ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުމުގެ ގޮތުގައި 35 ޕަސެންޓުގެ އިތުރުވުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑު ކުރުމަށް ނިންމައި، އެ ކަމުގެ ތަފުސީލު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް ވެސް މި ބަދަލުތަކާ އެކު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
މިގޮތުން، އިދާރީ މުވައްޒަފުންގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި 376 މުވައްޒަފުންނާއި އިސްލާމިކް ޔުނިވާސިޓީގައި 64 އިދާރީ މުވައްޒަފުން އަދި ޕޮލިޓެކްނިކްގައި 18 އިދާރީ މުވައްޒަފުން ތިބެއެވެ.
އެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެކިއެކި ވުޒާރާތަކަށް ދޭ 35 ޕަސެންޓުގެ އެލަވަންސް މިހާރު އެ މުވައްޒަފުންނަށް ނުލިބޭ ކަމަށެވެ. އެކަމަކު، އާ 'ޕޭ ފްރޭމް ވޯކް'އަށް ހިޖުރަ ކުރާއިރު، އެ އެލަވަންސް އިދާރީ މުވައްޒަފުންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހިޖުރަ ކުރާއިރު އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް ވެސް 35 ޕަސެންޓް އެލަވަންސް ލިބޭ ގޮތަށް އަޅުގަނޑުމެން ބަދަލު މި ގެންނަނީ." އޭނާ ވިދާޅުވިއެވެ.
އެކަން އިތުރަށް ތަފުސީލު ކޮށްދެއްވަމުން ނެޝަނަލް ޕޭ ކޮމިޝަންގެ ޗެއާމަން މުހައްމަދު ފައިޒަލް ވިދާޅުވީ މި އެލަވަންސަކީ އެ ތަންތަނުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނަށް ކަނޑައަޅާ ދާއިމީ ހައްލު ނޫން ކަމަށާއި އެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު ހުރިހާ ފަންނެއްގެ މުވައްޒަފުން ވެސް މީގެ ތެރޭގައި ހިމެނިގެން ދާނެ. މި ވަގުތު އަޅުގަނޑުމެން މި ބަދަލު ކުރަނީ އެކަޑަމިކް ޕްރޮފެޝަންތަކާއި އެ ތަނުގެ އިސް މަގާމުތަކާ. ދައުލަތުގެ އިދާރާތަކުގައި ވެސް ޕޭ ފްރޭމްވޯކަށް ބަދަލުނުވާ އިދާރާތަކުގައި ދެނީ 35 ޕަސެންޓު،" އޭނާ ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްގެ އެކެޑެމިކް މުވައްޒަފުންނާއި ވެރިންގެ މުސާރައަށް މި މަހުން ފެށިގެން ގެނައި ބަދަލާ އެކު، ޖުމްލަ 767 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.