަތްކޮށްދީ މައާލްއަށް އެހީތެރިވެދޭން ކުއްޖަކު މުނީރު ހޯދިއެވެ.

"ކޮންއިރަކުން ފުރަނީ؟" ފުރަން އޮތް ދުވަހުގެ މެންދުރުގެ ވަގުތުގައި ގެއަށް އައިސް ވަތް ފުއާދަށް ސިޓިންރޫމުގައި ތިބި އެންމެން ފެނުމާއެކު ސުވާލުކޮށްލިއެވެ.

"އިރުއޮއްސޭއިރު. މިހާރު ދެން އެއާރޕޯޓަށް ދާން ނުކުންނަންވީ. ރޭގަނޑު ފްލައިޓް އިނީ. ފުއާދު ނުދަންތަ؟" މުނީރު ސުވާލުކޮށްލިއެވެ.

"އާނ. އަދި މަހެއްހާ ދުވަސްފަހުން ކަންނޭނގެ ދެވޭނީ. އޮފީހުގެ ފަރާތުން ޓްރެއިނިންގްއަކަށް ވިއްޔަ އައިސް މިއުޅެނީ..." ފުއާދު ބުނެލިއެވެ.

"އެލީ... މައާލް ތައްޔާރުވާން އެހީތެރިވެދީބަލަ! ވަރަށް ޓްރެފިކް ބޮޑުވާނެ މިއަދު ބަންދު ދުވަހެއް ވީމަ، އަވަހަށް ނުކުންނަން ޖެހޭނެ." މުނީރު ބުނުމާއެކު އެލީ މައާލް ގޮވައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"ރާދިންވެސް ތައްޔާރުވެލާ... ބައްޕަވެސް މިދަނީ.. އެހެން ހުރިހާކަމެއް ނިމިފަ ދޯ ހުރީ؟" މުނީރު ސުވާލުކޮށްލިއެވެ.

"ލައްބަ. ހުރިހާކަމެއް ނިމިފަ. ހަމަ ދާން ނައްޓާލަންވީ މިހާރު. އެލީ ކައިރީ ބުނެގެން މައާލްގެ އެއްޗެހިވެސް ޕެކްކޮށްފިން." ރާދިން ބުނެލިއެވެ. މުނީރު ދިޔުމުން ރާދިން ތައްޔާރުވެލައިގެން ނުކުތްއިރު އެލީ މައާލް ގޮވައިގެން ވެސް ނުކުމެއްޖެއެވެ. އެލީ ކުޑަކަމަކު ބަދިގެ ފަރާތަށް ދިޔުމުން މައާލް އަމިއްލައަށް ގޮނޑި ދުއްވައިލި ވަގުތު ސޯފާގައި ގޮނޑި އަޅައިގަތެވެ.

"ކޮންތާކަށް ގެންގޮސްދޭންވީ؟" ރާދިން ސުވާލުކޮށްލިއެވެ. މައާލް ނުބުނިނަމަވެސް މައާލް ދާންބޭނުންވާ ތަން އޭނާއަށް އެނގުނުފަދައެވެ. އެހެންނަމަވެސް ރާދިން ބޭނުންވީ މައާލް ލައްވާ ވާހަކަ ދައްކުވާށެވެ. މައާލް ނުބުނަން ހުރެފައިވެސް އޭނާ ދާންބޭނުންވާ ތަނުގެ ވާހަކަ ރާދިންގެ ކައިރީގައި ބުނެލުމުން ރާދިން އެ ދިމާލަށް މައާލްގެ ގޮނޑި ދުއްވައިލިއެވެ. މައާލްގެ ކުރަހާ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި އޭނާ މައާލް ގޮވައިގެން އެތެރެއަށް ވަދެލިއެވެ. މައާލް އަތް ހޫރަމުން އެކި އެއްޗެހީގައި އަތްލަން މަސައްކަތް ކުރިއެވެ. ރާދިން މައާލް އޭނާގެ ކުރަހާ ސްޓޭންޑްތައް ކައިރިއަށްވެސް ގެންގޮސްލިއެވެ.

"މިއީ މައާލްކުރަހާފަ ދޯ... ހުރިހާ އެއްޗެސްވެސް ވަރަށް ރީތި." ރާދިން އެހެން ބުނެލުމުން މައާލް ބޯ ޖަހައިލިއެވެ.

"މައާލް ބޭނުމިއްޔާ މި އެއްޗެހި ރާއްޖެ ގެންދެވޭނެ ގޮތް ވެސް ހަދައިދީފާނަން. މައާލް އެކަމާ ހާސްނުވޭ..." ރާދިން ބުނެލިއެވެ.

"ނޫން. މި އެއްޗެހި ގެންގޮސްގެން ދެން އަހަންނަށް ކުރެވޭނެ އެއްވެސް ބޭނުމެއް ނެތް." މައާލްގެ މާޔޫސީ އަޑު އިވި ރާދިންއަށް މައާލްއަށް ބަލައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު