ތަރައްގީގެ ގޮތުން ބަލައިފިނަމަ ކުރިއަށް އޮތް ހަ މަސްތެރޭ އައްޑޫ ސިޓީއަކީ މުޅިން ތަފާތު ތަނަކަށް ވާނެކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެގޮތުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރުމަށް ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫ އަކީ ތަރައްގީގެ ގޮތުން ދެކެވޭ ވާހަކަތަކުގައި ކުލަ ނުޖެހި އޮތް ސިޓީއެއް ކަމަށާއި ނަމަވެސް، މިއަދު ހާލަތު ބަދަލުވެފައި ވާކަމަށެވެ.
އެގޮތުން އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ލިބޭ 200 މިލިއަނެއްހާ ޑޮލަރު ހަމައެކަނި އައްޑޫގެ ތަރައްގީއަށް ޚަރަދުކުރާކަމަށް ނިޒާރު ވިދާޅުވިއެވެ.
"ރާއްޖޭގެ އިގްތިޞާދު އާމުދަނީގެ އިންބެލެންސް، ޚަރަދުގެ ނަހަމަކަން އެއޮތް މިންވަރު އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެއީ ނެތް އެއްޗެއްގެ ގޮތުގައި އިހުސާސްވާވަރަށް އައްޑޫގައި މަސައްކަތްތައް އެބަ ހިނގާ،" މޭޔަރު ވިދާޅުވިއެވެ.
އިގްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް އައްޑޫ ރައްޔިތުން ހެދުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މޭޔަރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ ރައްޔިތުން އަމިއްލައަށް ހޯދާ ފައިސާ އަމިއްލަ ޖީބަށް ލެވޭ ފަދަ މިނިވަން އިގްތިޞާދެއް ބިނާކުރުން ކަމަށެވެ.
"އައްޑޫގެ އިންފްރާންސްޓްރަކްޗާއަށް މިކުރާ ބޮޑު ހޭދައަކީ، އޭގެ މަތީގައި އައްޑޫގެ މިނިވަން އިގްތިޞާދެއް ބިނާކޮށްދިނުން. މި މަސައްކަތް ނިމިގެން ދާއިރު ފެންނާނީ އެހެން އައްޑޫއެއް،" މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގޮންޖެހުންތައް ހުރަސްކޮށް އައްޑޫގައި ޓުއަރިޒަމްގެ ވިޔަފާރި ވެސް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫގައި ރާއްޖޭގައި ހުރި ހުރިހާ އެއްޗެއް އެބަހުރި. އަޅުގަނޑުމެންގެ އެބަހުރި ޕޮލިޓިކަލް ހިސްޓޮރީއެއް. ދީނީ ގޮތުން ކިޔައިދޭނެ ސަގާފަތެއް، ވާހަކައެއް އެބައޮތް. ދައްކާނެ މަންޒަރުތައް އެބަހުރި. ރާއްޖޭގެ އެހެން ރަށަކުން ނުފެންނާނެ ވެއްޓެއް އެބަ އޮތް. އަދި ރާއްޖޭގެ އެއްވެސް ތަނަކުން ނުފެންނާނެހާ ބޮޑު ބިމެއް އެބަ އޮތް. އެޓްރެކްޓިވް ޑައިވް ޕޮއިންޓްސް އެބަ ހުރި. އައްޑީ އަކީ ޓުއަރިޒަމަށް މިރާއްޖޭގެ އެންމެ މުސްތަގުބަލް އޮތް ތަންކަމަްށް އަޅޫގަނޑަށް ގަބޫލުކުރެވެނީ،" މޭޔަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރެނާޓަސް ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް ޕޫސަޕާންއެވެ.
އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ)ގެ ލޯނު އެހީ ބޭނުންކޮށްގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.