ގާސިމް، އިންތިޚާބާ މެދު ގޮތެއް ނިންމާނީ ގައުމާއި ރައްޔިތުންނަށް ވިސްނާފައި: އިމްރާން

ރޭ ބޭއްވި ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިޚާބާ މެދު ގޮތެއް ނިންމާނީ ގައުމާއި ރައްޔިތުންނާ މެދު ވިސްނާފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާއެއް ކުރެއްވުމަށް ސަން އައިލެންޑުގައި އިމްރާން، ގާސިމާ ބައްދަލުކުރެއްވި ކަމުގެ އަޑުތައް ފެތުވެރިފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބާ މެދު ގާސިމް ވަކި ގޮތެއް ނިންމާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކަމާ މެދު އޭނާ ޝައްކު ނުކުރައްވައި ކަމަށެވެ.

"ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބާ މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަ ޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން." އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާފައިވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ކޯލިޝަން ހަދަން އިމްރާންގެ އަދާލަތުން ވެސް ވަނީ ނިންމައިފައެވެ. އަދި، މިއަދު އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރުމާއި ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް ދޭން ނިންމައިފައެވެ.

ރައީސް ޞާލިޙް ގެންދަވަނީ މި އަހަރުގެ އިންތިޚާބަށް ގާސިމްގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ މަނިކުފާނު ވެސް މީގެ ކުރިން ސަން އައިލެންޑުގައި ގާސިމާ ބައްދަލުކުރައްވާފައިވާއިރު އެ މަނިކުފާނުގެ ފަރާތުން ދެ ބޭފުޅުން ދާދި ފަހުން ވެސް ވަނީ އޭނާއާ ބައްދަލުކުރަން ސަން އައިލެންޑަށް ވަޑައިގެންފައެވެ.

އެކަމަކު، ޖޭޕީން މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ވަނީ އެ ޕާޓީން އިސްވެ އޮވެ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ލަފާ ދޭން ފާސްކޮށްފައެވެ. އެކަމާ މެދު އެ ޕާޓީން މިހާތަނަށް ރަސްމީ ނިންމުމެއް ނިންމައިފައެއް ނުވެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ މި ފަހަރުގެ އިންތިޚާބުގައި ގާސިމް ވާދަކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް ލޮބީ ކުރައްވަމުންނެވެ. އަދި، މިއީ އެ ޕާޓީއަށް ލިބޭ 'ރަނުގެ ފުރުސަތެއް' ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މި ވަގުތު އޮތް ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، ޖޭޕީގައި 22،000 އެއްހާ މެންބަރުން ތިބެއެވެ. އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.

އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީގެ ހިއްސާވާ ކޯލިޝަނަކުންނެވެ.

comment ކޮމެންޓް