މިއީ ދުނިޔޭގެ ރެސްޓޯރެންޓުތަކާއި ކެފޭތަކުގައި މަސައްކަތާއި އާދަތައް އެއްކޮށްހެން ބަދަލުކޮށް, އާ ގޮތްތަކެއް ތައާރަފުކުރަމުން އަންނަ ދުވަސްވަރެކެވެ. ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަނީ ރެސްޓޯރެންޓް އިންޑަސްޓްރީއަށް އާ ބަދަލުތައް ގެނައުމަށެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ އަޑު އަހާލުމުން ފުރަތަމަ އެހާ ބޯ ހަމަޖެހޭ ޚިޔާލުތަކަށް ނުވެދާނެއެވެ. އޭގެތެރެއިން އެއް ކަމަކީ ސަބްސްކްރިޕްޝަންއަށް ރެސްޓޯރެންޓުން ކެއުމެވެ.
ސަބްސްކްރިޕްޝަނަކީ އާންްމުކޮށް މަހަކަށް ނުވަތަ ހަފުތާއަކަށް ވަކި އަދަދެއް ދީގެން ޚިދުމަތެއް ހޯދުމެވެ. މިސާލަކަށް ސްޓްރީމިން ސާވިސްތަކަށް ކޮންމެ މަހަކު ފައިސާ ދައްކައިގެން އެ ޚިދުމަތްތައް ބޭނުން ކުރުމަކީ އެންމެ ގިނަ ބަޔަކަށް ފާހަގަ ކުރެވޭނެ ސަބްސްކްރިޕްޝަނެވެ. އެހެންވީމާ މި ޚިދުމަތް ކެއުމާ ގުޅުވާނީ ކިހިނެއް ހެއްޔެވެ؟
ސަބްސްކްރިޕްޝަން މޮޑެލް ބޭނުންކޮށްގެން މިހާރު އެމެރިކާގެ ބައެއް ރެސްޓޯރެންޓް ޗެއިންތަކުން އަންނަނީ ކެއުމުގެ އާދަތަކަށް ބަދަލެއް ގެންނަމުންނެވެ. އެގޮތުން ބައެއް ބްރޭންޑުތަކުން އަންނަނީ މަހު ފީއެއް ދެއްކުމުން ރެސްޓޯރެންޓަށް ދާ ކޮންމެ ފަހަރަކު ހިލޭ ބުއިމާއި އެޕެޓައިޒާގެ އިތުރުން ބައެއް ކެއުންތައް ދެމުންނެވެ.
އެކްސްޕެރިމެންޓަލް މޮޑެލްއެއްގެ ގޮތުގައި ސަބްސްކްރިޕްޝަން އެންމެ ވަރުގަދައަށް ހިންގަމުން އަންނަނީ އެމެރިކާގެ ދެ ޗެއިނެއް ކަމަށްވާ "ޕަނޭރާ" އާއި "ޕީއެފް ޗޭންގް" އިންނެވެ. މި ދެ ކުންފުނިން ވެސް ތަފާތު ދެ މޮޑެލްއެއް ގެންގުޅެއެވެ.
އެގޮތުން ބައެއް ކުންފުނިތަކުން ގެންގުޅޭ މޮޑެލްއަކީ ކޮންމެ މަހަކު ދެމީހަކަށް ތިން ބާވަތެއްގެ ކެއުން، އެއީ އެޕެޓައިޒާއަކާއި ފޮނި އެއްޗެއް ފަދަ ކެއުމެއް ހިމެނޭ ސިސްޓަމެކެވެ. ގާތްގަނޑަކަށް 130 ޑޮލަރު ކޮންމެ މަހަކު ދެއްކުމުން ދެމީހަކަށް ރެސްޓޯރެންޓުން ތިން ބާވަތެއްގެ ކެއުން އެއް ފަހަރާ ކެވޭނެއެވެ. އެއަށްފަހު އެ މަހުގެ ތެރޭގައި ބުއިންތައް ރެސްޓޯރެންޓުން ހިލޭ ލިބޭނެ ކަމަށް ބައެއް ރެސްޓޯރެންޓުން ބުނެއެވެ.
ނަމަވެސް ޕީއެފް ޗޭންގުން ގެންގުޅެނީ ތަފާތު މޮޑެލްއެކެވެ. މި މޮޑެލްއަށް ޖެހޭނީ މަހަކު 6.77 ޑޮލަރު ދައްކާށެވެ. މި މޮޑެލްއާއެކު ކޮންމެ މަހަކު ރެސްޓޯރެންޓުން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އޭގެ އިތުރުން ބައެއް ކަހަލަ ބޯނަސް ކެއުންތައް ސަބްސްކްރައިބަރުންނަށް ލިބޭނެ ކަމަށް ވެސް ޕީއެފް ޗޭންގްއިން ބުނެއެވެ.
ސަބްސްކްރިޕްޝަންގެ ޚިދުމަތަކީ ކުރިއަށް އޮތް ތަނުގައި ވަރަށް މަގުބޫލު ވާނެ ޚިދުމަތެއް ކަމަށް ކަމާ ގުޅޭ މާހިރުން ގަބޫލު ކުރެއެވެ. ފައިނެންސިން ޕްލެޓްފޯމެއް ކަމަށްވާ "ރޮކެޓް މަނީ"އިން ބުނެފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައި އެވަރެޖުކޮށް އެމެރިކާގެ މީހަކު ޖުމްލަ ހަތް ވަރަކަށް ސަބްސްކްރިޕްޝަން ގެންގުޅޭ ކަމަށެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާ ނަމަ ބޮޑު އަދަދެކެވެ. އެގޮތުން 2019 ވަނަ އަހަރުގައި އެ އަދަދު ހުރީ ހަތަރެއްގައެވެ.