ހަނދާން ހުންނަން ފެށީއްސުރެން ބޭނުން ވަނީ ތައުލީމީ ދާއިރާއިން ކުރިއަށް ދާށެވެ. ދެވެން އޮތް އެންމެ އުހަކަށް ދާށެވެ. އޭރު އެންމެ ރަނގަޅު އާމްދަނީއެއް ލިބި ކުރަން އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި އެންމެންވެސް ދެކެނީ ތައުލީމީ ދާއިރާއިން ކުރިއަށް ދިއުން ކަމަށް ވާތީއެވެ.
ސާނަވީއާއި މަތީ ސާނަވީ ނިންމައި މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ދިޔައެވެ. ކުރި ހަމައެކަނި ކަމަކީ ކިޔެވުން އެކަންޏެއް ނޫނެވެ. އެކި ގޮތްގޮތަށް އެކި ފަހަރު މަތިން ކުރަން ބޭނުންވާ ކަންކަން ނުކޮށް ހުރެ، އެކި ކަހަލަ ވަޒީފާތަކަށް ޕާޓް ޓައިމްކޮށް ވެސް ގޮސް ހެދިއެވެ. އެގޮތަށް އުޅެގެން ވެސް ބޭނުންވީ ދިރިއުޅުމަށް ވިސްނާފައިވާ ލަޅުދަނޑި ހާސިލް ކުރާށެވެ.
އެތައް ފާއިސާއަކާއި ދަތީގައި ގިނަ އަހަރުތަކެއް އުޅުމަށް ފަހު ލެކްޗަރާއަކަށް ވެގެން އަނބުރާ ރާއްޖެއަށް އައީ ގައުމަށް ވެސް ޚިދުމަތެއް ކޮށްދިނުމުގެ މަގުސަދުގައެވެ.
ކުރާ މަސައްކަތާއި، އެ މަސައްކަތަށް ދޭހާ ވަގުތަށް ލިބޭ އާމްދަނީ ނުބައްދަލު ކަން ވިސްނުނީ، ކުރަން ޖެހޭ ޚަރަދުތަކާއެކު ހަމަޖެހޭ ދިރިއުޅުމަކަށް، އެކި ތަންތަނުގައި ޕާޓް ޓައިމްކޮށް މަސައްކަތް ކުރަން ޖެހުނު ހިސާބުންނެވެ.
ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެދުވަހުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އަބަދުވެސް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކޮށް ކުރާ މަސައްކަތާ އެންމެ އެކަށޭނެ އާމްދަނީއެއް ލިބޭނެ ތަނަކަށް ދިއުމަށް އަބަދުވެސް ޚިޔާލުކުރެވެއެވެ. އެއީ އެތައް ފައިސާއެއް ޚަރަދުކޮށްގެން، ގަނަތެޅިގެން މަސައްކަތްކޮށްގެން ޚިޔާރުކުރި ދާއިރާއިން ހަމަޖެހޭ ދިރިއުޅުމެއް ވެސް ރާއްޖޭގައި ލިބެން ނެތުމުންނެވެ.
މިއީ މިހާރު ރާއްޖޭގައި މަސައްކަތް ކުރާ ލެކްޗަރާއެއްގެ ދިރިއުޅުމުގެ ވާހަކައެވެ. އޭނައެކޭ އެއްގޮތަށް، އުޅޭ ތަން ބަދަލުކޮށް، ވަޒީފާ ބަދަލުކޮށް އަދި ޚިޔާރުކޮށްފައިވާ ދާއިރާ ބަދަލުކުރުމަށް ވެސް ވިސްނުން ގެންގުޅޭ އެތައް ބަޔަކު އުޅެއެވެ.
އެ ވިސްނުން ގެންގުޅެނީ ކުރާ މަސައްކަތަށް އެކަށޭނެ އުޖޫރާ ނުލިބި އެކަމުގެ ދަތިކަމާއި، މިހާރު ހުރި ހިސާބަށް އައުމަށް ކުރި އުނދަގޫ ދަތުރު ތަޖުރިބާ ކޮށްފައި ތިބި މީހުންނެވެ.
އެމީހުންގެ ވަޒީފާގެ ގޮތުން ހުރިހާ ވަގުތެއްހެން ދޭން ޖެހެނީ މަސައްކަތަށެވެ. ކިޔަވައިދޭ ކުދިންނަށެވެ. އެހުރިހާ ކަމަކަށް ފަހު އަމިއްލަ ނަފުސަށާއި އާއިލާއަށް ދޭނެ ވަގުތު ވެސް ގިނަ ފަހަރަށް ނޯވެއެވެ. އޭގެ ސަބަބުން އާއިލީ މައްސަލަތަކަށް ވެސް މަގުފަހިވެއެވެ.
"އެއްވެސް ވަގުތެއް ނޯވޭ ގިނަ ފަހަރަށް. އަނެއްކާ ޕޭ ރަނގަޅު ނުވެގެން އެކި ތަންތަނަށް ޕާޓްޓައިމްއަށް މިދާން ޖެހެނީ ކިޔަވައިދޭން. ޚަރަދުތަކަށް ވެސް ބުރޫއަރާ، އަމިއްލަ އާއިލާއަށް ދޭން ޖެހޭ ވަގުތު ވެސް ނުދެވޭ. ކުރި މަސައްކަތާއި، ހޭދަކުރި ފައިސާ އާއި މިހާރު މިކަމަށް ދޭ ވަގުތާއި ކުރާ މަސައްކަތަށް ވެސް ޕޭ ވޯތެއް ނޫން،" ލެކްޗަރާއެއް ބުންޏެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން --- ސަން ފޮޓޯ
އެ ޚިޔާލުތައް ނިމުމަކަށް ގެނެސް، އުއްމީދުގެ ހުޅުކޮޅު ރޯވީ މި މަހުގެ ދެ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ތ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ 59 އިންސައްތަ އިތުރުކޮށްފައިވާ ކަމަށް އިއުލާނުކުރި ހިސާބުންނެވެ.
ލެކްޗަރާއިންނަށް ކުރިން ލިބެމުން އައީ 18،680 ރުފިޔާ ކަމަށްވީ ނަމަވެސް މިހާރު އިތުރު ވަގުތާ ނުލައި 29،900 ރުފިޔާ ލިބޭނެއެވެ. ސީނިއާ ލެކްޗަރާއަކަށް ކުރިން ލިބެނީ 20،830 ރުފިޔާ ނަމަވެސް މިހާރު 34،000 ރުފިޔާ ލިބޭނެއެވެ. އެސިސްޓެންޓް ޕްރޮފެސާއެއްގެ މުސާރަ 23،500 ރުފިޔާއިން 39،400 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު އެސޯސިއޭޓް ޕްރޮފެސާއެއްގެ މުސާރަ 26،000 ރުފިޔާއިން 45،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ޔުނިވާސިޓީގެ އިސްވެރިންގެ މުސާރައަށް ވެސް ބޮޑު ބަދަލެއް ގެނެސްފައިވާ ކަން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. ޑީންއެއްގެ މުސާރަ 30،000 ރުފިޔާއިން 38،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ރަޖިސްޓްރާއެއްގެ މުސާރަ 23000 ރުފިޔާއިން 42000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރެއްގެ މުސާރަ 39،000 ރުފިޔާއިން 48،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާއެއްގެ މުސާރަ 14،000 ރުފިޔާއިން 26،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ވޮކޭޝަނަލް ލެކްޗަރާއެއްގެ މުސާރަ 17،000 ރުފިޔާއިން 29،000 ރުފިޔާއަށް ބޮޑުކޮށް، ވޮކޭޝަނަލް ސީނިއާ ލެކްޗަރާއެއްގެ މުސާރަ 17،000 ރުފިޔާއިން 34،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގެ ވެރިން --- ސަން ފޮޓޯ
މި ބަދަލާއެކު ލެކްޗަރާއިންނާއި ޔުނިވާސިޓީގެ އިސްވެރިންނަށް އެމީހުންގެ ދާއިރާއާ މެދު އުއްމީދު އާ ވެއްޖެއެވެ. މި ހުރިހާ ދުވަހުގެ ދަތި އުނދަގޫތަކަށް އެތައް ގޮތަކަށް ނިމުން ގެނުވާނެ ކަމަށް އެމީހުން ދެކެއެވެ. މިކަމުގެ ފައިދާ ލެކްޗަރާއިންގެ އިތުރުން ކިޔަވާ ކުދިންނަށް ވެސް ކުރާނެ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ދެކެއެވެ.
"ވޯކް އެތިކްސްތަކަށް ރަނގަޅު ބޮޑު ބަދަލެއް އަންނާނެ ކަމަށް ދެކެން. ރަނގަޅު ޕޭއެއް ލިބޭނެ ކަމަށް އެ އިއުލާނުކުރެއްވީ. އެހެންވީމަ އެ ބޭފުޅުން ވެސް ކިޔަވައިދޭ އެއްތަނަށް ކޮމިޓެޑް ވެފަ ޑެޑިކޭޓެޑް ވާނެ. އޭގެ ސަބަބުން ކުދިންނަށް ވެސް އެކެޑަމިކަލީ ވަރަށް ފައިދާ ކުރާނެ. މިހާރު އޮންނަ ގޮތުން ޕޭ ކުޑަ ކަމުން ލެކްޗަރާއިން އެކި ތަންތަނަށް އެބަ ދޭ ކިޔަވައިދޭން. އެކަން ނިމުމަކަށް އައިސް ލެކްޗަރާއިންގެ ފުލް އެޓެންޝަން ދެވޭނެ ދޭ އެއްތާކަށް،" ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
މުސާރައަށް މި ގެނައި ބަދަލަކީ ދާއިރާގެ އެންމެންވެސް އެކަމާ ވަރަށް އުފާކޮށް އެކަން ބަލައިގަތް ކަމެކެވެ. އެކަމުގެ ވާހަކަ ކޮންމެ މީހަކު ވެސް މިހާރު އެބަދައްކައެވެ. މުސާރަ ބޮޑުވި ފަރާތްތަކުގެ ދިރިއުޅުމަށް އަންނާނެ ބޮޑު ބަދަލާއި ފަހި ކަންކަމުގެ ވާހަކަ ޚުދު އެ މީހުން ވެސް ފާހަގަކުރެއެވެ.
"ނޯމަލީ ވެސް ބުރަ މަސައްކަތެއް. އެންމެ ދުވަހެއް ވެސް މިސް ވެއްޖެއްޔާ އެތައް ކުދިންނަކަށް އޭގެ އަސަރުކުރާނެ. އަދި ރަނގަޅު ޕޭއެއް ނުލިބޭތީ އޯލްރެޑީ ބުރަ މަސައްކަތް އިތުރަށް ބުރަވޭ. މެންޓަލީ ވެސް އަދި ފިޒިކަލީ ވެސް. ވަރަށް އެގްޒޯސްޓްވޭ. އެންމެ ތަނަކަށް ކިޔަވައިދޭން ގޮސްގެން ވެސް ނުފުދިގެން ދުވާލެއްގެ މައްޗަށް މަސައްކަތް ކުރަން ދާ ތަންތަން ގިނަ ވީމަ. ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހެއްގެ ދާއިރާއިން، ހަމައެކަނި ކުރާ ކަމެއް ކޮށްގެން ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް ހޯދޭ ވަރަށް ފުދެން، އެހެންވީމަ ސަރުކާރުން މި ގެނައި ބޮޑު ބަދަލު އެކަންކަން ރަނގަޅު ކޮށްދޭނެ،" ލެކްޗަރާއެއް ބުންޏެވެ.
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބޮޑުވި މުސާރައާއެކު އެތައް ދިރިއުޅުމަކަށް އަންނަނީ ހެޔޮ ބަދަލަކެވެ. އެ ފަހި ބަދަލުގެ އުއްމީދުގައި އެމީހުން ތިބޭތާ ކިތަންމެ އަހަރެއް ފާއިތުވެއްޖެއެވެ. އިންތިޒާރު ކިތަންމެ ދިގު ނަމަވެސް، އާޚިރު ނަތީޖާއާ މެދު ރުހޭ ކަމަށް އެމީހުން ބުނެއެވެ.
ސަރުކާރުގެ ފަރާތުން މި ގެނައި ބަދަލުގެ ސަބަބުން ތައުލީމީ ދާއިރާގެ ކިތަންމެ މީހަކު އެމީހުންގެ ދިރިއުޅުމާ މެދު ކުރާ އުއްމީދުތައް އިތުރުވެ، އާ ވެއްޖެއެވެ. މި ބަދަލު ގެންނަން ކިތަންމެ އަހަރުތަކެއް ނެގި ނަމަވެސް، އޭގެ ކޮންމެ މީހަކުވެސް މިއަދު ސަރުކާރަށް ޝުކުރުވެރިވެއެވެ. އައި ބަދަލަށް އުފާކުރެއެވެ.