ކޯޓުގައި ހިނގާ ތަފާތު އެކި މައްސަލަތަލަށް ވަކާލާތުކުރުމުގެ ރޯލުން މީގެކުރިންވެސް ފެނިފައިވާ އެކްޓަރު އަމީތާބް ބައްޗަން އެފަދަ އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.
ރިލަޔަންސް އެންޓަޓެއިންމަންޓްއާއި ޖިއޯ ސްޓޫޑިއޯގެ އިތުރުން އެހެން ދެ ފިލްމު ކުންފުންޏަކާ ގުޅިގެން އުފައްދާ މި ފިލްމަކީ، ރިބޫ ދާސް ގުޕްތާގެ ފިލްމެކެވެ. މީގެކުރިންވެސް އަމީތާބް ބައްޗަންވަނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރިބޫ ދާސް ގުޕްތާއާއެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ ފިލްމު "ޔުދް" އަދި "ތީން"އެވެ.
އަމީތާބު މިފަހަރު ސޮއިކުރި ޑްރާމާ ތްރިލާގެ ނަމަކީ "ސެކްޝަން 84"އެވެ. މިއީ ރިބޫ ދާސްއާއެކު އޭނާ މަސައްކަތްކުރާ ތިންވަނަ ފަހަރެވެ. މި ފިލްމުގައި އޭނާ ފެންނާނީ ލީޑް ރޯލްއިންނެވެ.
މި ފިލްމުގެ ނަމުން، މި ފިލްމާ ކޯޓުތަކާ ގުޅުންހުރިކަން ދޭހަވި ނަމަވެސް ފިލްމާބެހޭ މާގިނަ ތަފްސީލެއް އެއްވެސް ފަރާތަކުން ޢާއްމުނުކުރެއެވެ. ރިބޫ ދާސް ގުޕްތާ އަމިއްލަ ސްކްރިޕްޓަކަށް ލިޔެފައިވާ މިފިލްމާ އަމީތާބް ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ރިބޫ ވަނީ ބުނެފައެވެ.
ފިލްމުގައި އަމީތާބް ހިމެނިގެންދިއުމަކީ ފިލްމަށް ވެސް ލިބުނު ފަޚުރެއްކަމަށް ރިލަޔަންސް އެންޓަޓެއިންމެންޓްއިން ވަނީ ބުނެފައެވެ.
އެކްޓްކުރުމުގެ ދާއިރާގައި މިއަދާ ހަމައަށްވެސް ދެމިހުރި ކާމިޔާބު ފިލްމީތަރި އަމީތާބް ބައްޗަން ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި، "ޕްރޮޖެކްޓް ކޭ" އަދި 2025ވަނަ އަހަރަށް ތާވަލުކޮށްފައިވާ "ކާކީ 2" ހިމެނެއެވެ.
މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އަމީތާބް ފެނިފައި ވަނީ، "ޖުންދު"، "ރަންވޭ 34"، "ބްރައްމަސްތުރާ"، "ގުޑް ބާއި" އަދި ފިލްމު "އޫންޗާއި" އިންނެވެ.