މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ލީޑުން ފެންނަ ތުރިލާ ޝޯ "ސިޓަޑެލް"ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.
ސްޓްރީމިން ސާވިސް އެމޭޒަން ޕްރައިމް އިން ރިލީޒްކުރާ މި ޝޯ އަކީ ޕްރިޔަންކާ ސްޕައި އަކަށް ހަދާ އެކްޝަނުން ފުރިގެންވާ ޝޯއެކެވެ.
ބޮޑު ބަޖެޓެއްގައި ތައްޔާރުކުރާ އެ ޝޯގައި ޕްރިޔަންކާއާއެކު ލީޑުން ފެންނާނީ އޭ ލިސްޓު ތަރި ރިޗާޑް މެޑެން (ގޭމް އޮފް ތުރޯންސް) އެވެ.
ޝޯގެ ފުރަތަމަ ޓްރެެއިލާ މިހާރު އާންމުކޮށްފައިވާއިރު ޓްރެއިލަރުން ވެސް ޝޯގެ ތަފާތު މަންޒަރުތަކެއް ފެނެއެވެ. އެގޮތުން ބޮޑެތި ސަރަހައްދުތަކާއި އެކި ކަހަލަ މާހައުލުތައް ޓްރެއިލާއިން ވެސް ދައްކުވާލަދެއެވެ. ސިޓަޑެލްގެ ޓްރެއިލާއިން ވެސް ފެންނަ ގޮތުގައި ޕްރިޔަންކާގެ އެކްޓިން ހުނަރު ވަރަށް ފުރިހަމަ އަށް ފެނިގެން ދެއެވެ.
ޓްރެއިލާއާއެކު އެތައް ފޭނުންގެ ސަޕޯޓެއް އަންނަނީ ޕްރިޔަންކާއަށް ރައްދުވަމުންނެވެ. އަދި އެތައް ބަޔަކު ތިބީ ޝޯ ފެށޭނެ ދުވަހަކަށް ކެތްމަދު ވެފައެވެ.
އެކްޝަން އަދި ތުރިލާ ޝޯއަކުން ޕްރިޔަންކާ ފެންނަ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އޭބީސީ އިން 2015 ވަނަ އަހަރު ނެރުނު ޝޯ އެއް ކަމަށްވާ "ކުއަންޓިކޯ" ގައި ވެސް ޕްރިޔަންކާ ވަނީ ލީޑް ރޯލުން ފެނިގެން ގޮސްފައެވެ. ތިން ސީޒަނަށް ކުރިއަށް ގެންދިޔަ އެ ޝޯގައި ޕްރިޔަންކާ ކުޅެފައިވަނީ އެފްބީއައި އޭޖެންްޓެއްގެ ރޯލެވެ. ކުއަންޓިކޯ އަކީ ޕްރިޔަންކާ ހޮލީވުޑަށް އެންމެ ފުރަތަމަ ވަތް ޕްރޮޖެކްތެވެ.
ސިޓަޑެލް ޕްރޮޑިއުސް ކޮށްފައިވަނީ މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ރުސޯ ދެބެއިންނެވެ. މިއީ މާވެލްގެ ބޮޑެތި ސުޕަހީރޯ ޕްރޮޖެކްޓުތައް ވެސް ޕްރޮޑިއުސްކޮށްފައިވާ ދެމީހުންނެވެ. ސިޓަޑެލް ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 އިން ފެށިގެންނެވެ.