އިންޑިއަން އައިޑަލްއިން ވިދާލި މަޝްހޫރު ތަރިންކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނީތާ ކަންޖީލާލްގެ 'މިއުޒިކަލް އައިޑަލް' ޝޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި ޓުއަނިވަލް ހަރަކާތުގައި ވަނީ ގިނަ އަދަދެއްގެ އާންމުންގެ ފަރާތްތަކުން ބައިވެރިވެފައެވެ.
މި ޝޯއަށް ޓިކެޓް ނަގައިގެން ވަދެވޭ ގޮތަށް އޮތް ނަމަވެސް ފަހުން ވަނީ ބޭނުންވާ ފަރާތްތަކަށް ޝޯ ބަލާލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޝޯގައި ޕަވަންދީޕްއާއި އަރުނީތާ ވަނީ ވަނީ ހިތްގައިމު ލަވަތަކެއް ހުށަހަޅާ އާންމުންގެ ހިތްތައް އަތުލައިފައެވެ. ޝޯ ނިމެންދެން އެ ސަރަހައްދުގައި އާންމުންގެ ތަރުހީބުގެ އަޑުތައް ވަނީ ގުގުމާލާފައެވެ.
މި ޓުއަނިވަލާ ބެހޭގޮތުން ޓުއަނިވަލްގެ ކޯފައުންޑަރު މުހައްމަދު ޒާކިރު މީގެ ކުރިން ވިދާޅުވީ މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ހަރަކާތަކީ މީގެ ކުރިން ވެސް ބޭއްވި ވަރަށް ކާމިޔާބު ހަރަކާތެއްކަމަށެވެ.
މިއުޒިކަލް އައިޑަލްގެ ނަމުގައި އޮންނަ މި ޝޯއަކީ ދިވެހިންނަށް ޚާއްސަ ކުރާ ހަރަކާތެއްކަމަށް ޒާކިރު ވިދާޅުވިއެވެ.
މީގެ ކުރިން މި ޝޯގައި ދިވެހި ދެ ފަންނާނުންކަމަށްވާ ޝަލަބީ އިބްރާހީމާއި، ރާފިޔަތު ރަމީޒާ ވެސް ލަވަ ހުށަހަޅާނެކަމަށް ބުނި ނަމަވެސް ރޭގެ ޝޯގައި މި ދެ ފަންނާނުން ޕާފޯމްކޮށްފައެއް ނުވެއެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބައިވެރިވެފައެވެ.
ޝޯ ގައި ބައިވެރިވުމަށް ޕަވަންދީޕް އާ އަރުނީތާ ރާއްޖެ އައީ ބުދަ ދުވަހުއެވެ.
"ސަން"އިން ކުރި ސުވާލަކަށް މީގެ ކުރިން ޖަވާބުދެމުން ޕަވަންދީޕް އާއި އަރުނީތާ ބުނީ ދިވެހިންނާ ބައްދަލުކޮށް، ޝޯ ދިނުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އެ ޝޯގައި ވަރަށް ފުރިހަމަ ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ ދެ މީހުން ވަނީ ބުނެފައެވެ.
ޕަވަންދީޕް އާއި އަރުނީތާ ރާއްޖޭގައި މަޑުކުރަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.