ނިމުނު އަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް 40 ކުއްޖަކު ނަގާފައިވާ ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފިއެވެ.
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން އާންމު ކުރި "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، ފޮސްޓަރިން، އަދި ރިއިންޓެގްރޭޝަން ޚިދުމަތުގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބު"ގައިވާ ގޮތުން އެ އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި 40 ކުދިންގެ ތެރޭގައި ތިބީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުއްޖެކެވެ.
އޭގެ އިތުރުން އާއިލާތަކާއި ނުވަތަ ވަޒީފާގެ އިތުރުން އިންޓާންޝިޕުގެ ފުރުސަތު ހޯދައިދީ 40 ކުއްޖަކު މިދިޔަ އަހަރު ރީއިންޓެގްރޭޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 22 ކުދިންނާއި ފިރިހެން 18 ކުއްޖެކެވެ.
މިދިޔަ އަހަރު 10 ކުއްޖަކަށް ބެލެނިވެރިކަން ހޯދާދީފައިވެއެވެ. އެއީ އަންހެން ހަތް ކުދިންނާއި ފިރިހެން ތިން ކުއްޖެކެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އިން ބުނާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 187 ކުދިން އެބަތިއްބެވެ. އެއީ ފިރިހެން 105 ކުދިންނާއި އަންހެން 82 ކުދިންނެވެ.
އެންމެ ފަހުން ބޭއްވި "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫން ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، ޢާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުންކަމަށެވެ.