ބަތަލާ ސާރާ ޢަލީ ޚާންއާއި އެކްޓަރު ވިކްރާންތް މަސޭ މުހިއްމު ރޯލްއިން ފެނިގެންދާ ފިލްމު "ގޭސް ލައިޓް" ރިލީޒްކުރުން މިހިނގާ މަހުގެ 31އަށް ތާވަލުކޮށްފިއެވެ.
މި ސައިކޮލޮޖިކަލް ތްރިލާ ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގައެވެ. މިފިލްމަކީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ފިލްމު ކުންފުނި ޓިޕްސް ކުންފުނިން އުފައްދާ ފިލްމެކެވެ.
މިފިލްމު ޑިޒްނީ ހޮޓް ސްޓާގައި ޕްރިމިއާކުރާ ޚަބަރު މީގެކުރިން ސާރާގެ މާމަ ބަތަލާ ޝަރުމީލާ ޓޭގޯވެސްވަނީ ކަށަވަރުކޮށްދީފައެވެ. މިފިލްމު ވާނީ ބަތަލާ ސާރާ އަލީ ޚާންގެ ދެވަނަ ޑިޖިޓަލް ރިލީޒްއަށެވެ. ސާރާ ޢަލީ ޚާންގެ ފިލްމުތަކުގެތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލީ ރިލީޒްކުރެވިފައިވަނީ، 2021ވަނަ އަހަރު ރިލީޒްވި ފިލްމު "އަތްރަންގީ ރޭ"އެވެ.
ލޯބީގެ ޙާދިސާއަކަށް ބިނާކޮށްގެން އުފެއްދި ފިލްމުގައި ސާރާ ޢަލީ ޚާންއާއެކު ފެނިގެންދިޔައީ އެކްޓަރު އަކްޝޭ ކުމާރު އަދި ތަމަޅަ އެކްޓަރު ދަނުޝްއެވެ. މިފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުޙީބެއްވަނީ ނުލިބިފައެވެ.
ސާރާގެ ކުރިއަށްއޮތް ފިލްމު "ގޭސް ލައިޓް"ގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރަނީ ޕަވަން ކްރިޕަލާނީއެވެ. ޕަވަންއަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާންއާއި ބަތަލާ ޖެކްލީ ފެނާންޑެޒް އަދި އަރުޖުން ކަޕޫރު ފެނިގެންދިޔަ ފިލްމު "ބޫތް ޕޮލިސް"ގެވެސް ޑައިރެކްޓަރެވެ. ޕަވަން އެންމެފަހުން ޑައިރެކްޓްކުރި ތްރިލާ ފިލްމަކީ ބަތަލާ ރާދިކާ އަޕްތޭގެ ފިލްމު "ފޯބިއާ"އެވެ.
ބަތަލާ ސާރާ ޢަލީ ޚާން ދާދިފަހުންވަނީ ސާރާގެ ފިލްމުތައް ފްލޮޕްވެ ބެލުންތެރިންގެ މެދުގައި މަޤުބޫލުނުވުމާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދީފައެވެ. އެހެންކަމުން ފިލްމު "ގޭސް ލައިޓް"އާމެދު ބަތަލާކުރާ އުއްމީދުވެސް ބޮޑެވެ. ކުރީގެ އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތްއާއެކު ފިލްމީ ކެރިއަރު ފެށި ބަތަލާވަނީ މިފިލްމުގެ އިތުރުންވެސް ތިން ފިލްމަކަށް ސޮއިކޮށްފައެވެ.
މީގެތެރެއިން ދެ ފިލްމެއް މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އަނެއް ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް އަހަރުތެރޭގައެވެ.