ރައީސް ޞާލިޙު އދ. ގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ތިން ގައުމަކަށް ރައީސް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޤަތަރަށް ވަޑައިގެން އެ ގައުމުގެ ވެރިރަށް ދޯހާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އދ. އާއި އދ. ގެ އޭޖެންސީތަކުގެ ދައުރާއި އެހީތެރިކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ރައީސްގެ އަރިހުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސާބިއާ އަދި ޖަރުމަނު ވިލާތަށް ވަޑައިގަންނަވާނެއެވެ.

ޤަތަރުގައި ބާއްވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު ސާބިއާއަށް ވަޑައިގެން ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނުވިލާތަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް