"ޕްލީޒް ޑާލިން....އައި ބެގް ޔޫ......ހަމަ އެކަނި އެ ޖުމްލަ....ހިތުގައި ޔަގީންކަން އޮތިއްޔާ މީހެއްގެ އަގީދާ ނުގެއްލޭނެ. މިސާލަކަށް އަހަރެން ބުނެފާނަން. އަހަންނަކީ މުސްލިމެއް..................."ސައިރަސް ކާއިނާތުގެ ލޮލަށް ބަލަން އިނީ އާދޭހުގެ ނަޒަރަކުންނެވެ."ލުކް ޑާލިން. އަހަރެން އެބަޖެހޭ ދޯ މަންމަވެސް ރުއްސަން. ހަމައެކަނި މަގޭ ގާލްދެކެ ލޯބިވެއޭ ކިޔާފައި ހަޔާތުން މަންމަވެސް އެއްލައެއް ނުލެވޭނެ. މަންމައަކީ އަހަންނަށް ވަރަށް ސްޕެޝަލް ޕާސަންއެއް. ކާއީ ބުނެބަލަ. އަހަންނަށްޓަކާ މިވަރުގެ ކުޑަކަމެއް ކޮށްނުދެވޭނެތަ؟އެންމެ ޖުމްލައެއް......"

ކާއިނާތުގެ ހަޔާތުގެ އެންމެ މުހިއްމު ސުވާލު އޭނައާއި ކުރިމަތިވިއެވެ.

"އަހަރެން މިބުނި އެއްޗަކާއިމެދު ރަގަޅަށް ވިސްނައިލީމަ ކާއީއަށް އެނގޭނެ. މިސާލަކަށް އަހަރެން ބުނީ އަހަންނަކީ އަންހެނެކޭ އެހެން ބުނީމަ ވާނެތަ؟ ހިތުގައި ވާ އެއްޗެއް ބަދަލެއް ނުކުރެވޭނެ ދޯ. ވީމަ ބޭރުފުށުން އަދި މީހަކު ރުއްސަން ބުނެލާ އެއްޗަކުން އެމީހެއްގެ ދީނެއް ނުގެއްލޭނެ ކާއީ. ޖަސްޓް ފޯ މައި ސޭކް މަންމަ ގާތު އެއްބަސްވޭ. އޭރުން ހުރިހާ ކަމެއް ފުރިހަމަވީ. އަހަރެމެންނަށް މެރީވެސް ކުރެވިދާނެ. އެކަމަކު އީސާއީ ދީނުގައި އޮންނަގޮތަށްވެސް ހަފްލާއެއް ބާއްވަންވާނެ. އަދި ކާއީ ބޭނުންވާގޮތަށް މުސްލިމުންގެ އޮންނަގޮތަށް ކައިވެނީގެ ކަންތައް ނިންމިދާނެ. ކީކޭ ކާއީ ބުނަނީ؟"

ކާއިނާތުގެ ސިކުނޑީގައި އަލިފާން ހިފާފައިވާފަދައެވެ. އިންޒާރުގެ ރަގަބީލުގެ އަޑުވެސް ހަރުވަމުން އައެވެ. އެހެން ހުރިހާކަމަކަށް އެއްބަސްވެވިދާނެއެވެ. އެކަމަކު ދީނާއިމެދު ވިސްނާލުމުން އޭނަގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. ނޫނެކެވެ. އޭނައަކަށް އެކަމަކަށް އެއްބަހެއް ނުވެވޭނެއެވެ. މަޑުމަޑުން ގޮސް އޭނަގެ ދީން ބަދަލުކުރަންވެސް ސައިރަސް މަޖުބޫރުކޮށްފާނެއެވެ. ލޯބީގެ ބާރު ކިތަންމެ ގަދަވިޔަސް އޭނައަށް އެވަރުގެ ބޮޑު ނިންމުމެއް ނިންމާކަށް ނުކެރޭނެއެވެ.

"ސައިރަސް....އަހަންނަށް....އަހަންނަށް ނުކެރޭނެ..."

"އެންމެ ރަގަޅު.."ސައިރަސްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފުރަތަމަ ފަހަރަށް ފެނުނެވެ. ކާއިނާތުގެ އެޖުމްލައިން މާޔޫސްވީފަދައެވެ.

"އެހެންވިއްޔާ ދެން މި ގުޅުން ނިންމާލަމާ. ކުރިއަކަށް ނުދެވޭނެއްނު..."

"ލިސެން ސައިރަސް..."

"ނޫން އިތުރަށް އަޑުއަހަން ބޭނުމެއްނޫން. އަހަރެން ހީކުރީ ކާއީ އަހަރެންދެކެ ވީ ވަރަށް މާތް އަގުހުރި ލޯތްބެއްކަމަށް. އެފަދަ މަތީ ދަރަޖައެއްގެ ލޯތްބެއް އެހެންމީހަކު ވީތަނެއް ނުދެކެން. އެކަމަކު އެވަރުގެ ކުޑަ ކަމެއްކޮށްލަން ނުކެރުމުން އެލޯތްބަށް އިތުބާރުކުރާނީ ކިހިނެއް؟ އަހަރެންގެ އުފާތަކާއިމެދު ކާއީ ވިސްނައެއްނުލި. މަންމައާއި ރުޅިވެގެން ކާއީއާއެކު ދިރިއުޅުން ހޯދަންވެސް މަށަކަށް ފަސޭހަ ނުވާނެތީ އެހެން ބުނަން އެދުނީ.....ވީމަ އެންމެ ރަގަޅުވާނީ ދެމީހުން އެމީހެއްގެ އަމިއްލަ ރާސްތާގައި ކުރިއަށް ދިޔުން...."ސައިރަސް ތެދުވެގެން ދާން ހިނގައިގަތުމުން ބަސްހުއްޓިފައި ކާއިނާތު ބުދެއްހެން ގާވެފައި ހުއްޓެވެ. ލޮލުން އައި ކަރުނަ ތިކި ފޮހެލިއެވެ.

***

ކާއިނާތު ޓެސްޓްކުރާ ޑިވައިސްއަށް ބެލީ ބިރުން ހުރެއެވެ. އޭގައި ރަތްކުލައިގެ ގަދަ ދެރޮގު ފެންނާން އިނުމުން މޫނަށް އަނިދިރިވާގޮތްވިއެވެ. ކާހިތްނުވުމާއި ވަރުބަލިވުން އަދި މޭނުބައިކުރިޔަސް އޭނަ ހީކުރީ ގޭސްޓްރައިޓިސްގެ އުދަގޫތައް ކަމަށެވެ. ތަފާތު ބާވަތްބާވަތުގެ ކާއެއްޗެހި ކެއީމަ ހަޖަމުގެ ނިޒާމަށް އުދަގޫތަކެއް ވީކަމަށެވެ. ދެމަސްވޭތުވެގެން ދިޔައިރުވެސް އޭނައަށް ރޭކާނުލީ އުޅެވުނު އުފާވެރި ދިރިއުޅުމުގެ ސަބަބުންނެވެ. ނަމަވެސް ކުއްލިއަކަށް އޭނައަށް އެހުރިހާ އުފާތަކެއް ބިރުވެރި ހުވަފެނެއްކަމުގައި ދެކެވުނެވެ. އެނބުރި ގައުމަށްގޮސް އާއިލާއާއި އެކުވެރިންނާއި ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ އަމިއްލަ އިއްޒަތާއި އަބުރުވެސް މިއޮތީ ލޯބީގެ ނަމުގައި ވެއްޔާ މޮޑާލެވިފައެވެ. އޭނަ ޖެހޭނީ ސައިރަސްއާއި ކައިވެނިކުރުމަށެވެ. މިނޫންގޮތަކަށް ލަދުގައި ނުބެދި ބޯ ދަމައިގަންނާނެގޮތެއް ނުފެނުނެވެ. ކާއިނާތުއަށް އެނޫނީ އިތުރު ހައްލެއް ނުފެނުނެވެ. މިހާ ނާޒުކް އަދި ހިތާއި ގުޅުން ހުރި މައްސަލައެއްގައި އެކުވެރިންގެ ޚިޔާލު ހޯދުމަށްވެސް އޭނަ ފަސްޖެހުނެވެ.

***

ހުދުކަފަކޮޅެއްފަދަ ސްނޯގެ ތެރެއިން މާތައް ބޯދިއްކޮށްލާފައިވާއިރު މަންޒަރުތައް ކިތަންމެ ހިތްގައިމުވިޔަސް ފިނީގެ އިހުސާސް އަދިވެސް ކުޑައެއްނުވެއެވެ. ލައިގެން ހުރި ބޯ ކެހެރި ހެދުމުގެ ތެރެއިންވެސް ކާއިނާތުއަށް އިހުސާސްވަމުން ދިޔައީ ގަދަ ފިންޏެވެ. މޫސުމަށް ބަލާއިރު އެންމެ ހިތްގައިމު ތަނަކީ ރާއްޖެކަން ޔަގީނެވެ. ކާއިނާތު ކޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު ފަހަރަކު ސުޕާރީކޮޅެއް އަނގަޔަށް ލަމުން ދިޔުމުން ދޭތެރެއަކުން އަންނަ މޭބޮޑުވުމުގެ ހަމަލާ ކުޑަވިއެވެ.

"ހެލޯ ސައިރަސް.."ސައިރަސް ކާރުން ފޭބުމުން ކާއިނާތުއަށް އެހެން ފަހަރުފަދައިން މަރުހަބާ ކިޔަން ދުވެފައެއް ނުދެވުނެވެ.

"ހޫމް..." ސައިރަސްގެވެސް މޫޑެއްނެތެވެ.

"އަދިވެސް ރުޅިތަ؟"

"ރުޅިތޯ ނޫންތޯ އެއް މުހިއްމެއްނޫން ދޯ. އަހަރެން އޮތީ އޯލްރެޑީ ބުނެފައި.............................."

"އެންމެ ރަގަޅު. އަހަރެން ސައިރަސް މަންމަ ކައިރީ އެގޮތަށް ބުނެފާނަން..."

"ރިއަލީ؟"ސައިރަސްގެ ނިތުގައި ގިނަވެފައިވާ ރޫތައް ފިލިއެވެ.

"އާނ...."

"ތެންކިއު ބޭބީ. ކުރިންވެސް އެނގުނޭ..."ސައިރަސް ކާއިނާތުއާއި ދިމާލަށް ހިނގައިގަނެވުނީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.

***

ދެ ހަފްތާފަހުން ކާއިނާތު ދިން ޚަބަރަކުން ސައިރަސް އެހާ އުފަލެއްނުވިއެވެ. އެހާ އަވަހަށް ދަރިއަކު ލިބުމުން އެމީހުންގެ އުފާވެރިކަމާއި "ހަނީމޫން" މާ އަވަހަށް ނިމިދާނެކަމުގައި ބުނެ ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. އޭނަ ޚިޔާލުދިނީ އެ ނައްތައިލުމަށެވެ. ކާއިނާތުގެ ސިކުނޑީގެ ތެރެއިން އެއްޗެއް ގޮވާ ކުދިކުދިވެގެން ދިޔަފަދަ ނުބައި އިހުސާސެއްކުރެވުނެވެ. އޭނަ ހީކުރީ ސައިރަސް އުފަލުން މޮޔަވާނެފަދަ ޚަބަރެއްކަމަށެވެ. އެކަމަކު ސައިރަސްގެ ފިނި ޖުމްލައިން ކާއިނާތުއަށް ހިންދިރުވައިލެވުނެވެ. ސައިރަސްގެ ނުރުހުން އަމާޒުވެދާނެތީ ދިފާއުގައި ބުނާނެ އެއްޗެއްވެސް ނުވިސްނިފައި ހުރިއިރު ލޮލުގައި ގިނަވި ކަރުނަތިކި ކޯތާފަތް މަތިން ތިރިއަށް ފައިބައިގެން ހިގައްޖެއެވެ.

"ޑޯންވޮރީ. އެޕޮއިންޓްމެންޓެއް ހައްދާނަން. ތިއީ ދެރަވާންވީވަރުގެ ކަމެއްނޫން..." ސައިރަސް ކާއިނާތުގެ ލޮލުން ކަރުނަ ތިކި ފޮހެލަދިނެވެ.

"ސައިރަސް......"

"އަހަރެންގެ ޚިޔާލު ބަދަލެއްނުވާނެ. އަދި ދަރިއަކު ބަލާނެ ވަގުތެއް އަދި އެ ޒިންމާނެގޭކަށް ނެތް. ސޮރީ ކާއީ..މިސްޓޭކެއް ހެދުނީމަ ޖެހޭނީ އެކަން ރަގަޅުކޮށްލަން، ނޫންތަ؟" ސައިރަސް ކާއިނާތުގެ ނިތްކުރިއަށް ބޮސްދިނެވެ." އެބައޮތޭ އެއްކަލަ ޖައްވީ މިޝަން. ޓްރޭނިން ވަރަށް ވަރުގަދަވާނެ...ކާއީއަށް ވާނެތަ؟"

ކާއިނާތުގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަން އޭނަ ބޮޑު ހަގުރާމައެއް ނަފުސާއިކުރިއެވެ. ހިތް ރޮނީއެވެ. ނަމަވެސް އެންމެ ޝަކުވާއެއްވެސް ދުލާއި ހަމަޔަށް ގެންނަން ކުޅަދާނައެއްނުވިއެވެ. ސައިރަސްހެދިހާ ގޮތަކަށް ކިޔަމަންތެރިވެގެން އަޅެއްފަދައިން ހުރުން ނޫންގޮތެއް މިއަދު އޭނައަކަށް ނެތެވެ. އޭނަދެކެ ސައިރަސް ލޯބިވާނަމަ އޭނަގެ ޖަޒުބާތުތަކަށް ގަދަރުނުކުރާނެހެއްޔެވެ؟ ހީވާގޮތުން އެއްފަރާތުން ވެވޭ ލޯތްބެކެވެ.

ރޭގަނޑު ނުނިދިފައި އެނދުގައި ދެފަރާތަށް ފުރޮޅި އޮތްވާ ކުޑަދޮރުން ހަނދު ފެނުމުން އިރުގަނޑެއްވާންދެން ހަނދަށް ނަޒަރު ހުއްޓާލައިގެން އޮވެވުނެވެ. ސައިރަސް މިރޭ ގެއަށް ނައީ ކީއްވެހެއްޔެވެ؟ އަވަދިނެތި އުޅުނަސް އިރުއޮއްސޭއިރަށް ގެއަށް ވަނުމަކީ އޭނަގެ އާދައެކެވެ. ފޯނަށް ގުޅެނީއެއްވެސް ނޫނެވެ.

"ސައިރަސް ކޮންތާކު؟ ހާދަ ލަސްވެއްޖެއޭ. އަހަރެން ބިރުގަންނާނެ ވަރު ނޭގޭތަ؟"

އެތައް ފަހަރު ގުޅިއްޖެއެވެ. ފޯނަށް ރިންގުވިޔަސް ނަގަނީއެއް ނޫނެވެ. އޭނައަށް ކަމެއްވީހެއްޔެވެ؟ ސައިރަސްއަށްޓަކާ ނިދި ގެއްލުވާލައިގެން އޮތްވާ އޭނަ ކޮޓަރިއަށް ވަނީ ފަތިސްވާން އުޅެނިކޮށެވެ. ގާތްވެލުމުން ރަލާއި އަންހެން ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުމާއެކު ކާއިނާތުއަށް ހޮޑު ދުއްވައިލެވުނީ ސައިރަސްގެ ގަޔަށެވެ.

"ކާއީ ކޮން ހަޑިއެއް ތިހާވަނީ؟"

"ސޮރީ......"ކާއިނާތު ހާސްވިއެވެ. އޭނަ އޯކަށް ދަމަމުން ދުއްވައިގަތީ ފާޚާނާއާއި ދިމާލަށެވެ.

"އެހެންވެގެންނޭ ބުނަނީ ތިކަމުން ސަލާމަތްވާށޭ. ބުނާގޮަތަށް ހެދެނީއެއްވެސް ނޫން. ކިހާ ފޫހިދެން.....ރުޅި ނާންނަން ހުއްޓަސް މިވަރުން އެއްޗެހި ބުނެވޭނެ ދޯ....."ސައިރަސް ކާއިނާތުގެ ފަހަތުންގޮސް ފާޚާނާއަށް ވަނެވެ. އޯކަށް ދަމަމުންގޮސް ކާއިނާތުގެ މޫނު ހުދުވެ ވަރުބަލިވާގޮތްވިއެވެ. ހެދުނަށް އޭނަގެ ހާލު އިތުރަށް ގޯސްވެއެވެ.

"ކޮންތާކުން ސައިރަސް އައީ..."

"އަހަރެން ހުރީ ފްރެންޑަކާއެކު...ދެން އިތުރު ތަފްސީލު އަހައިފިއްޔާ ކާއީ ދެރަވެ ރޯންޖެހޭނީ. އެކަމަކު އެހެންވަނީވެސް ކާއީގެ ސަބަބުން. ތިހިރީ މީހާގެ ހާލު. ކިރިޔާ ގާތްވެލިޔަސް ހޮޑުދުއްވާލަނީ...."ސައިރަސް ސްޓީމް ބާތެއް ނަގަން ވަންނަމުން ހީލިއެވެ. ކާއިނާތުއަށް އެހީވާކަށްވެސް ނޫޅުނެވެ.

އަމިއްލަ ހާލާއިމެދު ހަމްދަރުދީވެ ރޮވޭގޮތްވުމުން ކާއިނާތު ތުންފަތުގައި ބާރަށް ދަތް އަޅައިގަތެވެ.

***

ސައިރަސްގެ މަންމަ މިސިޒް ކްރޯފޯޑް އެދުނީ އޭނަގެ އެކުވެރިއެއްގެ ދަރިއަކަށްވާ ނަތާޝާއާއި ސައިރަސް ކައިވެނިކުރުމަށެވެ. ނަތާޝާގެ ރީތިކަމާއި މުއްސަދިކަން އަދި ޝާހީއާއިލާއަކީ ކާއިނާތުފަދަ އަންހެންކުއްޖަކާއި އަޅާކިޔޭނެ ކަމެއްނޫނެވެ. ސައިރަސްވެސް އެކަން ގަބޫލުކުރެއެވެ. ނަމަވެސް އޭނައަށް ލޯބިވެވުނީ ކާއިނާތުދެކެއެވެ. ލޯތްބަކީވެސް ފާޑެއްގެ އެއްޗެކެވެ. ދެރައީ މަންމަ މަޖުބޫރުކުރާވަރުން ނަތާޝާއާއި އެކުވެރިކަން ބަދަހިވެ އެގުޅުން އެހެން ފަތްތަރަކަށް ދެވުމެވެ. އެއީ ރަލާއި މަސްތުގެ ހާލުގައި އަތުންފައިން ހެދޭ ގޯސްތަކެވެ. ނުވީތާކަށް ކައިވެނި ކުރާނަމޭވެސް ބުނެވިއްޖެއެވެ.

ކާއިނާތު މޫނު ދޮވެލާ ހެދުމަށްފަހު ކަޅުސަޔާއި ހިކި ބިސްކޯދެއް ކައިލުމުން މެޔަށް ލުއިވިއެވެ. ކަރަންފުލެއް އަނގަޔަށް ލައިގެން އޭނަ ސިޓިންރޫމަށް ނުކުތްއިރު ސައިރަސް އަލިފާން އަންދާތަނުގެ ކައިރީގައި އޮށޯވެލައިގެން ފޯނެއްގައި އޮތެވެ. ކާއިނާތު ފެނުމުން ފޯނު ބޭއްވިއެވެ.

"ހެލޯ ބޭބީ...ކިހިނެއް ހާލު؟"

"ފައިން...."

"މިއަދު ޑޮކްޓަރަށް ދައްކަން ދެވޭވަރުވެއްޖެތަ؟"

"ނޫން.....މިއަދަކު ނޫން....ލައިޓްހެޑެޑްނެސް.." ކާއިނާތު ބޯ ހޫރައިލިއެވެ.

"މަންމަ ޑިނާއަކަށް އިންވައިޓްކޮށްފައި އެބައޮތް. ކާއީ ބަލިކަމުން މަންމައާއިވެސް ބައްދަލުކުރަން ދެވޭކަމަކަށް ނުވޭ..."

"ރަގަޅުވީ ދުވަހަކުން ދާނީ....."ކާއިނާތު ބަލިކަށި އުއްމީދެއްނެތް އަޑަކުން ބުނެލައިފިއެވެ. ސައިރަސްއާއިމެދު ހިތުގައި އުފެދި ކުރިލަމުންދާ ޝައްކުތައްވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ގިނަވަމުންނެވެ. ދެންމެ ފޯނުން ވާހަކަދައްކަން އޮތީ އަންހެންކުއްޖަކާއިކަން ޔަގީންވީ އޭނަގެ ކަންފަތުގައި އެކުއްޖާގެ ހުނުމުގެ ތޫލި އަޑު ޖެހުނުގޮތުންނެވެ. ވީޑިއޯ ކޯލެއްގައި އޮތްއިރު ކޮންމެވެސް ވަރަކަށް ފެނުނުވެސް މެއެވެ. ސައިރަސް ކުއްލިއަކަށް ފޯނު ކަނޑާލިގޮތުންވެސް އެކަން ޔަގީންވިއެވެ.

"ކާއީ މިތާ އިށީދެބަލަ ތިހާ މޫޑީނުވޭ...."ސައިރަސް ކާއިނާތުގެ އަތުގައި ހިފާ ގެނެސް ގާތުގައި ބޭންދިއެވެ."އަހަރެން ލޯބިވާވަރު އެނގޭތަ؟"

ކާއިނާތުގެ ލޯ ކަރުނުން ތެމުނެވެ.

"އަހަރެން އަސްލު ވަރަށް ލޯބިވޭ. އަހަންނަށް އެނގޭ ކާއީ އަހަރެންދެކެ ލޯބިވާވަރަށް އެެހެން އަންހެންކުއްޖަކުނުވެސް ވާނެކަން. އެކަަކު މަންމަމެން ދެކެނީ ހުރިހާ އެއްޗަކީ ލޯބި ނޫންކަން. ދުނިޔޭގައި އުޅެން ލޯތްބަށްވުރެ ފައިސާއާއި ނުފޫޒު އަދި ވަރުގަދަ އާއިލާ މުހިއްމުކަން. އެހުރިހާ ވިސްނުމަކާއިއެކުވެސް ކާއީއާއިއެކު ދޯ މިއުޅެނީ. ވީމަ މިހާ ގްލޫމީ މޫޑެއްގައި ނުހުރެ އަހަރެންގެ ހިތުގައިވާ ހަމަނުޖެހުންތައް ދުރުކޮށްދީބަލަ ކާއީ...."ސައިރަސް އެދުނެވެ.

ކާއިނާތު ހިނިތުންވެލިއެވެ.

"ކުރިން ތިބުނާހެން އުޅުނީ. މިހާރު...."

"މިހާރު މައްސަލައަކީ ކާއީ ބުނާގޮތަށް ނަހަދާތީ. އެންމެ ރަގަޅު.. ސަނީ ޕެރެޑައިސްއަށް ދަމާ ހިނގާ...."

"ނޫން ނޫން..އެއީ ކީއްކުރަން؟"

"މިކޮޅުގެ ފިނިކަންދެކެ ފޫހިވެއްޖެ. އަބަދާއަބަދު ސްނޯފޯލްވީމަ ކަމަކުނުދޭ. ކާއީއަށް އެނގޭތަ؟ ގިނަމީހުން ފިނިމޫސުމްގައި ހޫނުތަނެއްގައި އުޅެލަން ބޭނުންވާނެ. ކާއީ ބަހައްޓާފައި އަހަރެން ރާއްޖެ ގޮސްލާފައި އަންނާނަން. މައްސަލައެއްނެތް....."ސައިރަސްގެ ޖުމްލައިން ކާއިނާތު ކަންބޮޑުވިއެވެ.

***

ސައިރަސް ކުރުނުކޮށްގެން އެންމެފަހުން ކާއިނާތު ދަތުރަށް ތައްޔާރުވާންފެށިއެވެ. ޑޮކްޓަރަށް ދައްކައިގެން އޭނަ ދިން ބޭހުން ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނަސް ވަރުބަލިކަމުން ތެދުވެ އުޅޭހާ ހަކަތައެއްވެސް ނުހުރެއެވެ. މަންމަގެ ޚަބަރެއް ނުވާތީ ގުޅުމުން ފޯނުނެގީ މޭރީއެވެ.

"އަވަށްޓެރިއެއްގެ ގެއަށް ގޮއްސަވީ. އަހަރެން މިގޭގައި ބަހައްޓަން މަންމަ ބޭނުމެއްނުވޭ. ފެންވަރާ ފާޚާނާއަށްވަދެ އަމިއްލައަށް ހުރިހާކަމެއް ކުރަނީ. އަހަރެން ރަށަށް ގެންދާން ސައިރަސް ގާތު ބުނެފިން. މަންމައަށް އެހެން މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނުވޭ..."

"އޯހް...."ކާއިނާތު ދެން ބުނާނީ ކީކޭހެއްޔެވެ؟

އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

ތިންވަނަ ދުވަހު ޚަބަރުލިބުނީ މަންމަ ކޮޓަރިތެރެއަށް ވެއްޓިގެން އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. ކައިނާތުގެ މެޔަށް ނުބައިގޮތެއްވިއެވެ. ނަސީބަކުން އެރޭ ސައިރަސް ކާއިނާތު ގޮވައިގެން ފުރަން ހަމަޖެހިފައިވާތީ މަންމައާއި ހަމަޔަށް ފޯރަން މާގިނަ ދުވަހެއްނެތްކަން އެނގުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު