ރާއްޖޭގެ މާލީ އަދި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އަދި އޮމާންގެ ސަރުކާރާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ސަރުކާރުގެ އިސްވެރިން ސައުދީ އަދި އޮމާންއަށް މިދިޔަ ހަފްތާ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން، އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސާލިމް އަލް ހަބްސީއާ އެކު މިނިސްޓަރު އަމީރު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ މާލީ ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލުކުރައްވައި، ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އެ ދަތުރުފުޅުގައި މިނިސްޓަރު އަމީރު ވަނީ އެ ގައުމުގެ ހަކަތައާ ބެހޭ މިނިސްޓަރު ސާލިމް ބިން ނާސިރު އަލް އައުފީއާ ބައްދަލުކުރައްވައި އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.
އަމީރު ވަނީ ސައުދީއަށް ވަޑައިގެން އެ ގައުމުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައެވެ. މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ސައުދީގެ ފިނޭންސް މިނިސްޓްރީން ވަނީ ސައުދީގެ މާލީ ވަޒީރުގެ ނައިބު ޑރ. ރިޔާދް އަލް ހަރީފްއާ ބައްދަލުކުރައްވާ މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަން ހާމަކޮށް ޓްވީޓްކޮށްފައެވެ.