މައުމޫނާއި އައްބާސްގެ ބައްދަލުވުން:
ތިން އަހަރު ތެރޭ ފަނޑުވި ގުޅުން އަލުން ބަދަހި ވެއްޖެ: މައުމޫނު

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ދަތުރުފުޅުގެ ސަބަބުން ވޭތުވެ ދިޔަ ދެ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ހީނަރުވެފައިވާ ރާއްޖެ އާއި ފަލަސްދީނުގެ ގުޅުން އަލުން ރަނގަޅުވަމުން އަންނަ ކަން މުޅި ދުނިޔެ އަށް ހާމަވެގެން ހިނގައްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްދީނުގެ ރައީސް އައްބާސްއާ އެކު ރޭ ކުނރުބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމަށް ފަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން މިއަދު ވިދާޅުވީ މިދިޔަ ދެ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އާއި ފަލަސްދީނުގެ ޒަމާންވީ ގުޅުމަށް ފަނޑުކަމެއް އައިސްފައި ވަނީ ބޭރުގެ އެކި ނުފޫޒުތަކާ ހުރެ ކަމަށެވެ. މައުމޫން ވިދާޅުވީ އައްބާސްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަހުދަތާއި ސިޔާސަތު އަލުން ހަރުދަނާ ވެގެން ދިޔަކަން ދުނިޔެ އަށް ހާމަވެގެން ގޮސްފި ކަމަށެވެ.

"މި ގުޅުމަކީ ވަރަށް ކުރީއްސުރެ ވެސް ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގުޅުމެއް. ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގުޅުން ފަނޑުވެގެން ދިޔައީ ބައެއް ކަހަލަ ބޭރުގެ ނުފޫޒުތައް އޭގެ ތެރެއަށް ވަދެގެން ވީގޮތެއް. މިހާރު އިރާދަކުރެއްވިޔާ އަނބުރާ އަޅުގަނޑުމެންގެ އިސްލާމީ ސަހްސިއްޔަތު ހަރުދަނާވެ، އަޅުގަނޑުމެންގެ އިސްލާމީ ސިޔާސަތު ރާއްޖޭން ބޭރުގައި މިހާރުން ފެށިގެން ފާޅުވެގެން ދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ފޯނުން ދެއްވި އިންޓަވިއުގައި މައުމޫން ވިދާޅުވި އެވެ.

ރޭގެ މަޝްވަރާތަކުގެ މައްޗަށް އަލިއަޅުވާ ލައްވައި މައުމޫން ވިދާޅުވީ ޔުނެސްކޯ އިން ފަލަސްތީނު ގައުމެއްގެ ގޮތުގައި ގަބޫލުކުރުމަށް ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރިވެފައި ނުވާތީ ފަލަސްތީނުގެ ވަފުދުން ރޭ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި ރާއްޖެ އެގޮތަށް އަމަލުކުރުމުން ފަލަސްދީނަށް ބޮޑު ޝޮކެއް ލިބުނު ކަމަށް ވިދާޅުވި ކަމަށެވެ.

"ދިވެހި ވަފުދުގެ އެއްވެސް ބޭފުޅަކު ޖަލްސާއަކު ނެތޭ ވިދާޅުވީ. ތި މަންނަމެން ވަރަށް ބޮޑަށް ހައިރާން ވިއޭ ތި މަންނަމެންނަށް ހީފުޅު ވެސް ނުކުރައްވަމޭ ދިވެހިރާއްޖޭން އެފަދަ ގޮތަކަށް އަމަލުކޮށްފާނެ ކަމަކަށް. މީގެ ކުރިން ނެތޭ އެކަހަލަ ކަމެއް ކޮށްފައެއް. ތި މަންނަމެން އެކަމާ ވަރަށް ދެރަފުޅުވެ ކަންބޮޑުވެފައޭ މިތިބީ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ރާއްޖެ އަށް ވެސް ވީ ވަރަށް ބޮޑު ދެރަޔަކަށޭ ސަރުކާރުން އެކަން އެ ކުރެއްވި ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ނަމަވެސް ދިވެހި ރައްޔިތުން ހުރިހާ ގޮތަކުން ނުރުހުން ފާޅުކުރިއޭ އަދި ރައްޔިތުން މަޖިލީހުގައި ވެސް އެ ވާހަކަ ދެއްކެވިއޭ. އަދި ވިދާޅުވި ސަރުކާރުގެ ބޭފުޅަކު އެބޭފުޅުންނާ ގުޅުއްވާ ފަހުން ވިދާޅުވިއޭ އެއީ އޮޅުމެކޭ ތި މަންނަމެން ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލަށް އެބަ ލިޔަމޭ އެ ވޯޓް އިސްލާހުކުރުމަށް ރަނގަޅުކުރަން. ދެން ތިމަންނަމެން ދެންނެވީމޭ އެއީ ވާނެ ކަމެއް ނޫނޭ. ތިއީ ކޮންކަހަލަ ވާހަކަފުޅެއްހޭ،" މައުމޫން ވިދާޅުވި އެވެ.

އައްބާސް ދަތުރުފުޅުގެ ސަބަބުން ބޭރުގެ ފިއްތުންތަކެއް ރާއްޖެ އަށް އަތުވެދާނެތޯ ސުވާލުދެންނެވުމުން މައުމޫން ވިދާޅުވީ ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރާނީ ހައްގަށް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ރާއްޖެ އިން ވަކާލާތު ކުރަނީ އެހެންވެގެން ކަމަށެވެ. އަދި އަރަބި އިސްލާމީ ގިނަ ގައުމުތަކުން ފަލަސްތީނުގެ މިނިވަންކަމަށް ފާޅުގައި ގޮވާއިރު ރާއްޖެ އިން އެ ގޮތަށް މަސައްކަތް ކުރުމަކީ މައްސަލަތަކެއް ނިކުމެދާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.


"މުޅި ދުނިޔެ ވެސް ގަބޫލުކުރާ ހައްގުތަކަށް އަޅުގަނޑުމެން ވެސް މި ގޮވާލަނީ. ދެން އެހެން ނަޒަރަކުން އެކަން ދުށުމަކީ އެއާ ދޭތެރޭގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. ދެން އަޅުގަނޑުމެންގެ ހިތުން ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުން ވެސް މިކަން ވަރަށް ބާރަށް ކުރިޔަށް ގެންދާއިރު އެއީ މާކަބޮޑު މައްސަލަތަކަކަށް ވާނެ ހެނެއް ހިއެއް ނުވޭ. އެހެން ގައުމުތަކަށް ވެސް ނޫޅޭ މައްސަލަތަކެއް ދިމާވެގެންނެއް،" މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގައި ފަލަސްތީނުގެ އެމްބަސީއެއް ބިނާކޮށް ދެ ގައުމުގެ މިނިސްޓަރުން ފެންވަރުގެ ކޮމެޓީއެއް އެކުލަވާލުމަށް އައްބާސް މަޝްވަރާ ކުރެއްވި ކަމަށާއި އެކަންތައްތަކާ މެދު ދެ ގައުމުގެ ފޮރިން މިނިސްޓަރުން އިތުރަށް ވާހަކަ ދައްކަވައި މިއަދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މަހުމޫދު އައްބާސް ރާއްޖެ ވަޑައިގެންނެވި އިރު މީގެ 28 އަހަރު ކުރިން، 1984 ވަނަ އަހަރު ފަލަސްދީނުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ޔާސިރު އަރަފާތު މާލެ ވަޑައިގަތީ މައުމޫންގެ ޒައާމަތުގަ އެވެ. މައުމޫން ވިދާޅުވީ އޭރު ފަލަސްތީނުގެ ރައީސް ރާއްޖެ ވަޑައިގަތުމުން ރާއްޖެ އިން އެރުވި މެހެމާން ދާރީ އަށާއި އަދި ގުދުސްފަންޑަށް ދިވެހިރާއްޖެ އިން ވެދިން އެހީ ފާހަގަކޮށް އެކަމަށް ފަލަސްތީނުން އެމަނިކުފާނަށް ޝުކުރު އަދާކޮށް އެކަން ފާހަގަކުރެއްވި ކަމަށެވެ.

"އޭގެ ސަބަބުން ދެ ގައުމުގެ ދެ މެދުގައި ގުޅުން ބަދަހިވެގެން ދާނެ. މިސާލަކަށް ދަނޑުވެރިކަން، ޓޫރިޒަމް، ތައުލީމީ މިހެން ގޮސް ހުރިހާ ދަނޑެއްގައި ވެސް ގާބިލް ތަޖުރިބާ ހުރި ތައުލީމީ ބޭފުޅުން އެބަ ތިއްބެވި. މި ހުރިހާ ގޮތަކުން ގުޅުން ބަދަހިވެގެން ދާނެ. އެބޭފުޅުންގެ މަޝްވަރާ އާއި އެހީ ލިބިގެންދާނެ. އެގޮތުން ރާއްޖެ އަށް އެހީތެރިކަން ލިބިގެން ދާނެ،" މައުމޫން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު