ދުނިޔެވީ އެދުންތަކުގެ ސަބަބުން އުޚްރަވީ ހަޔާތް ގެއްލިދާނެ: ޚުތުބާ

އިމާމަކު ޚުތުބާ ކިޔަނީ: މިއަދުގެ ޚުތުބާގައި ގޮވާލީ ދުނިޔޭގެ އެދުމަށް ނުހެއްލުމަށް -- ސަން ފޮޓޯ

ދުނިޔެވީ އެދުންތަކުގައި އިންސާނާ މަޝްއޫލުވުމުގެ ސަބަބުން އުޚްރަވީ ހަޔާތް ގެއްލިދާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޚުތުބާގައި ބުނީ، ދުނިޔެއާމެދު އަހަރެމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެހެނީ ދުނިޔޭގެ ޒީނަތްތެރިކަމަކީ އިންސާނާ އޭނާގެ ވެރި ރަސްކަލާންގެ ހަނދުމަ ކުރުމުން އެއްކިބާކުރާ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ. ދުނިޔޭގައި އެއްވެސް ވިސްނުމެއް ނުބަހައްޓާ އުޅެންފަށައިފި ނަމަ، އެންމެ ފަހުން ތިބާ އެ ކެހިވެރިކަމުގައި ޖެހޭނެކަމަށް ޚުތުބާގައި ބުންޏެވެ.

"ދުނިޔެވީ ހަޔާތާ ގުޅޭގޮތުން މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. 'ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއް ކަމުގައި މެނުވީ ނުވެއެވެ. ތަޤްވާވެރިވާ މީހުންނަށް އާޚިރަތުގެ ގޯތި މާ ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟' މި ބަސްފުޅުން ވެސް އިންސާނާއަށް ދުނިޔެވީ ހަޔާތް ދެއްވާފައި ވަނީ އޭނާގެ އުޚްރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްކަން އިނގެއެވެ." ޚުތުބާގައި ބުންޏެވެ.

މުދާ ހޯދުމުގައި ވެސް މާތްﷲ އެއްގެވި ގޮތަށް ހަލާލް މަގު އިހުތިޔާރު ކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލިއެވެ. އެގޮތުން ކިތަންމެ މުދަލެއް ހޯދިނަމަވެސް އެ މުދާ ފަނާވެދާނެކަން ހަނދާންކޮށްދިނެވެ.

"ނަމަވެސް ބައެއް އަފުރާދުންގެ ޢަމަލުތައް ހުންނަނީ ހިތާމަކުރަން ޖެހޭފަދަ ގޮތަކަށެވެ. އެބައިމީހުން ދުނިޔެއާމެދު ދަހިވެތިވެ، މުދަލާއިގެން މަޝްއޫލުވުމުގެ ސަބަބުން، ނަމާދު ކުރާކަށް ވަގުތެއް ނެތެވެ. މުދާ ހޯދުމުގައި ހަޜާމެއް ހަލާލެއް ބެލުމެއް ނެތެވެ،" ޚުތުބާގައި ބުންޏެވެ.

ޢާފިލުވެފައިވާ ބަޔަކަށް އަހަރެމެން ވެގެން ނުވާނެކަން ހަނދާންކޮށްދީ ޚުތުބާގައި ބުނީ، ދުނިޔެވީ މަސައްކަތްތަކާ އެ މަސައްކަތްތަކުގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބޭނެ ގޮތްތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި މާތްﷲ އަށްޓަކާ އަދާކުރަންޖެހޭ އަޅުކަންތަކާއި އެ އަޅުކަން އަދާކުރަންވީ ގޮތްވެސް އަހަރުމެން ދަންނަން ޖެހޭކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ޚުތުބާގައި ގޮވާލީ، ހަމަ އެކަނި ދުނިޔެވީ ކަންކަމުގައި މަޝްއޫލުވެ އުޚްރަވީ ހަޔާތް ހަނދާން ނައްތާ ނުލުމަށެވެ. އަދި އަހަރެމެންގެ މުދަލާއި، ދަރީންނަކީ، މާތްﷲގެ މަގުން އަހެރެމެން އެއްކިބާ ކުރާ އެއްޗެހި ކަމުގައި ނުހެދުމަށެވެ.

comment ކޮމެންޓް