ކޮވިޑް ވެކްސިން ނުޖަހާތީވެ، ޖޮކޮވިޗަށް ބީއެންޕީ ޕަރިބަސް އޯޕަން ޓެނިސް މުބާރާތް ގެއްލިއްޖެ

މެޗަށްފަހު ޖޯކޮވިޗް އުފާފާޅުކުރަނީ-- ފޮޓޯ/ގެޓީ

ކޮވިޑް ވެކްސިން ނުޖަހާތީވެ އެމެރިކާއަށް އެތެރެވުމަށް ވިސާ ނުލިބިގެން، ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށް ބީއެންޕީ ޕަރިބަސް އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ޖޮކޮވިޗް މިހާރު ވަނީ އިންޑިއަން ވެލްސްގައި އޮންނަ އެ މުބާރާތުން އޭނާގެ ނަން ނަގާފައެވެ. މިކަމާއި ގުޅޭގޮތުން މުބާރާތް އިންތިޒާމް ކުރާ ބީއެންޕީ ޕަރިބަސް އިން ބުނީ، ވެކްސިން ފުރިހަމަ ކޮށްފައި ނުވުމުގެ ސަބަބުން މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ޖޮކޮވިޗަށް ފުރުސަތު ގެއްލިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ބުނެފައިވަނީ، ބީއެންޕީ ޕަރިބަސް މުބާރާތުން ޖޮކޮވިޗަށް ފުރުސަތު ގެއްލުނު ނަމަވެސް އުއްމީދު ކުރަނީ ކުރިއަށްއޮތް މަޔާމީ މާސްޓާސް ޓެނިސް މުބާރާތުން ޖޮކޮވިޗް ފެނިގެންދާނެ ކަމަށެވެ.

ކޮވިޑް ވެކްސިނުގެ މައްސަލާގައި މީގެ ކުރިން ޖޮކޮވިޗަށް ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުންވެސް ފުރުސަތު ގެއްލިފައެވެ. އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ވާދަކުރުމަށް އޮސްޓްރޭލިއާއަށް އައުމުން އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ވަނީ ކޮވިޑް ވެކްސިން ނުޖަހާތީވެ، ޖޮކޮވިޗް ޑީޕޯޓްކޮށްލާފައެވެ.

ޖޯކޮވިޗް މިދިޔަ އަހަރު މެލްބަން އެއާޕޯޓުގައި-- ފޮޓޯ/ރޮއިޓާސް

ވެކްސިން ނުޖެހި ނަމަވެސް މިއަހަރު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ކުޅުމުގެ ފުރުސަތު ޖޮކޮވިޗަށް ދީފައެވެ.

ޖޮކޮވިޗް ވަނީ އެ މުބާރާތް ކާމިޔާބުކޮށް ޓެނިހުގެ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެކުޅުންތެރިން ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ޖޮކޮވިޗް އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް