ބަތަލާ މަނޫޝީ ޗިލާ ތެލުގޫ ފިލްމަކަށް ސޮއިކޮށްފި

އަހަރުތަކަކަށްފަހު އިންޑިއާއަށް މިސް ވޯލްޑްގެ ތާޖު ހޯދައިދިން ބަތަލާ މަނޫޝީ ޗިލާ ތެލުގޫ ފިލްމަކަށް ސޮއިކޮށްފައިވާކަމަށް ބަތަލާ ބުނެފިއެވެ.

މިދިޔަ އަހަރު ޔަޝް ރާޖް ފިލްމްސްގެ "ސަމްރާތް ޕްރިތްވީ ރާޖް"އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ބަތަލާ ސޮއިކޮށްފައިވަނީ ވައިގެ އަސްކަރިއްޔާގެ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށްގެން އުފައްދާ ފިލްމަކަށެވެ.

މަނޫޝީގެ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމުން ލީޑް ރޯލްއިން ފެންނާނީ ތެލުގޫ އެކްޓަރު ވަރުން ތޭޖްއެވެ. މިފިލްމު ހިންދީ ބަހުން ގެނެސްދޭން ނިންމާފައިވާއިރު ފިލްމަށް ކިޔާނެ ވަކި ނަމެއް ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ. މިފިލްމު އުފައްދާނެކަން މިދިޔައަހަރު އިޢުލާނުކުރިއިރު ފިލްމުގައި ފެނިގެންދާނެ ބަތަލާއެއް އޭރުވަނީ ނުނިންމައެވެ.

މިފިލްމުގައި ޙަޤީޤީ ޙާދިސާތައް އަސްލަށް ބަލައިގެން ސީންތައް ފެންނާނެއިރު ފިލްމާބެހޭ މަޢުލޫމާތު ހިމެނޭ ކުޑަ ޓީޒާއެއްވެސް މަނޫޝީވަނީ ސަޕޯޓަރުންނާ ޙިއްސާކޮށްފައެވެ. ފިލްމުގައި ތެލުގޫ އެކްޓަރު އެއާފޯސް ޕައިލެޓްގެ ރޯލްއިން ފެންނައިރު މަނޫޝީ ފެންނާނީ ރާޑަރު އޮފިސަރުގެ ރޯލްއިންނެވެ. އިންޑިއާއަށް ދިމާވީ އެންމެ ވަރުގަދަ ޙަމަލާއިން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއާފޯސް ޓީމުން އޭރުކުރި މަސައްކަތް މިފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ.

ސޮނީ ޕިކްޗާސްއިން އުފައްދާ މިފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނީ ފީޗާ ފިލްމު ޑައިރެކްޝަނަށް އަލަށް ނުކުންނަ ޝަކްތީ ޕްރަތާބް ސިންގް ހާޑާއެވެ. މިދިޔަ އަހަރު ފިލްމީ ދާއިރާއަށް ބަތަލާ ތަޢާރަފްވި ފިލްމަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބީއެއް ނުލިބުނު ނަމަވެސް މަނޫޝީގެ އެކްޓިންގްއަށް ކްރިޓިކުންވަނީ ވަރަށްބޮޑަށް ތަޢުރީފުކޮށްފައެވެ.

މަނޫޝީގެ ކުރިޔަށް ހުރި އިތުރު ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު އެކްޓަރު ޖޯން އަބްރަހަމްއާއެކު ސޮއިކޮށްފައިވާ ފިލްމު "ތެހެރާން"، އަދި ވިކީ ކޯޝަލްއާއެކު ކުޅޭ ކޮމެޑީ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" ހިމެނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު